އީރާނުގެ ނިއުކްލިއާ މަޝްރޫއުއާ ގުޅޭގޮތުން އެ ގައުމާއި އެމެރިކާ އިން ނުސީދާ މަޝްވަރާތަކެއް ކުރިއަށް ގެންގޮސްފި އެވެ.
އޮމާނުގައި ކުރިއަށްދިޔަ މަޝްވަރާތަކަކީ 2018 އަށް ފަހު އެމެރިކާ އާއި އީރާނާ ދެމެދު ބޭއްވި އެންމެ މަތީ ފަންތީގެ ބައްދަލުވުމެވެ. މިކަމާ ގުޅޭގޮތުން ދެ ގައުމުން ވެސް ބުނީ، މަޝްވަރާތައް ކުރިއަށް ދިޔައީ އެދެވޭ ގޮތަށް ކަމަށާއި، އަންނަ ހަފްތާގައި މިކަމާ ގުޅޭ މަޝްވަރާތަކުގެ ދެވަނަ ބުރު ފެށިގެން ދާނެ ކަމަށެވެ.
މި މަޝްވަރާތަކުގައި އީރާނުގެ ފަރާތުން އިސްކޮށް ހުންނަވާ އެގައުމުގެ ފޮރިން މިނިސްޓަރު އައްބާސް އަރާގްޗީ ވިދާޅުވީ މަޝްވަރާތައް ކުރިއަށް ދިޔައީ ވަރަށް މަޑުމައިތިރި މާހައުލެއްގައި ކަމަށާއި، ބޭއަދަބީ ގޮތަކަށް އެއްވެސް ގައުމަކުން މުހާތަބުކޮށްފައި ނުވާ ކަމަށެވެ.
ހޮނިހިރު ދުވަހު ކުރިއަށްދިޔަ މި ބައްދަލުވުމުގައި ދެގައުމުން ވެސް މަޝްވަރާތައް ކުރިއަށް ގެންގޮސްފައި ވަނީ އޮމާނުގެ ފޮރިން މިނިސްޓަރު ބަދުރު ބިން ހަމަދު އަލް ބުސައިދީ މެދުވެރިކޮށް ނުސީދާކޮށެވެ. އެހެން ނަމަވެސް، މި މަޝްރަވާތަކުގެ ދެވަނަ ބުރުގައި ދެގައުމުގެ ދެމެދުގައި ސީދާ މަޝްވަރާތަކެއް ކުރިއަށް ގެންދިޔުމަށް ބޭނުންވާ ކަމަށް އެމެރިކާއިން ވަނީ ބުނެފަ އެވެ.
އޮމާނުގެ މަސްދަރަކުން ރޮއިޓާސްއަށް މައުލޫމާތު ދެމުން ބުނީ، އެމެރިކާ އާއި އީރާނާ ދެމެދު ކުރިއަށްދާ މަޝްވަރާތަކުގެ މައިގަނޑު ބޭނުމަކީ އެ ސަރަހައްދުގައި އުފެދިފައިވާ ނުތަނަވަސްކަން ފިލުވުމާއެކު ގައިދީން ބަދަލުކުރުމުގައި ރައްކާތެރިކަން ކަށަވަރު ކުރުން ކަމަށެވެ.
މި މަޝްވަރާތައް ނާކާމިޔާބު ވެއްޖެނަމަ، އެމެރިކާއިން އަސްކަރީ ބާރު ބޭނުންކުރާނެ ކަމަށް އެ ގައުމުގެ ރައީސް ޑޮނަލްޑް ޓްރަމްޕް އިންޒާރުދީފައިވާއިރު، ޓްރަމްޕްގެ މި ވާހަކަތަކަށް ރައްދުދީ އީރާނުން ވަނީ ޕްރެޝަރު ކުރާނަމަ މަޝްވަރާތައް ކުރިއަށް ނުގެންދާނެ ކަމަށް ބުނެފަ އެވެ.
2015 އަހަރުގެ ތެރޭގައި އެމެރިކާ އާއި ވިލާތުގެ ގައުމުތަކުން އީރާނުގެ ނިއުކްލިއާ މަޝްރޫއު ހުއްޓުވުމަށް އެގައުމާއެކު އެއްބަސްވުމެއް ގާއިމުކުރި ނަމަވެސް 2018 ވަނަ އަހަރު އެމެރިކާގެ ރައީސްކަމާ ހަވާލުވުމަށްފަހު ޓްރަމްޕް ވަނީ އެ އެއްބަސްވުމުން އެމެރިކާ ވަކިކޮށްފަ އެވެ.
އެއަށްފަހު އީރާނުގެ ނިއުކްލިއާ މަޝްރޫއު އަލުން ފަށައި، އީރާނުން ޔޫރޭނިއަމް ސާފުކުރާ މިންވަރު 60 އިންސައްތައަށް އިތުރު ކުރިއިރު، 90 އިންސައްތަ ޔުރޭނިއަމް ސާފުކޮށްފިނަމަ ހަތިޔާރުގެ ގްރޭޑަށް ވާސިލްވެވޭނެ އެވެ.