ރާއްޖޭގެ ޑިވެލޮޕްމެންޓް ބޭންކު (ޑީބީއެމް)ގެ މެނޭޖިން ޑިރެކްޓަރު އަދި ސީއީއޯގެ މަގާމުގައި ހުރި ނޮއެލް ގްރެގާ ޕެޓާސަން-ޖޯންސް އެމަގާމުން އިސްތިުފާ ދިނީ މުސާރާ ނުދިނުމުންކަމަށް ނުދެކޭކަމަށް އެ ބޭންކުން ބުނެފި އެވެ.
މިދިޔަ މާޗު މަހު މަގާމުން އިސްތިއުފާ ދެއްވި ނޮއެލް ވަނީ އޭނާ އަށް މުސާރަ އާއި އިނާޔަތްތައް ނުލިބިގެން ވަޒީފާ އާއި ބެހޭ ޓްރައިބިއުނަލަށް މައްސަލަ ހުށަހަޅާފަ އެވެ. އެހެންނަމަވެސް އޭނާ އަކީ ދިވެހި ބަހުން ވާހަކަ ދެއްކޭނެ މީހަކަށް ނުވާތީ ތަރުޖަމާނަކު އައްޔަންކުރުމަށް ދިން ފުރުސަތުގައި ތަރުޖަމާނަކު އައްޔަންކޮށްފައި ނުވާތީ ޓްރައިބިއުނަލުން ވަނީ މި މައްސަލަ ބާތިލުކޮށްފަ އެވެ.
މިކަމާ ގުޅިގެން ބައެއް ނޫސްތަކުން ރިޕޯޓުކޮށްފައިވާތީ ޑީބީއެމް އިން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނީ ނޮއެލް އިސްތިއުފާ ދެއްވުމާ ހަމައަށް އޭނާއަށް ހައްގު މުސާރަ އާއި އިނާޔަތްތައް ފުރިހަމައަށް ދީފައިވާނެކަމަށާއި އޭނާ މަގާމުން އިސްތިއުފާ ދެއްވީ މުސާރަ ނުދޭތީ ކަމަށް ނުދެކޭ ކަމަށެވެ.
މިގޮތުން 20 މާޗުގައި ނޮއެލް މަގާމުން އިސްތިއުފާ ދެއްވުމުގެ ދުވަސްކޮޅެއް ކުރިން އޭނާ ރާއްޖެ ދޫކުރައްވައި ފުރާވަޑައިގެންފައިވާ ކަމަށާއި އިސްތިއުފާ ދެއްވި ފަހުން، ޑީބީއެމްގެ އެއްވެސް މަސައްކަތެއްގައި އޭނާ ނޫޅުއްވާ ކަމަށް ނޫސްބަޔާނުގައިވެ އެވެ.
މީގެ އިތުރުންވެސް ޑީބީއެމް އިން ބުނީ މުސާރަ ނުދޭ ކަމަށް ބުނެ ނޮއެލް އެ ބޭންކާ ދެކޮޅަށް ހުށަހެޅުއްވި މައްސަލާގައި އެ ބޭންކުގެ ގާނޫނީ ވަކީލުންގެ ޓީމަކުން މަސައްކަތް ކުރަމުން އަންނަ ކަމަށާއި، މައްސަލަ ފައިސަލާ ކުރުމުގައި މި ބޭންކުން ފުރިހަމަކުރަން ޖެހޭ އެންމެހާ ގާނޫނީ އިޖުރާތްތަކާ އެއްގޮތްވާ ގޮތުގެ މަތިން އަމަލުކުރަމުންދާނެ ކަމަށެވެ.
އެ ބޭންކަށް އާ ސީއީއޯއެއް އަދި މެނޭޖިން ޑިރެކްޓަރެއް އައްޔަންކުރުމުގެ މަސައްކަތްތައް ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ)ގެ އެއްބާރުލުމާ އެކު ކުރަމުން އަންނަކަމަށް ޑީބީއެމް އިން ބުނެ އެވެ.