ޒަކާތު ފަންޑުގެ ސްކޮލަޝިޕް މި ހަފްތާތެރޭގައި އިއުލާނު ކުރެވޭނެ ކަމަށް އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެ އެވެ.
މިނިސްޓަރު ޝަހީމް ވިދާޅުވީ މި ސްކޮލަޝިޕްގެ ދަށުން އިސްލާމީ އިލްމުގެ މުހިންމު ދާއިރާތަކުން މާސްޓާސް އާއި ޕީއެޗްޑީއަށް ކިޔެވުމަށް ހުޅުވާލެވޭނެ ކަމަށާއި، މިސްރާއި ސައުދީ ފަދަ ގައުމުތަކުގައި އަމިއްލަ ހަރަދުގައި އިލްމު އުނގެނެމުންދާ ދަރިވަރުންނަށް ދޭ މާލީ އެހީ ވެސް މި ސްކޮލަޝިޕްގެ ދަށުން އިއުލާން ކުރެވޭނެ ކަމަށެވެ. އަދި މެޑިސިންގެ ދާއިރާއިން ސުޕަ ސްޕެޝަލިސްޓުން ނެތް މުހިންމު ބައެއް ދާއިރާތަކަށްވެސް އެހީ ދެވޭނެކަމަށް ވަޒީރު ޝަހީމް ވިދާޅުވި އެވެ.
ދިވެހިންގެ ދީލަތިކަމާއެކު، ޒަކާތު ފަންޑު އިތުރުވެގެން ދިއުމަކީ އިސްލާމްދީނަށް ލިބިގެން ދިޔަ ނަސްރެއްކަން ފާހަގަކުރައްވަމުން މިނިސްޓަރު ޝަހީމް ވިދާޅުވީ މިއީ ރާއްޖޭގެ ޒަކާތުގެ ނިޒާމު ހަރުދަނާކުރެއްވުމަށް ރައީސް މުހައްމަދު މުއިއްޒު ކުރެއްވި މަސައްކަތްތަކުގެ ހެޔޮ ނަތީޖާ ކަމަށެވެ.
މިނިސްޓަރު ޝަހީމް މިހެން ވިދާޅުވިއިރު، މިދިޔަ އަހަރު ޒަކާތު ފަންޑަށް މުދަލު ޒަކާތުގެ ގޮތުގައި 100 މިލިއަނަށް ވުރެ ގިނަ ރުފިޔާ ލިބިފައިވާއިރު، މިއަހަރުގެ ފުރަތަމަ ކުއާޓަރުގައި 34 މިލިއަން ރުފިޔާ ވަނީ ލިބިފަ އެވެ.