މިދިޔަ ދޮޅު މަހެއްހާ ދުވަހުގެ ތެރޭގައި ރާއްޖެއަށް އައި ޓޫރިސްޓުންގެ އަދަދު 389،223 އަށް އަރައިފި އެވެ.
މިއީ މިދިޔަ އަހަރުގެ މި މުއްދަތާ އަޅާބަލާއިރު 7.3 ޕަސެންޓްގެ ކުރިއެރުމެކެވެ.
ޓޫރިޒަމް މިނިސްޓްރީގެ އެންމެ ފަހުގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި މިއަހަރު މިހާތަނަށް ރާއްޖެއަށް އެންމެ ގިނަ ޓޫރިސްޓުން އައިސްފައި ވަނީ ޗައިނާއިންނެވެ. އެގޮތުން ޗައިނާއިން 56،150 ޓޫރިސްޓުން އައިއިރު، ރަޝިއާއިން 38،505 އަދި އިނގިރޭސިވިލާތުން 37،827 ޓޫރިސްޓުން އައިސްފައިވެ އެވެ.
ރާއްޖޭގެ ޓޫރިޒަމްގެ ވަސީލަތްތަކަށް ބަލާއިރު، މިވަގުތު 172 ރިސޯޓާއި، 796 ގެސްޓްހައުސް އަދި 155 ސަފާރީ ދަނީ ހިދުމަތް ދެމުންނެވެ.
ރާއްޖެއަށް ޒިޔާރަތްކުރާ ޓޫރިސްޓުންގެ ތެރެއިން 68.9 އިންސައްތަ މީހުން ޗުއްޓީ ހޭދަކުރަނީ ރިސޯޓްތަކުގަ އެވެ. އަދި 25.9 ޕަސެންޓް މީހުން ގެސްޓްހައުސްތަކުގައި ހޭދަކުރާއިރު، 2.7 ޕަސެންޓް މީހުން ހޮޓާތަކުގައި މަޑުކުރެ އެވެ.
މި އަހަރުގެ އަމާޒަކީ 2.3 މިލިއަން ޓޫރިސްޓުން ރާއްޖެއަށް ގެނައުން ކަމުގައިވާއިރު، މިހާރުގެ ހަލުވި ދުވެލީގައި ކުރިއަށްދާނަމަ، މި މަހުގެ ތެރޭގައި ޓޫރިސްޓުންގެ އަދަދު 4 ލައްކައަށް އަރާނެ ކަމަށް ލަފާކުރެވެ އެވެ.