ރައީސް މުހައްމަދު މުއިއްޒުގެ ސަރުކާރުގައި މިހާރު ގެންދަނީ ގައުމީ ސަލާން ކިޔުމަށްފަހު ވައްކަން މެކުހަށް ޖަހަމުން ކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން ވިދާޅުވެއްޖެ އެވެ.

ރޯދަ މަހަށްފަހު ޕީއެންއެފް އިން ރޭ ބޭއްވި ޖަލްސާއެއްގައި ޔާމީން މިހެން ވިދާޅުވީ މޯލްޑިވް ގޭސްގެ މަސައްކަތްތައް ކޮންމެ ދުވަހަކު ފަށަނީ ގައުމީ ސަލާމުން ކަމަށް އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަބްދުﷲ މުހައްމަދު ވިދާޅުވެފައިވާތީ އެކަމަށް އިޝާރާތް ކުރައްވަ އެވެ.

ޔާމީން ވިދާޅުވީ ރޯދަ މަހެއް އައުމުން ޖިންނި ޝައިޠާނުން ކަސްތޮޅު އެޅުވި ނަމަވެސް ސަރުކާރުގެ ވައްކަމާއި ކޮރަޕްޝަނާ އިންސާނީ ހައްގުތަަކަށް އަރައިގަތުން ނުހުއްޓޭ ކަމަށެވެ.

ވައްކަން ކުރާ މީހުންގެ ތެރެއިން އަދަބު ލިބެނީ "މުލީއާގެއަށް ޖިޒީ ނުދައްކާ މީހުންނަށް" އެކަނި ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

ރާއްޖެއަށް 1000 މެޓްރިކް ޓަނުގެ ގޭސް ޝިޕްމެންޓެއް ގެނައުމަށް ބޭރުގެ ޕޭޕާ ކުންފުންޏަކަށް އެޑްވާންސްގެ ގޮތުގައި 260،000 ޑޮލަރު ދީގެން މޯލްޑިވް ގޭސް އިން ހިންގި ވައްކަމުގެ މައްސަލައެއް ރައްޔިތުންގެ މަޖިލީހުގެ ސަމާލުކަމަށް އައިސް އެ ވާހަކަ މިހާރު ވަނީ ރާއްޖޭގެ ނޫސްތަކުގެ އެންމެ މަތިން ޖާގަ ހޯދާފަ އެވެ.

މި ވާހަކައަކީ މިދިޔަ ޖެނުއަރީ މަހުގެ ތެރޭގައި ތަފްސީލާއެކު "ހުރިހާ" އިން ގެނެސްދީފައިވާ ވާހަކައެކެވެ. އެ ދުވަސްވަރު ސޯޝަލް މީޑިއާގައި ވެސް މި ވާހަކަ ދެކެވުނެވެ. ނަމަވެސް ރައީސް ޑރ. މުހައްމަދު މުއިއްޒު މިކަމާ ގުޅިގެން އެއްވެސް ފިޔަވަޅެއް މިހާތަނަށް އަޅުއްވާފައެއް ނުވެ އެވެ.

އެ ޖަލްސާގައި ޔާމީން ވަނީ އުއްތަމަފަނޑިޔާރު އަހްމަދު މުއުތަސިމް އަދުނާނަށް ވެސް ވަރަށް ބޮޑަށް ފާޑުވިދާޅުވެފަ އެވެ. އެމަނިކުފާނު ވިދާޅުވީ އިހުލާސްތެރިކަމެއް ހުރިނަމަ މުއުތަސިމް އިސްތިއުފާދެއްވަން ޖެހޭ ކަމަށެވެ.

"އެކީ މަސައްކަތް ކުރާ ބެންޗުން ދެ މީހުން ތިން މީހުން ގެންދިޔައިރު ވެސް، މީނައަކަށް ހީއެއްނުވޭ ކަމެއްވާހެން ވެސް. މުސާރަ ލިބޭތީ ހަމަ ކޮންމެ ކަމެއް ހެޔޮވަރު،" ޔާމީން ވިދާޅުވި އެވެ.