ރާއްޖޭގެ ފޮރިން މިނިސްޓަރު ޑރ. އަބްދުﷲ ހަލީލް ރަސްމީ ދަތުރެއްގައި މިއަދު މޯލްޓާ އަށް ވަޑައިގެންފި އެވެ.

ފޮރިން މިނިސްޓްރީން ބުނީ، މި ދަތުރުގައި މޯލްޓާގެ ބޮޑުވަޒީރުގެ ނައިބު އަދި ފޮރިން މިނިސްޓަރު އިއަން ބޯގްއާ ބައްދަލުކުރައްވައި ދެ ގައުމުގެ ގުޅުން ބަދަހި ކުރެވޭނެ ދާއިރާތަކާ ގުޅޭ ގޮތުން މަޝްވަރާ ކުރައްވާނެ ކަމަށެވެ. އަދި މޯލްޓާގެ ކެބިނެޓުގެ އެހެން ބައެއް މިނިސްޓަރުންނާ ވެސް ހަލީލް ބައްދަލުކުރައްވައި ދެ ގައުމުން ގުޅިގެން މަސައްކަތް ކުރެވޭނެ ދާއިރާތަކާ ބެހޭ މަޝްވަރާތައް ބާއްވާނެ ކަމަށް ފޮރިން މިނިސްޓްރީން ބުންޏެވެ.

އޭގެ ތެރޭގައި ދެމެހެއްޓެނިވި ޓޫރިޒަމާއި އިޔާދަކުރަނިވި ހަކަަތައިގެ ދާއިރާ އާއި ވިޔަފާރި އާއި ޓޫރިޒަމްގެ ދާއިރާ އިން ގުޅުން ބަދަހިކުރުން ހިމެނެ އެވެ.

މިނިސްޓަރު ހަލީލްގެ އަރިހުގައި މޯލްޓާ އަށް ވަޑައިގަތީ ސެކްރެޓަރީ ޑރ. ހާލާ ހަމީދާއި ސީނިއާ އަންޑާ ސެކްރެޓަރީ ހަސަން ހުސައިން ޝިހާބެވެ.