ކައްދޫގައި ސިފައިން ތަމްރީނުކުރާ މަރުކަޒެއް ހުރޭ. ފާރިޝް އާއެކު އިތުރު ހަތަރު ސިފައިންގެ މީހަކު ވެސް މޫދަށް ފޭބި. އޭގެ ތެރެއިން އެކަކު ފާރިޝް ސަލާމަތްކުރަން އުޅުމުގެ ތެރޭގައި ގެނބުނު. ނަމަވެސް އޭނާ ވަނީ ސަލާމަތްކޮށްފައި. ފިރުޝާން އަދިވެސް ހޯދުމުގެ މަސައްކަތް ސިފައިންގެ ޑައިވަރުން ދަނީ ކުރަމުން.

ލ. ކައްދޫ އިރުމަތީ ފަރާތު މޫދަށް މިއަދު ހަވީރު ފޭބި ހަތަރު ސިފައިންގެ ތެރެއިން އެކަކު ގެއްލިގެން ހޯދަން ފަށައިފި އެވެ.

އެމްއެންޑީއެފް އިން ބުނީ އެ ހާދިސާގައި ގެއްލިގެން ހޯދަނީ ލާންސް ކޯޕްރަލް ހުސެއިން ފާރިޝް އެވެ. މި ހާދިސާގައި ފާރިޝް ސަލާމަތްކުރަން މޫދަށް ފޭބި އެކަކު ގެނބިގެން އޭނާއަށް ލ. ގަމު ރީޖަނަލް ހޮސްޕިޓަލުގައި އަންނަނީ ފަރުވާދެމުން ކަމަށް އެމްއެންޑީއެފް އިން ބުންޏެވެ.

"އޭނާ ގެނބުނީ ގެއްލުނު ސިފައިންގެ މީހާ އޮއިގަނޑެއްގައި ޖެހި އަޑިއަށް ދާތީވެ، ސަލާމަތްކުރަން މަސައްކަތްކުރުމުގެ ތެރޭގައި. ހޮސްޕިޓަލަށް ގެންދިޔަ ސިފައިންގެ މީހާގެ ހާލު އަންނަނީ ރަނގަޅުވަމުން،" އެމްއެންޑީއެފް އިން ބުންޏެވެ.

އެމްއެންޑީއެފް އިން ބުނީ އެ ހަތަރު ސިފައިން މޫދަށް ދިޔައީ ޑިއުޓީ ނިންމާލުމަށްފަހު ކަމަށެވެ.

އެ ހާދިސާއާ ބެހޭ އިތުރު ތަފުސީލެއް ސިފައިން ހާމައެއް ނުކުރެ އެވެ.

1.856262, 73.523621

ސިފައިންގެ މަރުކަޒެއް ހުންނަ ކައްދޫގައި ހިނގި އެ ހާދިސާގެ ރިޕޯޓް ލިބުނީ ހަވީރު 5:40 ހާއިރު އެވެ. އަދި ފާރިޝް ހޯދުމުގެ މަސައްކަތް ސެންޓްރަލް އޭރިއާގެ ކޯސްޓްގާޑު ސްކޮޑްރަން އިން އަންނަނީ ކުރަމުންނެވެ.