މަޝްހޫރު ޕްރޮޑަކްޝަން ކުންފުނި ޑާކްރެއިން އެންޓަޓެއިންމަންޓުގެ ކުރިއަށް އޮތް ފިލްމު "އަލިފާން"ގެ ފުރަތަމަ ޓީޒާ އިއްޔެ އާއްމުކޮށް ނެރެފި އެވެ.

ޑާކްރެއިންއިން އިއްޔެ އާއްމުކުރި އެ ފިލްމުގެ އެންމެ ފުރަތަމަ ޓީޒާގައި ބެލުންތެރިން ޝައުގުވެރިވާނެ ފަދަ ތަފާތު ކަންތައްތަކެއް ފެނިގެންދެ އެވެ.

ރާއްޖޭގައި އާއްމު ނޫން ފިލްމު ޖޯންރާއެއް ކަމަށްވާ އެކްޝަން ތްރިލާ ޖޯންރާގެ ފިލްމު "އަލިފާން"ގެ ތަރިންގެ ތެރޭގައި ކުޅަދާނަ އެކްޓަރު ރަވީ ފާރޫގާއި ތަޖުރިބާކާރު އެކްޓަރު ޝީލާ ނަޖީބު ހިމެނެ އެވެ.

https://www.youtube.com/watch?v=GTl5-COFuDE

"ޕްރޮޖެކްޓް 37"ގެ ނަމުގައި އެންމެ ފުރަތަމަ ކުރިއަށް ގެންދިޔަ އެ ފިލްމުގެ އަސްލު ނަން ޑާކްރެއިންއިން ހާމަކޮށްފައިވަނީ މިދިޔަ ހަފްތާގެ ތެރޭގަ އެވެ.

މި ފިލްމުގެ ޝޫޓިން މިދިޔަ އަހަރުގެ އޮގަސްޓް މަހު ނިންމާލާފައިވާއިރު މިހާރު ކުރިއަށް ދަނީ ޕޯސްޓް ޕްރޮޑަކްޝަންގެ މަސައްކަތްތައް ކަމަށް ޑާކްރެއިންއިން ބުނެ އެވެ.

މި ފިލްމު ސިނަމާތަކުގައި އަޅުވަން ހަމަޖެހިފައިވަނީ މި އަހަރުގެ އޮކްޓޯބަރު މަހު ކަމަށް ވެސް "އަލިފާން"ގެ ޓީމުން ހާމަކުރެ އެވެ.

ޑާކްރެއިން އެންޓަޓެއިންމަންޓްއަކީ ދިވެހި ރާއްޖޭގެ އިޖުތިމާއީ ގިނަ ކަންކަމަށް އަލިއަޅުވާލައި ތަފާތު ފިލްމުތަކެއް ބެލުންތެރިންނަށް ގެނެސްދޭ ކުންފުންޏެކެވެ. އެ ޕްރޮޑަކްޝަންގެ ފާހަގަ ކޮށްލެވޭ ފިލްމުތަކުގެ ތެރޭގައި "ފުރޭތަ"، "ގޮށްރާޅު" އަދި "ހުޅުދާން" ހިމެނެ އެވެ.