ސަލްޓަން ޕާކު މަރާމާތުކޮށްދޭނެ ބަޔަކު ހޯދަން މާލޭ ސިޓީ ކައުންސިލުން އިއުލާންކޮށްފި އެވެ.
މާލޭ ސިޓީ ކައުންސިލުން ކުރި އިއުލާނުގައި ވަނީ އެ އިދާރާގެ ބެލުމުގެ ދަށުގައިވާ ސަލްޓަން ޕާކު މަރާމާތުކޮށްދޭނެ ބަޔަކު ހޯދުމަށް ބޭނުން ވާތީ، އެ މަސައްކަތަށް ބީލަން ހުށަހެޅުމުގެ ފުރުސަތު މިހާރު ހުޅުވާލާފައިވާ ކަމަށެވެ.
އެހެންވެ، އެ މަސައްކަތް ކުރުމަށް ޝައުގުވެރިވާ ފަރާތްތަކުން މި މަހު 18 ގެ ކުރިން މައުލޫމާތު ސާފުކުރުމަށް ފަހު، މި މަހު 24 ގައި އަގު ހުށަހަޅަންޖެހޭނެ ކަމަށް އެ އިއުލާނުގައިވެއެވެ.
އިއުލާނުގައިވާގޮތުން އަގު ހުށަހެޅުމުގައި ބައިވެރިވެވޭނީ ދިވެހި ކުންފުނި، ޕާޓްނާޝިޕް، ލޯކަލް އިންވެސްޓްމެންޓް އަދި ވިޔަފާރިކުރުމުގެ ހުއްދަ ލިބިފައިވާ ފަރާތްތަކަށް އެކަންޏެވެ.
ރަސްފަންނާއި ސަލްޓަންޕާކް މާރާމާތުކޮށް ހިތްފަސޭހަ ތަނަކަށް މި ސަރުކާރުން ހައްދަވައިދެއްވާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު އިއްޔެ ވަނީ ވިދާޅުވެފައެވެ.
އެމަނިކުފާނު އެފަދައިން ވިދާޅުވިއިރު، މާލޭ ސިޓީ ކައުންސިލުން ވަނީ އެ ދެ ތަން މަރާމާތު ކުރުމަށް ވާންޖެހޭ ތައްޔާރީތައް ވެފައި ކަމަށް މޭޔަރު އާދަމް އާޒިމް ވިދާޅުވިއެވެ.
އަހަރުތަކެއް ވަންދެން މާލޭގެ މޭޔަރު ކަމުގައި ރައީސް މުއިއްޒު ހުންނެވިއިރު، އެ ދެ ތަން މަރާމާތު ކުރުމަށް އެއްވެސް މަސައްކަތެއް ކުރައްވާފައިނުވާތީ ގިނަ ބައެއްގެ ފާޑުކިޔުން އަންނަނީ އަމާޒުވަމުންނެވެ.