އިޒްރޭލްގެ ޕާސްޕޯޓްގައި ރާއްޖެ އެތެރެވުން މަނާކުރުމަށް ގާނޫނަށް އިސްލާހު ގެނައުމަށް ހުށަހެޅި ބިލު ރައްޔިތުންގެ މަޖިލީހުން ފާސްކުރުމާއެކު ވަގުތު ރައީސް މުހައްމަދު މުއިއްޒު ތަސްދީގުކުރައްވައިިފި އެވެ.
މި ބިލަކީ، މިއަދު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ މި އަހަރުގެ ފުރަތަމަ ދައުރުގެ 20 ވަނަ ޖަލްސާގައި ފާސްކުރި ބިލެކެވެ.
މި ބިލުގެ ބޭނުމަކީ އިޒްރޭލުން ފަލަސްތީނުގެ ދަރިފަސްކޮޅު ނައްތައިލުމަށް ހިންގަމުންދާ ލާއިންސާނީ އަމަލުތަކާއި ގަތުލުއާންމާ ދެކޮޅަށް ދިވެހިރާއްޖެއިން ފިޔަވަޅުއެޅުމުގެ ގޮތުން، ދިވެހިރާއްޖެއަށް އިޒްރޭލްގެ ޕާސްޕޯޓުގައި އިޒްރޭލްގެ ރައްޔިތުން އެތެރެވުން މަނާކުރުމެވެ. ނަމަވެސް ޑުއަލް ސިޓިޒަންޝިޕް އޮންނަ އިޒްރޭލް މީހުންނަށް އެތެރެވުމަށް މި ގާނޫނުން ހުރަހެއް ނާޅަ އެވެ.
މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ އެމްޑީޕީގެ މެންބަރު މީކާއީލް އަހުމަދު ނަސީމް މިދިޔަ އަހަރު ހުށަހެޅުއްވީ އިޒްރޭލްގެ ޕާސްޕޯޓު މަނާކޮށް އަދި އިޒްރޭލްގެ ޕާސްޕޯޓާއެކު ޑުއަލް ޕާސްޕޯޓު ގެންގުޅޭ މީހުންނަށް ވެސް ރާއްޖެ ނާދެވޭ ގޮތް ހެދުމަށެވެ.
މީކާއީލް މިދިޔަ އަހަރުގެ މޭ މަހުގެ 29 ވަނަ ދުވަހު މަޖިލީހަށް ހުށަހެޅި މި ބިލް ފާސްކޮށްފައި މި ވަނީ ކޮމެޓީގެ މަރުހަލާގައި މި ބިލު ގިނަ ދުވަސްތަކެއް ވަންދެން އޮތުމަށްފަހު އެވެ. މިގޮތުން ރައްޔިތުންގެ މަޖިލީހުގެ 241 ކޮމިޓީއަށް ބިލު ފޮނުވިތާ 308 ދުވަސް ފަހުން ކޮމިޓީން ބިލާ މެދު ގޮތެއް ނިންމާފައި ވަނީ އިއްޔެ އެވެ.
ކޮމިޓީން އިއްޔެ ބިލު ފާސްކޮށްފައިވަނީ އިޒްރޭލުން ފަލަސްތީނަށް ދެމުންދާ ލައިންސާނީ އަމަލުތައް ހުއްޓަންދެން އެ ގައުމުގެ ޕާސްޕޯޓް މަނާކުރާ ގޮތަށެވެ.
މީގެ އިތުރުން ވެސް މޯލްޑިވްސް އިމިގްރޭޝަނުން ދިން ލަފާ އާއި އެއްގޮތަށް އިޒްރޭލް ޕާސްޕޯޓު ގެންގުޅޭ މީހުންނާއި އިޒްރޭލް ޕާސްޕޯޓު އޮންނަ އެހެން ގައުމެއްގެ މީހުންނަށް ވެސް ރާއްޖެ އައުން މަނާވާ ގޮތަށް އޮތް އޮތުން އުނިކޮށް، ހަމައެކަނި އިޒްރޭލު ޕާސްޕޯޓް ހުށަހަޅައިގެން ރާއްޖެ އަންނަން ހުށަހަޅާ މީހުންނަށް މަނާވާ ގޮތަށް ބިލަށް ވަނީ އިސްލާހު ގެނެސްފަ އެވެ.
މިއަދު މަޖިލިސް ޖަލްސާގައި ކޮމިޓީގެ ރިޕޯޓާއި ގުޅޭގޮތުން ކުރިއަށް ދިޔަ ބަހުސްގައި އެމްޑީޕީ މެންބަރުން މި އިސްލާހާމެދު ހިތްހަމަނުޖެހުން ފާޅު ކުރެއްވި ނަމަވެސް މި ބިލު ފާސްކުރުމަށް ވޯޓު ދެއްވި އެވެ. މި ބިލު ފާސްކޮށްފައި ވަނީ ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 83 މެންބަރުންގެ އިއްތިފާގުންނެވެ.
ދެފުށް ކެހެރި ބިލަކުން ތަސްދީގު ކޮށްފައިވާ ގާނޫނެއް އަހުރެން ބަލައެއް ނުގަންނާނަން!!
ރިޕްލައި