ނ. ހޮޅުދޫގައި ޒަޚަމްތަކަކާއެކު މަރުވެފައި އޮއްވާ ފެނުނު ޒަކިއްޔާ މޫސާގެ މަރުގެ މައްސަލަ ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރްސީއެމް) އިން ވެސް ތަހުގީގުކުރަން ފަށައިފި އެވެ.

އެޗްއާރްސީއެމުން ބުނީ ޒަކިއްޔާ މޫސާގެ މަރުގެ މައްސަލައާ ގުޅިގެން ގާތްތިމާގެ މީހުންގެ ފަރާތުން މި މައްސަލައިގެ ތަހުގީގު ދާގޮތާމެދު ހުރި ކަންބޮޑުވުންތަކެއް އެ ކޮމިޝަނާ ހިއްސާކޮށްފައިވާ ކަމަށެވެ. އަދި މި މައްސަލައާ ގުޅިގެން ކަމާ ގުޅުންހުރި އިދާރާތަކުން އަމަލުކުރަމުންދާ ގޮތް ބެލުމަށް މި މައްސަލަ ތަހުގީގުކުރަމުންދާ ކަމަށް އެ ކޮމިޝަނުން ބުނެ އެވެ.

މި މައްސަލައާ ގުޅުންހުރި މައުލޫމާތާއި ގުޅުންހުރި ލިޔެކުޔުންތައް ދިވެހި ފުލުހުންގެ ޚިދުމަތުން ހޯދައި ލިބިފައިވާ މައުލޫމާތުތައް ކޮމިޝަނުން ދިރާސާކުރަމުންދާ ކަމަށް ވެސް އެޗްއާރްސީއެމުން ބުނެ އެވެ.

ހޮޅުދޫ، ނިއުލައިފް ޒަކިއްޔާ މޫސާ 50، ޒަޚަމްތަކަކާއެކު މަރުވެފައި އޮއްވާ ފެނުނީ އޭނާ ދިރިއުޅުނު ގެއިން މިދިޔަ ސެޕްޓެމްބަރު މަހުގެ 10 ވަނަ ދުވަހު އެވެ. ޒަކިއްޔާގެ މަރުގެ މައްސަލާގައި ސުވާލު އުފެދޭ ގިނަ ކަންތައްތަކެއް ހުރިކަމަށް ބުނެ ހޮޅުދޫގެ ރައްޔިތުން ދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.

ޒަކިއްޔާގެ މަރުގެ މައްސަލާގައި ފުލުހުން މީގެ ކުރިން ހާމަކުރެއްވި މަޢުލޫމާތުތަކަށް ބަލާއިރު، އޭނާ މަރުވެފައި އޮތްވާ ފެނުނީ ޒަކިއްޔާ ދިރިއުޅޭ ގޭގެ ގުދަނެއްގެ ތެރޭގައި ވެއްޓިފައި އޮއްވަ އެވެ. އަދި އޭނާގެ ކަރުގައި ޒަޚަމްތަކެއް ފެންނަން ހުރިކަމަށާއި، އޭނާ އޮތް ދިމާލުގައި ވަޅިއެއް ވެސް އޮތް ކަމަށް ފުލުހުން ބުނެ އެވެ.

ޒަކިއްޔާގެ މަރުގެ މައްސަލައިގެ ތަހުގީގަށް އިތުރު ބައެއްގެ ރައުޔު ހޯދުމުގެ ގޮތުން އެމެރިކާގެ ފެޑެރަލް ބިއުރޯ އޮފް އިންވެސްޓިގޭޝަން (އެފްބީއައި) އާއި، ތަހުގީގުގައި ދިވެހި ފުލުހުން ހޯދާފައިވާ ހޯދުންތައް ހިއްސާކޮށް އެހީތެރިކަން ހޯދަމުންދާ ކަމަށް ވެސް ފުލުހުން ވަނީ މީގެ ކުރިން ބުނެފަ އެވެ.