އެމްޓީސީސީގެ ހައުސިން ޕްރޮޖެކްޓާ ގުޅިގެން ކޮރަޕްޝަންގެ ތުހުމަތުކޮށް އެ ކުންފީނުގެ ކުރީގެ ސީއީއޯ ހަސަން ޝާހު އާއި އިތުރު ބައެއްގެ މައްޗަށް ދައުވާކޮށްދިނުމަށް އެދި ޕީޖީ އޮފީހަށް ފޮނުވައިފި އެވެ.
އެންޓި ކޮރަޕްޝަން ކޮމިޝަން ކޮމިޝަން (އޭސީސީ) އިން މިރޭ ނެރުނު ބަޔާނެއްގައިވާގޮތުން ޝާހުގެ އިތުރުން އެ މައްސަލާގައި ތުހުމަތު ކުރެވެނީ އެ ކުންފުނީގެ ޖެނެރަލް މެނޭޖަރު އަދި ޓެންޑާ އިވެލުއޭޝަން ކޮމިޓީގެ މެންބަރު ޝިފާއު އަލީ އާއި އެ ކުންފުނީގެ ޓެންޑާ އިވެލުއޭޝަން ކޮމިޓީގެ އެހެން މެންބަރުން ކަމަށްވާ ހުސައިން ޒުހުރީ އާއި މުހައްމަދު ނާޒިމާއި އިސްމާއީލް އަދުހަމްގެ މައްޗަށެވެ.
އޭސީސީން ނެރުނު ބަޔާނުގައި ބުނެފައި ވަނީ ހުޅުމާލޭ ދެވަނަ ފިޔަވަހީގައި 12 ބުރީގެ ދެ ޓަވަރު އަޅައިދޭނެ ފަރާތެއް ހޯދުމަށް ކުރި އިއުލާނާ ގުޅިގެން ބިޑު ހުށަހަޅާފައިވާ ފަރާތްތަކުގެ ތެރެއިން ބޭރުގެ ކުންފުންޏަކަށް އިވެލުއޭޝަން ކްރައިޓީރިއާއާ ހިލާފަށް ޕޮއިންޓްދީ އެ ޕްރޮޖެކްޓް އެ ކުންފުންޏަށް އެވޯޑްކޮށްފައިވާ ކަމަށެވެ.
އޭސީސީން ބުނީ އެއްބަސްވުން ބާތިލްކުރަންޖެހޭ ފަދަ ޚިލާފުތަކެއް އެ ކުންފުނިން ވެފައިވީނަމަވެސް، އެއްބަސްވުން ބާތިލްކުރުމުގެ ބަދަލުގައި އެ ކުންފުންޏަށް އެޑްވާންސް ޕޭމަންޓާއި ޕްރޮގްރެސިވް ޕޭމަންޓްތައް ދޫކޮށްފައިވާ ކަމަށެވެ.
އެ އެއްބަސްވުމާ ގުޅިގެން ފްލެޓް އެޅުމުގެ އެއްވެސް މަސައްކަތެއްކޮށްފައެއްނުވެ އެވެ. އެކަމުގެ ސަބަބުން އެމްޓީސީސީއަށް މާލީގޮތުން ބޮޑެތި ގެއްލުންތަކެއް ލިބިފައިވާ ކަމަށް އޭސީސީން ބުންޏެވެ.
އެކަމުގެ ސަބަބުން އެމްޓީސީސީއަށް ލިބިފައިވާ 39.2 މިލިއަން ރުފިޔާގެ ގެއްލުމުގެ އިތުރުން ލިބިފައިވާ އެހެނިހެން ގެއްލުންތައް ހިސާބުކޮށް އެ ފައިސާ ހޯދުމަށް ވެސް އެ ކޮމިޝަނުން ވަނީ އެމްޓީސީސީއަށް އަންގާފައެވެ.