ދުނިޔޭގެ ބޮޑު އެއް ބައްރު ދެބައިވެ، އާ ކަނޑެއް އުފެދިދާނެ ކަމުގެ ހެކިތައް ފެންނަން ފަށައިފި އެވެ. މިކަން ހިނގަމުންދަނީ އުތުރު އެފްރިކާގެ ސަރަހައްދުގައި ކަމަށް ސައިންޓިސްޓުން ވަނީ ބުނެފަ އެވެ.
ޔޫއެސް ޖިއޮލޮޖިކަލް ސާވޭގެ ސައިންޓިސްޓުން ބުނާ ގޮތުގައި، އުތުރު އެފްރިކާގެ ބިމުގެ އަޑީގައިވާ ޓެކްޓޮނިކް ޕްލޭޓްތަކުގެ ހަރަކާތްތަކުގެ ސަބަބުން، އިތިޔޯޕިއާ، ޖިބޫތީ އަދި އެރިތްރިއާ ހިމެނޭ ސަރަހައްދު އެފްރިކާގެ އެހެން ބައިތަކާ ވަކިވެދާނެ އެވެ. މިހެން ވެއްޖެނަމަ، އިންޑިއާ ކަނޑުގެ ފެން އެ ސަރަހައްދަށް ވަދެ، އާ ކަނޑެއް އުފެދިގެން ހިނގައިދާނެ އެވެ.
ނަމަވެސް، މި ބަދަލު އަންނާނީ ވަރަށް ލަހުންނެވެ. ސައިންޓިސްޓުންގެ ލަފާގައި، މި އާ ކަނޑު އުފެދޭނީ މިހާރުން ފެށިގެން 1 މިލިއަން އަހަރާއި 20 މިލިއަން އަހަރާ ދެމެދުގެ މުއްދަތެއްގަ އެވެ.
މި ބަދަލު އަންނަމުންދާ ސަބަބަކީ، އީސްޓް އެފްރިކަން ރިފްޓް ސިސްޓަމް ކަމަށް ކިޔާ ސަރަހައްދުގައި ހަރަކާތްތެރިވަމުންދާ ކޮންޓިނެންޓަލް ރިފްޓް ޒޯނެކެވެ. މި ސަރަހައްދުގައި ސޮމާލިއަން ޕްލޭޓް ކަމަށް ކިޔާ ބިމުގެ ބައެއް، ނޫބިއަން ޕްލޭޓް ކަމަށް ކިޔާ އެފްރިކާގެ އެހެން ބައިތަކާ ދުރަށް ދަނީ ދަތުރުކުރަމުންނެވެ. އަދި މި ދެ ޕްލޭޓް ވެސް އުތުރުގައިވާ އަރަބިއަން ޕްލޭޓާ ދުރަށް ދަނީ ޖެހެމުންނެވެ.
ދިރާސާތަކުން ދައްކާ ގޮތުގައި، މި ރިފްޓްތައް ވަކިވަމުންދަނީ ބިމުގެ އަޑީގައިވާ މެގްމާގެ ސަބަބުންނެވެ. ބައެއް ސަރަހައްދުތަކުގައި އަހަރަކު 0.3 އިންޗި މިންވަރަށް ރިފްޓްތައް ވަކިވަމުންދާ ކަމަށް ވެސް ދިރާސާތަކުން ދައްކަ އެވެ.
ޓެކްޓޮނިކް ޕްލޭޓްތަކުގެ ހަރަކާތްތަކުގެ ސަބަބުން ދުނިޔޭގައި އެތައް ބާވަތެއްގެ ޖިއޮގްރަފިކަލް ވައްޓަފާޅިތަކެއް އުފެދިފައިވެ އެވެ. މިގޮތުން، ޕްލޭޓްތައް އެއްކިބާވުމުގެ ސަބަބުން ވޮލްކޭނޯތަކާއި، ގައިސަރުތަކާއި، ބައެއް ބާވަތުގެ ވާދީތައް އުފެދެ އެވެ. އަދި ޕްލޭޓްތައް އެއްވުމުގެ ސަބަބުން ފަރުބަދަ ސިލްސިލާތައް އުފެދެ އެވެ. މިފަދަ ގިނަ ފަރުބަދަ ސިލްސިލާތައް މިހާރު ވެސް ދަނީ އުސްވަމުންނެވެ.
އެންމެ ފަހުން އާ ކަނޑެއް ރަސްމީކޮށް ފާހަގަކުރެވުނީ 2021 ވަނަ އަހަރުއެވެ. އެއީ ނޭޝަނަލް ޖިއޮގްރަފިކް ސޮސައިޓީން އެންޓާކްޓިކާގެ ވަށައިގެންވާ ފެން "ސަދަން އޯޝަން" ގެ ނަމުގައި ވަކި ކަނޑެއްގެ ގޮތުގައި ފާހަގަކުރުމުންނެވެ. މިއީ ގިނަ ސައިންޓިސްޓުން އެތައް އަހަރެއް ވަންދެން ވަކި ކަނޑެއްގެ ގޮތުގައި ދެކެމުން އައި ސަރަހައްދެކެވެ.