ކޮވިޑް-19 ފެތުރުން ކޮންޓްރޯލްކުރުމުގައި އެދެވޭ ކުރިއެރުންތަކެއް ލިބެމުންދާކަމުގެ ނިޝާންތައް ފެންނަން ފަށާފައިވާ ކަމަށާއި ނަމަވެސް ފިޔަވަޅުތަކަށް އަދި ލުއިދެވެން ނެތް ކަމަށް ޓެކްނިކަލް އެޑްވައިޒަރީ ގްރޫޕުގައި ހިމެނިވަޑައިގަންނަވާ ޑރ. އަހުމަދު ޝަހީދު ރޭ ވިދާޅުވެއްޖެ އެވެ.
ހެލްތު އިމަރޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ)ން ދަރުބާރުގޭގައި ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޝަހީދު ވިދާޅުވީ ބަލި ފެތުރުން ކޮންޓްރޯލްކުރުމަށް އަޅާފައިވާ ރައްކާތެރިކަމުގެ ފިޔަވަޅުތަކަށް ލުއިދިނުމުގައި ބަލާ މައިގަނޑު އަސާސްތަކާއި މިންކުރުންތަކަށް ފާއިތުވި ދެ ހަފްތާގެ ތެރޭގައި އެދެވޭ ކުރިއެރުންތަކެއް އައިސްފައިވާކަން ފާހަގަކުރެވިފައިވާ ކަމަށެވެ.
"ރައްކާތެރިކަމުގެ ފިޔަވަޅުތައް އިތުރުކުރުމާއި އަދި ރައްޔިތުން ވެސް ފިޔަވަޅުތަކަށް ދިން ތަރުހީބާއި އެއާއެއްގޮތަށް އަމަލުކުރުމުގެ ސަބަބުން އަޅުގަނޑުމެންނަށް ކޮންމެވެސް ވަރަކަށް އެބަ ފެނޭ އެދެވިގެންވާ ބަދަލުތަކެއް އަންނަތަން. އެގޮތުން ބަލާލާއިރު ފްލޫ ކްލިނިކްސްތަކުން ޕޮޒިޓިވްވާ އަދަދު އޯގަސްޓާއި އަޅާބަލާފައި ދަށަށް އެބަވޭ. ވީކްލީ ސްކޯ ކޮންމެ ވެސް ވަރަކަށް އޯގަސްޓްއާއި އަޅާބަލާފައި މިވަނީ ދަށްވެފައި،" އޭނާ ވިދާޅުވި އެވެ. "ހަޔަކާއި ހަތަކާ ދެމެދު މިހާރު މިހުރީ. ކޮންމެވެސް ވަރަކަށް ސްޓޭބަލް ކުރެވިފައި."
ޑރ. ޝަހީދު ވިދާޅުވީ އެޕިޑަކަމިކް ކޮންޓްރޯލްކުރުމުގައި ކޮންމެ ހަފްތާއަކު ވެސް މޮނިޓާކުރާ ކަންތައްތަކަށް މިދިޔަ މަހާ އަޅާބަލާއިރު މިމަހުގެ މަހުގެ ފުރަތަމަ ދެ ހަފްތާގައި އެދެވޭ ބަދަލުތަކެއް އައިސްފައިވާ ކަމަށެވެ. އެގޮތުން ފްލޫ ކްލިނިކްތަކުން ޕޮޒިޓިވްވާ މީހުންގެ ޕަސެންޓް އޯގަސްޓްމަހު އުޅުނީ 18 އާއި 20 ޕަސެންޓާ ދެމެދު ކަމަށް އޭނާ ވިދާޅުވި އެވެ. ނަމަވެސް ފާއިތުވި ދެ ހަފްތާގައި އެ އަދަދު 13 ޕަސެންޓްގައި ހިފެހެއްޓިފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.
