އއ. ރަސްދޫގައި ހިނގި އަލިފާނުގެ ހާދިސާގައި ފިހުނު ފިރިހެން މީހާ ވެންޓިލޭޓަރުން ނަގައިފި އެވެ.

އެ މީހާއަށް ފަރުވާ ދެމުން އަންނަނީ އައިޖީއެމްއެޗްގަ އެވެ.

އެ ހޮސްޕިޓަލުން ބުނީ އޭނާ ވެންޓިލޭޓަރުން މިހާރު ނަގާފައިވާ ކަމަށާއި ނަމަވެސް އަދިވެސް ފަރުވާ ދެމުންދަނީ އައިސީޔޫގައި ކަމަށެވެ.

އޭނާގެ ހާލަތާ ގުޅޭގޮތުން އައިޖީއެމްއެޗުން އިތުރު ތަފްސީލެއް ހާމަނުކުރެ އެވެ.

މިދިޔަ މަހުގެ 24 ވަނަ ދުވަހުގެ ރޭ ރަސްދޫގައި ހިނގި އަލިފާނުގެ ހާދިސާގައި ދެ މީހަކު ވަރަށް ބޮޑަށް ފިހި ވަނީ އަނިޔާވެފަ އެވެ.

އެ ހާދިސާގައި އަނިޔާވި އަންހެން މީހާއަށް ވެންޓިލޭޓަރުގަައި ފަރުވާދެމުންދަނިކޮށް މިދިޔަ މަހުގެ 31 ވަނަ ދުވަހުގެ ރޭ ވަނީ ނިޔާވެފަ އެވެ.

އަންހެން މީހާގެ ހަށިގަނޑުގެ 83 ޕަސެންޓް ފިހުނު ކަމަށާއި ފިރިހެން މީހާގެ ހަށިގަނޑުގެ 78 ޕަސެންޓް ފިހިފައިވާ ކަމަށް ބުނެ އެވެ.

ދެ މީހުންނަށް ފަރުވާ ދިނުމަށްޓަކައި ރާއްޖޭން ބޭރުން 'ބާން ސްޕެޝަލިސްޓު' ޑޮކްޓަރެއް ވެސް ރާއްޖެ ގެނަ އެވެ.

އެނގިފައިވާ ގޮތުގައި އަލިފާނުގެ ހާދިސާ ހިނގީ އެ ދެމަފިރިންގެ ނިދާ ކޮޓަރީގަ އެވެ. އެ ހާދިސާ ހިނގަން މެދުވެރިވި ސަބަބު އަދި އެއްވެސް ފަރާތަކުން ހާމަކޮށްފައެއް ނުވެ އެވެ.

މި ހާދިސާ ތަހުގީގުކުރަމުން އަންނަ ކަމަށް ފުލުހުން ވަނީ ވިދާޅުވެފަ އެވެ.