އަންނަ އޭޕްރިލް މަހު ފެށުމަށް ހަމަޖެހިފައިވާ އޭލެވެލް އިމްތިހާނުގައި ބައިވެރިވުމަށް އެދިފައިވާ ގްރޭޑް 12 ގެ ދަރިވަރުންނަށް، އެ ދަރިވަރުން ބޭނުންނަމަ އޮކްޓޯބަރު އަދި ނޮވެމްބަރު މަހުގެ އިމްތިހާނުގައި ބައިވެރިވުމުގެ ފުރުސަތު އެޑިއުކޭޝަން މިނިސްޓްރީން ދީފި އެވެ.

އެޑިޔުކޭޝަން މިނިސްޓްރީން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނެފައި ވަނީ މިހާރު އިމްތިހާނު ހެދުމަށް އެޕްލިކޭޝަން ހުށައަޅާފައިވާ ދަރިވަރުން ބޭނުން ނަމަ ވިތްޑްރޯ ކުރުމަށްފަހު މިއަހަރު އޮކްޓޫބަރު އަދި ނޮވެމްބަރު ގައި އޮންނަ އޭ ލެވެލް އިމްތިހާނުގައި ބައިވެރިވުމުގެ ފުރުސަތު ދޭ ގޮތަށް ހަމަޖައްސާފައިވާ ކަމަށެވެ.

އެޑިއުކޭޝަން މިނިސްޓްރީގެ އިއުލާނުގައި ބުނީ މިގޮތަށް އިމްތިހާނު ހެދުން ފަސްކުރަން ބޭނުންވާ ދަރިވަރުންނަށް ވިތްޑްރޯ ކުރެވޭނީ އައިއޭއެލްގެ މާއްދާތަކުން އެކަނި ކަމަށެވެ. އަދި ވިތްޑްރޯކުރާ ދަރިވަރުންނަށް ސްކޫލް ނަމުގައި އަލުން ބައިވެރިވެވޭނެ ކަމަށް އެޑިޔުކޭޝަން މިނިސްޓްރީން ބުންޏެވެ.

އެ މިނިސްޓްރީން ބުނީ ވިތްޑްރޯ ކުރުމަށް ބޭނުންވާ ދަރިވަރުންގެ މައުލޫމާތު މި މަހުގެ 30 ވަނަ ދުވަހުގެ މެންދުރު 12:00ގެ ކުރިން ސްކޫލް މެދުވެރިކޮށް ޑިޕާޓްމަންޓް އޮފް ޕަބްލިކް އެގްޒޭމިނޭޝަންސް އަށް އަންގަންވާނެ އެވެ.

އޮކްޓޫބަރު އަދި ނޮވެމްބަރު މަހުގެ އިމްތިހާނުގައި ބައިވެރިވުމުގެ ފުރުސަތު ދިން ނަމަވެސް، ގަދަ 10 އަކަށް ދަރިވަރުން ހޮވުމުގަ އާއި ސްކޮލަޝިޕް ދިނުމުގައި ބަލާނީ އޭޕްރީލް އަދި މެއި މަހުގެ އިމްތިހާނުގެ ނަތީޖާއަށް ކަމަށް މިނިސްޓްރީން ބުންޏެވެ.