"މިހާރު އެޗްޕީއޭއިން އަޅާފައިވާ ފިޔަވަޅުތަކަށް ދުލެއް ދެވޭކަށް އަދި ނޯންނާނެ. އަދި ރައްޔިތުން ވެސް މި ފިޔަވަޅުތަކާ ދޭތެރޭގައި އެއްގޮތަކަށް ވެސް ފަރުވާ ކުޑަކޮށްގެން ކަމަކު ނުދާނެ. މި އަދަދުތަކާ މީހުންގެ ބިހޭވިޔައާއި މިވަނީ ވަރަށް ބޮޑަށް ގުޅިފައި،" ޑރ. ޝަހީދު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ބައްޔަށް ފަރުވާ ދިނުމަށް ކަނޑައަޅާފައިވާ ޖާގަތަށް ބޭނުންކޮށްފައިވާ މިންވަރު ހުރި މިންވަރަށް ބަލާއިރު އޯގަސްޓްމަހު ކޭސްތައް އެންމެ އިތުރުވި ދުވަސްވަރު އެ ޕަސެންޓް 80ގައި ހުރި ކަމަށެވެ. ނަމަވެސް މި މަހުގެ ފުރަތަމަ ދެ ހަފްތާގެ ޓްރެންޑްސްއަށް ބަލާލާއިރު އެ އަދަދު ވެސް ދަށްވެ، އެޑްމިޓްކުރެވޭނެ ޖާގަ އިތުރުކުރެވިފައިވާ ކަމަށް ޑރ. ޝަހީދު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ އެއްވެސް ކްލަސްޓާއަކާ ގުޅުމެއް ނެތް ކޭސްތައް ވެސް އޯގަސްޓްމަހާ އަޅާބަލާއިރު ފާއިތުވި ދެ ހަފްތާގައި 30 ޕަސެންޓާ 35 ޕަސެންޓާ ދެމެދު ހިފެހެއްޓިފައިވާ ކަމަށެވެ. އަދި ޕޮޒިޓިވްވާ މީހުންގެ އަދަދު ދެގުނަ ވުމަށް ނަގާ މުއްދަތު ވެސް މިދިޔަ މަހާ އަޅާބަލާއިރު ފާއިތުވި ދުވަސްތަކުގައި ލަސްކުރެވިފައިވާ ކަމަށް ވެސް ޑރ. ޝަހީދު ވިދާޅުވި އެވެ.
"އަދިވެސް މި ނަންބަރުތައް ދަށަށް ދަނީއޭ ބުނަން އަވަސް. އަޅުގަނޑު ދަންނަވާނީ އަދަދުތައް ސްޓޭބަލްވަނީއޭ. ނުވަތަ އެއްވަރެއްގައި ހިފެހެއްޓެނީއޭ،" އޭނާ ވިދާޅުވި އެވެ.
ޑރ. ޝަހީދު ވިދާޅުވީ ރައްކާތެރިކަމުގެ ފިޔަވަޅުތަކަކީ ކޯވިޑަށް ލިބޭ ދާއިމީ ހައްލެއް ނޫން ކަމަށެވެ. ނަމަވެސް އެ ފިޔަވަޅުތައް އަޅާފައި ވަނީ ބައްޔާއެކު ދިރިއުޅުން ކުރިއަށްގެންދިއުމަށް ކަމަށް އޭނާ ވިދާޅުވި އެވެ.
ކޮވިޑަށް އިއްޔެ ވެސް އިތުރު 81 މީހަކު ޕޮސިޓިވްވެފައިވެ އެވެ. ހުކުރު ދުވަހުގެ އިރުއޮއްސި 6:00 އިން ފެށިގެން އިއްޔެ ހަވީރު 6:00 އަށް މާލޭ ސަރަޙައްދުން 70 މީހަކު ޕޮޒިޓިވްވެފައިވެ އެވެ. އަދި އަތޮޅުތަކުގެ ރަށްތަކާއި ރިސޯޓްތަކުން ތިން މީހަކު އަދި ސަފާރީތަކުން 8 މީހަކު ޕޮޒިޓިވްވެފައިވެ އެވެ.
އެޗްޕީއޭއިން އާއްމުކުރި ތަފާސްހިސާބުތައް ދައްކާ ގޮތުން އަލަށް ޕޮޒިޓިވްވި މީހުންގެ ތެރެއިން 58 މީހުންނަކީ ދިވެހިންނެވެ. ދެން ހިމެނެނީ ބަންގްލަދޭޝްގެ 11 މީހަކާއި، ބްރެޒިލްގެ 4 މީހަކާއި، އިންޑިއާގެ 3 މީހަކާއި، ޕާކިސްތާނުގެ 2 މީހަކާއި، ކެންޔާގެ އެކަކާއި، ކްރޮއޭޝިއާގެ އެކެއްގެ އިތުރުން އޮސްޓްރޭލިޔާގެ އެކަކެވެ. މިއާއެކު މިހާތަނަށް ރާއްޖެއިން ޖުމްލަ 9،649 މީހަކު ވަނީ ކޮވިޑް-19 އަށް ޕޮޒިވްވެފަ އެވެ.