ވެރިކަންކުރާ މައި ޕާޓީ، އެމްޑީޕީގެ އިސްވެރިންތަކާއި މަޖިލިސް މެމްބަރުންތަކެއް ނަށާ ވީޑިއޯއެއް އާއްމުވެ، ގިނަ ބަޔެއްގެ ފާޑުކިޔުން އަމާޒުވެއްޖެ އެވެ.

އެ ވީޑިއޯ ޓުވިޓާގައި އާއްމުކުރެއްވީ ރައްޔިތުންގެ މަޖިލީހުގެ މެދު ހެންވޭރު ދާއިރާގެ މެމްބަރު އަދި ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ ލީޑަރު އަލީ އާޒިމް އެވެ.

ރޭ އާޒިމް ހިއްސާކުރެއްވި މިވީޑިއޯގައި ފެންނަނީ އާޒިމްގެ އިތުރުން ރައްޔިތުންގެ މަޖިލީހުގެ ހުޅުދޫ ދާއިރާގެ މަޖިލީސް މެމްބަރު އިއްލިޔާސް ލަބީބް އާއި، ހެންވޭރު ދެކުނު ދާއިރާގެ މެމްބަރު ހުސައިން ޝަހީމްގެ އިތުރުން އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރު ހުސައިން އަމްރު ވެސް، ލަވައަކަށް ނަށާ މަންޒަރެވެ.

އެ ވީޑިއޯކޮޅާއެކު އާޒިމް ވިދާޅުވީ އޭނާ މަސައްކަތްކުރަނީ އެހެން މީހަކަށް ވުރެ މޮޅަށް ނަށާކަށްނޫން ކަމަށާއި ބަލަނީ އަމިއްލަ ނަފްސަށް ވުރެ ރަނގަޅަށް ނެށޭތޯ ކަމަށެވެ.

އެ ވީޑިއޯ ހިއްސާކުރެއްވުމުން ގިނަ ބަޔަކު ދަނީ ފާޑުކިޔަމުންނެވެ.

ބައެއް ފަރާތްތަކުންވަނީ ރައްޔިތުން ހާލުގައި ޖެހިފައި ތިބި ދަނޑިވަޅެއްގައި ވެރީން މަޖާކުރައްވަނީ ކަމަށް ބުނެ، ވެރިން ރައްޔިތުންނާއި ދުރުކަން ފާހަގަކޮށްފަ އެވެ.