ޖެނެރޭޝަނަލް ބޭން ގެނައުމަށްޓަކައި ދުންފަތް ކޮންޓްރޯލް ކުރުމާ ބެހޭ ގާނޫނަށް އިސްލާހު ގެންނަން ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި ބިލް މިއަދު މަޖިލީހުން ފާސްކޮށްފި އެވެ.

2007 އިން ފެށިގެން އޭގެ ފަހަށް އުފަންވާ ކުދިންނަށް ދުންފަތް މަނާ ކުރާ ބިލު މަޖިލީހަށް ސަރުކާރުގެ ފަރާތުން ހުށަހެޅީ ކިނބިދޫ ދާއިރާގެ މެންބަރު އަލީ އަޝްރަގެވެ. އެގޮތުން، ރާއްޖޭގައި 1 ޖެނުއަރީ 2007 އިން ފެށިގެން އުފަންވެފައިވާ އެއްވެސް މީހަކު ދުންފަތުގެ އިސްތިއުމާލުކުރުން މަނާ ކަމަށާއި އެ އުމުރުގެ އެއްވެސް މީހަކު ދުންފަތުގެ އެއްވެސް ބާވަތެއް ވިއްކުން މަނާ ކަމަށް އިސްލާހުގައި ބަޔާންކޮށްފައިވެ އެވެ.

އޭގެ އިތުރުން، ދުންފަތުގެ ބާވަތްތައް ވިއްކޭނީ ލައިސަންސް އޮވެގެން ރަޖިސްޓްރީ ކޮށްފައިވާ ތަންތަނުގައި އެކަނި ކަމަށާއި އެފަދަ ތަކެތި ގަންނަނީ ކާކުކަން ނޭނގޭ ގޮތަށް، އޮންލައިންކޮށް ނުވަތަ ވެންޑިން މެޝިން ފަދަ ވަސީލަތްތައް ބޭނުންކޮށްގެން ވިއްކިގެން ނުވާނެ ކަމަށް ވެސް ބަޔާންކޮށްފައިވެ އެވެ.

ދުންފަތާއި ގުޅިގެން އެފަދަ ތަކެތި އުފައްދަން ހާއްސަވާ މެޝިނަރީއާ އެހެނިހެން އެފަދަ ތަކެތި ރާއްޖެ އެތެރެކުރުން ވެސް ވަނީ މަނާކޮށްފަ އެވެ.

ދުންފަތުގެ ބާވަތްތައް އުފައްދަން ހާއްސަކޮށްފައިވާ މެޝިނަރީ ރާއްޖެއަށް އެތެރެކުރުން ވެސް މި އިސްލާހުގެ ދަށުން މަނާކޮށްފައިވާއިރު އިލެކްޓްރޯނިކް ސިނގިރޭޓާއި ވޭޕްކުރުމަށް ބޭނުންކުރާ އާލާތްތަކާއި އެ އެއްޗެއްސާއެކު ބޭނުންކުރުމަށް ތައްޔާރުކޮށްފައިވާ އުފެއްދުންތައް ގެންގުޅުމާއި ބޭނުންކުރުން ވެސް ވަނީ މަނާކޮށްފަ އެވެ.

އިސްލާހުގައި އިތުރަށް ފާހަގަކޮށްފައިވާ ކަންކަމުގެ ތެރޭގައި، މިތަކެތި ބޭނުންކުރާތަން ނުވަތަ ގެންގުޅޭތަން ފެންނަނަމަ، ފުލުހުންނަށް އެ އަތުލުމުގެ ބާރު ލިބެ އެވެ. އަދި ރާއްޖެއަށް އެތެރެކުރާ އެފަދަ ތަކެތި އަތުލުމުގެ ބާރު ކަސްޓަމްސް އަށް ލިބިގެންދާނެ ކަމަށް ވެސް އިސްލާހުގައިވެ އެވެ.

މި ގާނޫނަށް އަމަލު ކުރަން 6 މަސް ދުވަހުގެ މުއްދަތެއް ލިބޭނެ އެވެ. އެއާއެކު، ސަރުކާރުން މި ބިލަށް އަމަލު ކުރަން ނިންމާފައިވަނީ މިއަހަރުގެ ނޮވެންބަރު މަހުން ފެށިގެންނެވެ.