ޕިލިޕީންސްގެ އަވަށެއްގައި ޑެންގޫގެ ބަލި ގިނަވެ، މަދިރި މަރާ މީހުންނަށް ފައިސާގެ އިނާމެއް ދޭން އެ އަވަށުގެ ކައުންސިލުން ހުށަހަޅައިފި އެވެ.

ބަރަންގޭ އެޑިޝަން ހިލްސް ނަމަކަށް ކިޔާ މި އަވަށުގެ ޗީޕް ކާލީޓޯ ކާނަލް ވަނީ މަރާލާ ކޮންމެ 5 މަދިރިއަކަށް 5 ޕެސޯސް (ގާތްގަނޑަކަށް ދެ އެމެރިކާ ސެންޓް ) ދޭން ހުށަހަޅާފަ އެވެ.

މި ކަން އިއުލާންކޮށްފައި ވަނީ ޑެންގޫ ޖެހިގެން އެ އަވަށުގެ ދެ ކުޑަކުދިން މަރުވުމާ ގުޅިގެންނެވެ.

ކާނަލް ބުނިގޮތުގައި މި ފައިސާގެ އިނާމަކީ މިހާރު ޑެންގޫ ކޮންޓްރޯލް ކުރުމަށް އަޅަން ފަށާފައިވާ ފިޔަވަޅުތަކުގެ ތެރެއިން އިތުރަށް އަޅަން ނިންމި ފިޔަވަޅެކެވެ. މިހާރު މި އަވަށުން ވަނީ މަގުތައް ސާފުކޮށް ފެން ހަރުލާ ތަންތަން ދެނެގަތުމަށް މަސައްކަތް ފަށައިފަ އެވެ.

މި އިނާމު އިއުލާން ކުރުމާއެކު ޕިލިޕީންސްގެ މީޑިއާގައި މިކަން ވަނީ ޖޯކަކަށް ވެފަ އެވެ. އަދި ފައިސާގެ ބޭނުމުގައި މީހުން މަދިރި އާލާކޮށްފާނެ ކަމަށް ވަނީ ބުނެފަ އެވެ.

މި ކަމާ ގުޅިގެން ޕިލިޕީންސްގެ ޑިޕާޓްމެންޓް އޮފް ހެލްތުން ވަނީ މި މައްސަލަ ހައްލުކުރުމަށް އެ އަވަށުން އަޅަން ނިންމާފައިވާ ފިޔަވަޅުތައް ބަލައިގަންނަ ނަމަވެސް މަދިރި ކޮންޓްރޯލް ކުރުމަށް އާންމުކޮށް ގެންގުޅޭ ޕްރެކްޓިސްތަކަށް ފޯކަސް ކުރުމަށް އެދިފަ އެވެ.

ޑެންގޫއަކީ ޓްރޮޕިކަލް ގައުމުތަކުގައި އާންމުކޮށް ފެތުރޭ ބައްޔެކެވެ. މި ބަލީގެ އެންމެ ނުރައްކާތެރި ސްޓޭޖްގައި އިންޓާނަލް ބްލީޑްވެ މަރުވުން އެކަށީގެންވެ އެވެ.