ވޮޝިންޓަން (24 މާޗް)- ޖޯންސަން އެންޑް ޖޯންސަން އިން އުފެއްދި ކޮވިޑް ވެކްސިން ކާމިޔާބު ކަމަށް އެމެރިކާގެ ފުޑް އެންޑް ޑްރަގް އެޑްމިނިސްޓްރޭޝަން (އެފްޑީ.އޭ) އިން ބުނެފި އެވެ.

އެފްޑީއޭ އިން ނެރެފައި އިން ބަޔާނެއްގައި ބުނާގޮތުން މި ވެކްސިން ކޮވިޑާ ދެކޮޅަށް 66 ޕަސެންޓް މަސައްކަތްކުރާ ކަމަށް ބެލެވެ އެވެ. މި އިންސައްތަ އަކީ 44،000 މީހުން ބޭނުންކޮށްގެން ކުރިޔަށް ގެންދިޔަ މި ޓަރަޔަލްއިން ދައްކާ އަދަދެކެވެ.

ޖޯންސަން އެންޑް ޖޯންސަން އިން ދީފައިވާ އާ ޑޭޓާއިން ދައްކާ ގޮތުގައި 28 ދުވަހަށް ފަހު މި ވެކްސިން 64 އިންސައްތަ އަށް ކޮވިޑް ގެ ކޭސްތައް ހުއްޓުވުމަށް މަސައްކަތް ކުރެ އެވެ. މި ނަތީޖާ ލިބިފައިވަނީ ދެކުނު އެފްރިކާގެ ގިނަ އަދަދެއްގެ ބަޔަކަށް މިވެކްސިން ޖެހުމަށް ފަހު އެވެ. ދެކުނު އެފްރިކާގައި މިހާރު ދަނީ ކޮވިޑްގެ އާ ވޭރިއެންޓެއް ވެސް ފެތުރެމުންނެވެ.

މި ވެކްސިން ޖެހުމަށްފަހު ޖުމްލަ ގޮތެއްގައި 28 ދުވަހަށް ފަހު، ކޮވިޑް ޖެހިގެން އެޑްމިޓް ކުރަންޖެހޭ ފަދަ ހާލަތަކަށް މީހާ ދިއުމަށް 100 ޕަސެންޓް ރައްކާތެރިކަން ލިބޭ ކަމަށް ވެ އެވެ. އަދި މިވެކްސިން ޖެހުމުން މިހާތަނަށް އެއްވެސް މީހަކު މަރުވެފައި ނުވެ އެވެ.

އެމެރިކާގައި މިހާތަނަށް ކޮވިޑް ޖެހިގެން 500،000 އަށްވުރެ ގިނަ މީހުން މަރުވެފައިވެ އެވެ. އަދި ފައިޒާ އާއި މޮޑާނާ ވެކްސިންގެ ސަޕްލައިތައް ލަސްވުމާ ގުޅިގެން އެ ގައުމުގައި ވެކްސިން ދިނުން ވަނީ ވަރަށް ބޮޑަށް ލަސްވެފަ އެވެ.

ޖޯންސަން އެންޑް ޖޯންސަން އިން ބުނިގޮތުގައި މިހާރު ވެސް ހަތަރު މިލިއަން ޑޯޒް ތައްޔާރަށްހުރި ކަމަށާއި އިތުރު 20 މިލިއަން ޑޯޒް މިމަހުގެ ފަހުކޮޅަށް ފުރުވާލެވޭނެ އެވެ. އަދި އަންނަ ޖޫން މަހުގެ ނިޔަލަށް 100 މިއަން ޑޯޒް އެމެރިކާއަށް ފޯރުކޮށްދެވޭނެ ކަމަށް ވެސް އެ ކުންފުނިން ބުނެފައިވެ އެވެ.

ކޮވިޑްގެ އެހެން ވެކްސިންތަކާ ހިލާފަށް މި ވެކްސިން ގައި ހިމެނެނީ އެންމެ ޑޯޒް އެކެވެ. އަދި މި ވެކްސިން އާދައިގެ ފްރިޖެއްގާއި ވެސް ރައްކާކުރެވެ އެވެ.

މި ވެކްސިން ޖެހި މީހުންގެ ތެރެއިން ތިން މީހަކަށް ސީރިއަސް ސައިޑް އިފެކްޓްތައް ފެނިފައިވާއިރު މާބޮޑަށް ކަންބޮޑުވާންޖެހޭ ފަދަ ކަމެއް މިވެކްސިންގެ ސަބަބުން ފެންނަން ނެތް ކަމަށް ވެސް އެފްޑީއޭ އިން ބުންޏެވެ.

އެފްޑީއޭ އިން ބުނިގޮތުގައި މި ވެކްސިންނުން ފެންނަ ކަންކަމުގެ ތެރެއިން އިންޖެކްޝަން ޖަހާ ތަނުގައި ރިއްސުން 48.6 ޕަސެންޓް އަދި ބޮލުގައި ރިއްސުން 39 ޕަސެންޓް، ވަރުބަލިވުން 38.2 ޕަސެންޓް އަދި ގައިގާ ރިއްސުން 33.2 ޕަސެންޓް މީހުންނަށް ދިމާވެ އެވެ. މީގެ އިތުރުން ނުވަ ޕަސެންޓް ބައިވެރިން ހުންއައިސް 0.2 ޕަސެންޓް މީހުން ވަރަށް ގަދަޔަށް ހުން އައި ކަމަށް ބުނެފައިވެ އެވެ.

ރެގިއުލޭޓަރުން ބުނިގޮތުގައި މި ވެކްސިންގެ ސަބަބުން ހިތުގެ ބައްޔެއްގެ ކޭސްއެއް ފެނިފައިވެ އެވެ. ނަމަވެސް މިކަން އަދި ޔަގީނެއް ނުވާ ކަމަށް ވެސް ބުނެފައިވެ އެވެ.

ދުނިޔޭގައި މިހާތަނަށް 112 މިލިއަން މީހުން ކޮވިޑް އަށް ޕޮޒިޓިވްވެ 2.5 މިލިއަނަށް ވުރެން ގިނަ މީހުން މި ބަލީގައި މަރުވެފައިވެ އެވެ. -- ރޮއިޓާސް