ލިޓަސް ސާވިސް ސެންޓަރު ތެރޭގައި މަރާލި މުހައްމަދު އަނަސްގެ މަރުގެ މައްސަލާގެ ދައުވާލިބޭ މީހުންބަންދު ނުކުރަން ހައި ކޯޓުން ނިންމީ ގާނޫނާ ހިލާފަށް ކަމަށް ސުޕްރީމް ކޯޓުން މިއަދު ހުކުމްކޮށްފި އެވެ.

ޖުލައި، 2017 ގައި ގްރޫޕަކުން ގޮސް ހަމަލާދީ އަނަސް މަރާލި މައްސަލާގައި ހަތް މީހަކަށް ދައުލަތުން ކްރިމިނަލް ކޯޓުގައި ދައުވާކުރި އެވެ. ގަސްދުގައި މީހަކު މަރާލުމުގެ ދައުވާ ޅ. ކުރެންދޫ އަސުރުމާގޭ އަހުމަދު ޒަޔާނާއި މ. ލޮނުމިދިލިގޭ އަފްރާހު އަބްދުއްރައްޒާގު އަދި މ. ދިމިޝްގު އުސްމާން ޝަރީފްގެ މައްޗަށް އުފުލި އެވެ.

ގަސްދުގައި މީހަކު މަރާލުމުގައި ބައިވެރިވުމުގެ ދައުވާ ލ. ގަން ތުނޑި، ނަންނާރިގޭ ޖުނައިހު އަބްދުﷲ އާއި ދަފްތަރު ނަމްބަރު 1746 ސިމާހް މޫސާ އާއި ސ. ފޭދޫ ވެސްޓަންވިލާ ހަސަން މަހްފޫޒްގެ އިތުރުން ތ. ކިނބިދޫ ގުލްފާމްގޭ މުހައްމަދު ޝާޒްގެ މައްޗަށް ކޮށްފައިވެ އެވެ.އެ މައްސަލާގައި ކްރިމިނަލް ކޯޓުން 2022 ވަނަ އަހަރު ހުކުމްކުރީ އެ ހަތް މީހުން އެ ކުށުގައި ބައިވެރިވި ކަމަށް އެކަށީގެންވާ ޝައްކެއް ނެތް މިންވަރަށް ސާބިތުނުވާ ކަމަށެވެ.

އެ މައްސަލަ ދައުލަތުގެ ފަރާތުން ހައި ކޯޓުގައި އިސްތިއުނާފްކޮށް، އެ ހަތް މީހުން ވެސް ޝަރީއަތް ނިމެންދެން ބަންދު ކުރަން އެދިފައިވެ އެވެ. ނަމަވެސް ހައި ކޯޓުން ނިންމީ އެ މީހުން ޝަރީއަތް ނިމެންދެން ބަންދުކުރަން ޖެހޭ ހާލަތެއް ނެތް ކަމަށެވެ.

އެ މައްސަލަ ދައުލަތުން އިސްތިއުނާފް ކުރުމުން ދެ ފަނޑިޔާރުން އަޣުލަބިއްޔަތުން ނިންމީ އެ މީހުން ބަންދު ނުކުރަން ހައި ކޯޓުން ނިންމީ ގާނޫނުގައި ނެތް ސަބަބުތަކެއް ދެއްކުމަށްފަހު ކަމަށެވެ. އެގޮތުން އެކަމުގައި ބަލަންޖެހޭ ކަންކަމަކީ ތުހުމަތު ކުރެވޭ އެކަށީގެންވާ ހެކި ހުރިތޯ އާއި ހެކި ފޮރުވުމަށް ނުވަތަ ހެކިންނަށް ނުފޫޒު ފޯރުވުމުގެ އިހުތިމާލު އޮތްތޯ އަދި މުޖުތަަމައަށް ނުރައްކާ އޮތް ކަމަށް ބެލުމުގެ ފުރުސަތު އޮތްތޯ ކަމަށް ހުކުމުގައިވެ އެވެ.

އެހެންވެ, އެ މީހުންގެ ބަންދާ މެދު ހަތް ދުވަސް ތެރޭގައި ހައި ކޯޓުން އަލުން ގޮތެއް ނިންމަން ޖެހޭނެ ކަމަށް ސުޕްރީމް ކޯޓުގެ ހުކުމުގައިވެ އެވެ.

އެގޮތަށް ނިންމެވީ ފަނޑިޔާރު އަލީ ރަޝީދާއި ފަނޑިޔާރު ޑރ. މުހައްމަދު އިބްރާހިމްގެ އަޣުލަބިއްޔަތުންނެވެ. ނަމަވެސް ފަނޑިޔާރު އައިޝާ ޝުޖޫން ނިންމެވީ ހައި ކޯޓުގެ ހުކުމް ރަނގަޅު ކަމަށެވެ.

އަނަސްގެ މަރާ ގުޅިގެން ކުޑަކުއްޖެއްގެ މައްޗަށް 18 އަހަރުގެ ޖަލު ހުކުމެއް ހައި ކޯޓުން ކުރިން އިއްވާފައި ވީނަމަވެސް އެ ހުކުމް ވަނީ ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ލުއިކޮށްދެއްވައިފަ އެވެ.