މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންސްޓްރަކްޝަން ކޮމްޕެނީ (އެމްޓީސީސީ) ގެ ޗީފް އޮޕަރޭޓިން އޮފިސަރު (ސީއޯއޯ) އަކަށް ސިނާން އަލީ އައްޔަންކޮށްފި އެވެ.
ސިނާން އަލީ ކުރިން ހުންނެވީ އެ ކުންފުނީގެ ބޯޑު މެންބަރަކަށެވެ.
ސިނާން އަކީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައިވެސް އެމްޓީސީސީގެ ބޯޑު މެމްބަރެއްގެ ގޮތުގައި ހުންނެވި ބޭފުޅެކެވެ.
އޭގެ ފަހުން އައިލެންޑް އޭވިއޭޝަން ސާވިސަސް (އައިއޭއެސް) ގެ ބޯޑު މެންބަރުކަންވެސް ސިނާން ކުރެއްވި އެވެ.
އެމްޓީސީސީގެ ބޯޑު މެމްބަރުގެ މަގާމަށް ސިނާން ތިން ވަނަ ފަހަރަށް އައްޔަންކުރީ އެމްޑީޕީގެ މިދިޔަ ވެރިކަމުގައި 2019 ވަނަ އަހަރުގެ ފެބްރުއަރީ މަހުގެ ތެރޭގަ އެވެ.
ބޯޑު މެމްބަރު ކަމުގެ ދައުރު މި މަހުގެ ފަސް ވަނަ ދުވަހު ހަމަވުމާ އެކު، މަގާމުން ވަނީ ވަކިވެފަ އެވެ. އެ އާއެކު އެމްޓީސީސީގެ ސީއޯއޯގެ މަގާމަށް ސިނާން ވަނީ އައްޔަންކޮށްފަ އެވެ. މަގާމަށް އޭނާ އައްޔަންކުރީ ހުސްވި ހަފުތާގެ އަންގާރަ ދުވަހު އެވެ.
ސިނާން އަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ދުވަސްތަކެއްގައި ހިދުމަތް ކުރައްވާފައިވާ ބޭފުޅެކެވެ. އެގޮތުން އޭނާގެ އަމިއްލަ ނޫހެއްވެސް ގެންދަވަނީ ހިންގަވަމުންނެވެ.