ސުޕްރީމް ކޯޓުގެ ފަނޑިޔާރު ހުސައިން ޝަހީދު، ޖުޑީޝަލް ސަރވިސް ކޮމިޝަން (ޖޭއެސްސީ) އަށް މިއަދު އައްޔަންކޮށްފި އެވެ.

ރައީސް މުހައްމަދު މުއިއްޒު އިބްރާހީމް، ފަނޑިޔާރު ޝަހީދު ޖޭއެސްސީއަށް އައްޔަންކުރެއްވީ މިއަދު ރައީސް އޮފީހުގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގަ އެވެ.

ރަސްމިއްޔާތުގައި ފަނޑިޔާރު ޝަހީދަށް ޖޭއެސްސީގެ މެންބަރުކަމުގެ ހުވާ ލައިދެއްވީ ސުޕްރީމް ކޯޓުގެ ފަނޑިޔާރު މުހައްމަދު އިބްރާހީމެވެ. ފަނޑިޔާރު ޝަހީދު މި މަގާމަށް އައްޔަންކުރީ ރައްޔިތުންގެ މަޖިލީހުން ފާސްކޮށް، އެ މަޖިލީހުން ރައީސުލްޖުމްހޫރިއްޔާއަށް ނަން ހުށަހެޅުމާ ގުޅިގެންނެވެ.

ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ ފަރާތުން ޖޭއެސްސީގައި ކުރިން ތަމްސީލުކުރެއްވީ ފަނޑިޔާރު ހުސްނުއް ސުއޫދެވެ. ނަމަވެސް، ފަނޑިޔާރު ސުއޫދު ވަނީ ފާއިތުވި މާރިޗު މަހު އިސްތިއުފާ ދެއްވާފަ އެވެ. އޭނާގެ އިސްތިއުފާއާ ގުޅިގެން މި މަގާމު ހުސްވެފައި އޮތީ އެވެ.

ފަނޑިޔާރު ޝަހީދު ސުޕްރީމް ކޯޓަށް އައްޔަންކުރެވުނީ މިދިޔަ މާރިޗު 19 ވަނަ ދުވަހު އެވެ. އޭގެ ކުރިން އޭނާ ހުންނެވީ ހައިކޯޓުގެ އިސް ފަނޑިޔާރެއްގެ މަގާމުގަ އެވެ.