މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ) އިން ފައިސާވެއާ ޓެގެއް ތައާރަފްކޮށްފި އެވެ.

އެމްއައިބީ އިން ބުނީ އެ ބޭންކުން މިއަދު ތައާރަފްކުރި މި ހިދުމަތަކީ ކޭޝް ކާޑުގެ ބަދަލުގައި ބޭނުން ކުރެވޭ ޓެގެއް ކަމަށެވެ.

"ފޯނުގައި ނުވަތަ ކީ ޗެއިންގައި ވެސް ތަތްކޮށްލެވޭ މި ޓެގަކީ މި ނޫނަސް ކަސްޓަމަރު ބޭނުންވާ އެހެން ތަނެއްގައި ތަތްކޮށްލެވޭނެ ޓެގެއް. މި ޓެގް ޕޮސް މެޝިންއެއްގައި ޖައްސާލުމުން ފަސޭހަކަމާއެކު މުދަލާއި ހިދުމަތަށް ފައިސާ ދައްކާލެވޭނެ،" އެ ބޭންކުން ބުންޏެވެ.

އެމްއައިބީއިން ވަނީ 2024 ވަނަ އަހަރު ކޭޝްކާޑުގެ ބަދަލުގައި ބޭނުން ކުރެވޭ އަނގޮޓިއެއް ވެސް ތައާރަފްކޮށްފަ އެވެ.

"ވަރަށް އަވަހަށް އާ ޑިޒައިންތަކެއްގެ އަނގޮޓި މާކެޓަށް ނެރުމުގެ މަސައްކަތް ވެސް މިދަނީ ކުރަމުން. މިހާރު ވެސް އެކި ޑިޒައިންތަކުގައި ލިބެން ހުންނަ މި އަނގޮޓިއަށް ބޮޑު ތަރުހީބެއް ވަނީ ލިބިފައި. އެމްއައިބީއިން ދަނީ ޒަމާނީ އެކި ހިދުމަތް ރާއްޖެއަށް ތައާރަފް ކުރަމުން،" އެމްއައިބީ އިން ބުންޏެވެ.

ރާއްޖޭގެ ގިނަ ދުވަސްވީ ބޭންކުތަށް ފަހަތަށް ޖައްސާލާ ޓެކްނޮލޮޖީގެ ރޭހުގައި އެބޭންކުން ދަނީ ކުރި ހޯދަމުންނެވެ. ރައްކާތެރި ބޭންކިން ހިދުމަތެއް ފޯރުކޮށްދެމުންދާއިރު ބޭންކަށް ނުގޮސް އެކައުންޓު ހުޅުވުމާއި ރައްކާތެރި ކަމާއެކު ފައިސާ ރައްކާކުރުމުގެ އިތުރުން އެބޭންކުން އަންނަނީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އެބޭންކުގެ ހިދުމަތް ފުޅާކުރަމުންނެވެ. އިޖާދީ ބަދަލުތަކާއިއެކު އެމްއައިބީއިން މިއަހަރު ވެސް އާ ހިދުމަތްތަކެއް ތައާރަފްކުރުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ.