ސިލްސިލާކޮށް ޒުވާނުން މާލޭގެ މަގުތަކުގައި ކުރަމުންދިޔަ މުޒާހަރާގެ ތެރެއިން ރޭގެ އެއްވުން ރޫޅާލުމަށް ފުލުހުން ހާލަތާނުބައްދަލު ބާރުގެ ބޭނުންކުރުމުން ފާޑުކިޔުން އަމާޒުވެއްޖެ އެވެ.
އުމުރުން 21 އަހަރުގެ ހައްވާ ޔުމްނު ރަޝީދު ހެންވޭރު ގެއެއްގެ ފުރާޅުމައްޗަށް ވެއްޓިފައި އޮއްވާ އޭޕްރީލް 18 ވަނަ ދުވަހު ފެނުނު މައްސަލައާ ގުޅިގެން އެ ޒުވާނާއަށް އިންސާފު ހޯދައިދިނުމަށް ގޮވާލާ ޒުވާނުން ގެންދަނީ ކޮންމެ ރެޔަކު އިހުތިޖާޖު ކުރަމުންނެވެ.
ރޭގެ އިހުތިޖާޖުގައި ފެނިގެން ދިޔައީ ޒުވާނުން ސުލްހަވެރިކަމާއެކު މާލޭގެ މަގުމަތީގައި އެކި ހަރަކާތްތައް ކުރިއަށް ގެންދިޔަ މަންޒަރެވެ. ނަމަވެސް ފުލުހުން ވަނީ އެތަނަށް ގޮސް ޒުވާނުން ގަޔަށް ޕެޕާ ސްޕްރޭ ޖަހައި ވަރަށް އަނިޔާވެރިކޮށް ބައެއް ޒުވާނުން ހައްޔަރުކޮށް، މުޒާހަރާ ރޫޅާލާފަ އެވެ.
މިކަމާއި ގުޅިގެން ސޯޝަލް މީޑިއާގައި ގިނަ ބަޔަކު ދަނީ ފުލުހުންގެ އިދާރާއަށާއި ހޯމް މިނިސްޓަރު އަލީ އިހުސާން އަދި މިހާރުގެ ސަރުކާރަށް ވަރަށް ބޮޑަށް ފާޑުކިޔަމުންނެވެ.
އެގޮތުން ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވެސް ވަނީ ފުލުހުންގެ މި އަމަލު ކުށްވެރިކުރައްވާފަ އެވެ. ސޯލިހު ވިދާޅުވީ މުޅި ޤައުމު ސިއްސުވާލި މައްސަލައަކާ ގުޅިގެން، ކަމާބެހޭ އިދާރާތައް ޖަވާބުދާރީކުރުވުމަށާއި، އަންހެން މީހާއަށް އިންސާފު ހޯދުމަށް ގޮވާލައި ޒުވާނުން ކުރަމުންދާ ސުލްޙަވެރި އިހްތިޖާޖު ރޫޅާލުމަށް ފުލުހުން ވަނީ ޙާލަތާ ނުބައްދަލު ބާރުގެ ބޭނުން ކޮށްފައި ކަމަށެވެ. އަދި އެކަން ހަރުކަށި އިބާރާތުން ކުށްވެރި ކުރައްވާ ކަމަށް ވިދާޅުވި އެވެ.
މިކަމާއި ގުޅިގެން ޕީއެންސީއަށް ނިސްބަތްވާ ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ މެދު ދާއިރާގެ މެންބަރު އަހުމަދު އަޒާންވެސް ވަނީ ކަންބޮޑުވުން ފާޅުކުރައްވާފަ އެވެ. އަޒާން ވިދާޅުވީ ފާއިތުވި ވެރިކަމުގައި ވެސް ސުލްޙަވެރި އިހުތިޖާޖުތައް ހުއްޓުވަން ފުލުހުން ހާލަތާއި ނުބައްދަލު ބާރު ބޭނުންކޮށް އެ އިހުތިޖާޖުތައް ހުއްޓުވި ކަމަށެވެ.
"މިއަދުގެ ސަރުކާރުން ވެރިކަމަށް އައީ އެކަން ބަދަލުކުރަން ވައުދުވަމުން، އެހެނަސް މިފެންނަނީ ފުލުހުން ނިކުމެ ހަރުކަށި ކަމާއި އެކު ސުލްޙަވެރި އިހުތިޖާޖުތަކަށް ހުރަސް އަޅަމުން ގެންދާތަން. މިއީ ކަންބޮޑުވާ ކަމެއް!" އަޒާން އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވި އެވެ. މިއާއެކު ސުލްޙަވެރިކަމާއި އެކު އިޙުތިޖާޖުކުރުމަކީ ޤާނޫނު އަސާސީ އިން ކަށަވަރުކޮށްދޭ އަސާސީ ޙައްޤެއް ކަމަށް ވިދާޅުވެ ރޭގެ މުޒާހަރާއިން ހައްޔަރުކުރި ހުރިހާ ޒުވާނުން ދޫކޮށްލުމަށް އަޒާން ވަނީ ގޮވާލައްވާފަ އެވެ.
ރޭގެ މުޒާހަރާގައި ހައްޔަރުކުރި ދެ ޒުވާނުން ދޫކޮށްލުމަށް ގޮވާލައި އިދިކޮޅު އެމްޑީޕީ، ޑިމޮކްރެޓްސް އަދި އެމްޑީއޭއިން ވަނީ ބަޔާން ނެރެފަ އެވެ.
