ސުޕްރީމް ކޯޓުގެ ތިން ފަނޑިޔާރަކު ސަސްޕެންޑު ކުރުމަކީ އެ ކޯޓު ހިންގުން ހުއްޓުވާލުން ކަމަށް ވިދާޅުވެ، ކުރީގެ މަޖިލިސް މެމްބަރު އިބްރާހިމް އިސްމާއިލް (އިބުރާ) ސުޕްރީމް ކޯޓަށް ހުށަހެޅި ދުސްތޫރީ މައްސަލަ ބަލައިނުގަތުމަށް އެ ކޯޓުން މިއަދު ނިންމައިފި އެވެ.
އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ބަލަން ފެށި މައްސަލައަކާ ގުޅިގެން ސުޕްރީމް ކޯޓުގެ ތިން ފަނޑިޔާރުން ސަސްޕެންޑް ކުރިއިރު، އޭގެ ތެރެއިން ފަނޑިޔާރު ހުސްނުއްސުއޫދު ވަނީ އިސްތިއުފާ ދެއްވައިފަ އެވެ. އަދި ފަނޑިޔާޜު މަހާޒު އަލީ ޒާހިރާއި ފަނޑިޔާރު ޑރ. އަޒްމިރަލްދާ ޒާހިރު ސަސްޕެންޝަންގައި ތިއްބެވިއިރު, އެ ދެ ބޭފުޅުން ވަކިކުރަން މަޖިލީހަށް އޮތީ ފޮނުވައިފަ އެވެ..
މިދިޔަ އާދިއްތަ ދުވަހު އިބުރާގެ ފަރާތުން ސުޕްރީމް ކޯޓަށް އެ މައްސަލަ ހުށަހެޅީ ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ ސަސްޕެންޝަނަކީ ގާނޫނާ ހިލާފް ސަސްޕެންޝަނެއް ކަމަށް ބުނެ, އެ ސަސްޕެންޝަން ބާތިލްކުރުމަށެވެ.
ނަމަވެސް ސުޕްރީމް ކޯޓުގެ ރަޖިސްޓްރާ މިއަދު ނިންމެވީ އެ މައްސަލާގައި ގައުމުގެ އާންމު މަސްލަހަތާ ގުޅޭ ދުސްތޫރީ ކަމެއް ނެތުމުން އެ މައްސަލަ ބަލައިނުގަނެވޭނެ ކަމަށެވެ.
އިބުރާގެ ފަރާތުން އެ މައްސަލަ މީގެކުރިން ހައި ކޯޓަށް ވެސް ހުށަހެޅި އެވެ. ނަމަވެސް، އެ ކޯޓުން ވެސް ނިންމީ އެ މައްސަލަ ބަލައިނުގަތުމަށެވެ.