އެމްޑީޕީގެ ބަޔާނުގައި ބުނީ ޒުވާނުން ހައްޔަރުކުރުމުގައި ހާލަތާ ނުބައްދަލު ބާރުގެ ބޭނުންކޮށް، އެއްވެސް އިންޒާރެއް ނެތި ޕެޕާ ސްޕްރޭ ޖެހުން ކުށްވެރިކުރާ ކަމަށެވެ. އެއްވެ އުޅުމުގެ މިނިވަންކަމަކީ ކޮންމެ ރައްޔިތަކަށް ގާނޫނުއަސާސީން ލިބިދޭ ހައްގެއްކަމަށާއި އެ ހައްގު ބޭނުންކޮށްގެން ކަންބޮޑުވުންތަކެއް އިއްވަން ކުރަމުންދާ މުޒާހަރާތައް އަނިޔާވެރިކަމާ އެކު ރޫޅާލުމަކީ ސަރުކާރަށް ގޮތް ހުސްވެ، ހެއްދެވި ބޮޑު ގޯހެއް ކަމަށް އެމްޑީޕީން ބުންޏެވެ.
މިކަމާއި ގުޅިގެން ކުރީގެ ރައީސް މުހައްމަދު ނަޝީދު ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ޒުވާނުން އެމީހުންގެ ޙައްޤުތަކަށް ވަކާލާތުކޮށް އިހުތިޖާޖުކުރަމުންދާތަން ފެންނުމަކީ ވަރަށް ހިތްވަރުލިބޭ ކަމެއް ކަމަށެވެ. ނަމަވެސް އެކަމަށް ހުރަސްއަޅައި ސުލްޙަވެރިކަމާއެކު އެއްވެއުޅުމާއި ޚިޔާލު ފާޅުކުރުމުގެ މިނިވަންކަމުގެ ހައްގު ބޭނުންކުރަމުން ދިޔަ ޝިމަން އާއި މަހްޒޫމް ހައްޔަރުކޮށްފައިވާތީ އެ ދެ ޒުވާނުން ވަގުތުން ދޫކޮށްލުމަށް ނަޝީދު ވަނީ ގޮވާލައްވާފަ އެވެ.
މީގެ އިތުރުން ވެލިދޫ ދާއިރާގެ މަޖިލިސް މެންބަރު މުހައްމަދު އައްބާސް ވިދާޅުވީ ޒުވާނުން ނިކުމެ މުޒާހަރާ ކުރަމުން އެދަނީ މުޒާހަރާ ކުރާ ހާލަތަށް ކަންކަން ގޯސްކޮށް ދިއުމުގެ ސަބަބުން ކަމަށެވެ.
މުޒާހަރާ ރޫޅާލުމުގައި ފުލުހުން އަމަލުކުރި ގޮތާއިމެދު ނުރުހުން ފާޅުކުރައްވާ އައްބާސް ވިދާޅުވީ މިފެންނަނީ އަނިޔާކުރާ މަންޒަރުކަމަށާއި ސުލްހަވެރި ކަމާއެކު ކުރިއަށް ގެންދާ މުޒާހަރާ ހުއްޓުވަން ކުރެވޭ މަސައްކަތުގައި ފުލުހުން އެއްވެސް ދިވެހި ރައްޔިތަކަށް އަނިޔާ ކޮށްގެން ނުވާނެ ކަމަށެވެ. އަދި އަނިޔާވެރި ކަމާ ދެކޮޅަށް ދިވެހި ޒުވާނުން އާ ރައްޔިތުން ނިކުމެ ކާމިޔާބު ހޯދާނެކަމަށް އޭނާ ވިދާޅުވި އެވެ.
ރޭގެ އިހްތިޖާޖު ރޫޅާލި ސަބަބު ހާމަކޮށް ފުލުހުން ނެރުނު ބަޔާނެއްގައި ބުނީ، އެ އިހްތިޖާޖުގެ ސަބަބުން އެ ސަރަހައްދުގައި ދިރިއުޅޭ ރައްޔިތުންނާއި ވިޔަފާރިތަކަށް ނޭދެވޭ އަސަރު ކުރާކަމުގެ ޝަކުވާ ކެނޑިނޭޅި ލިބެމުންދިޔަ ކަމަށެވެ.
މި އިހްތިޖާޖުގައި މަޖީދީމަގު ފަދަ މުހިންމު މަގެއް ދަތުރުފަތުރަށް ބަންދުކޮށް މިއުޒިކު ކުޅުމާއި ޓޭބަލް ޓެނިސް އަދި ކެރަމް ކުޅުން ފަދަ އާންމު މަސްލަހަތަށް ފުށުއަރާ ކަންތައްތަކެއް ކުރަމުން ގެންދާތީ އެކަންކަން ނުކުރުމަށް ތަކުރާރުކޮށް ނަސޭހަތްތެރިވެފައިވާނެ ކަމަށެވެ.
މީގެ އިތުރުން މިއަދު ޖީސީއީ އޯލެވަލް އިމްތިހާނަށް ގިނަ ދަރިވަރުން ހާޒިރުވާން ޖެހޭ ދުވަހަކަށް ވާތީ އެކިރޭ މަތީން ތަކުރާރުކޮށް ނަސޭހަތްތެރިވެ ގާނޫނީ އިންޒާރު ދީފައިވާނެކަމަށް ފުލުހުންގެ ބަޔާނުގައި ބުނެފައިވެ އެވެ.