ހަރަކާތްތެރި ވަޒީފާތަކުގައި އުޅޭ ފިރިހެނުންނަށްވުރެ އޮފީސް މާހައުލުތަކުގައި މަސައްކަތްކުރާ ފިރިހެނުން އަވަހަށް ތަލަވުމުގެ ފުރުސަތު ބޮޑު ކަމަށް ދިރާސާއަކުން ދައްކައިފި އެވެ.

އޭނަލްސް އޮފް އޮކިއުޕޭޝަނަލް އެންޑް އެންވައިންމެންޓަލް މެޑިސިން ޖާނަލްގައި ޝާއިއު ކޮށްފައިވާ މިދިރާސާގައި ބުނެފައިވަނީ، އޮފީހުގައި 52 ގަޑިއިރަށް ވުރެ އިތުރަށް މަސައްކަތް ކުރާ މީހުން ތަލަވުމުގެ ފުރުސަތު، 40 ގަޑިއިރަށްވުރެ މަދުން މަަސައްކަތް ކުރާ މީހުންނާއި އަޅާބަލާއިރު ދެ ގުނަ ދަށް ކަމަށެވެ.

13،000 މީހުންނާއެކު ކުރި މިދިރާސާ ކޮށްފައިވަނީ ދެކުނު ކޮރެއާގެ އޮފީސްތަކުގައި މަސައްކަތްކުރާ ފިރިހެނުން ބައިވެރި ކޮށްގެންނެވެ.

މިދިރާސާގައި އިސްކޮށް ހަރަކާތްތެރިވި ފަރާތެއް ބުނެފައިވަނީ މަސައްކަތުގެ މާހައުލުގައި ހާސްވެ ކަންބޮޑުވުމުގެ ސަބަބުން ހަށިގަނޑުގައި އުފެދޭ ވަކި ހޯމޯންނެއްގެ ސަބަބުން މީހާގެ އިސްތަށިގަނޑު ތަލަވުމަށް މަގުފައިވާ ކަމަށެވެ.

މި ހޯމޯންގެ ސަބަބުން އިސްތަށިތަކުގެ ބުޑު ވަރުދެރަވެ، އާ އިސްތަށި ފެޅުމަށް ހުރަސް އަޅާ ކަމަށްވެސް މިދިރާސާގައި ބުނެފައިވެ އެވެ.

މިދިރާސާ ހެދި ޓީމުން ބުނެފައިވަނީ އޮފީހުގައި ގިނަ ވަގުތު މަސައްކަތް ކުރުމާއި ތަލަވުމާ ދެމެދު އޮންނަ ގުޅުން ދެނެގަތުމަށް ހެދި ދިރާސާގައި ބައެއް އިތުރު ކަންކަމަށްވެސް އަލި އަޅުވާލި ކަމަށެވެ.

މިގޮތުން މިދިރާސާއިން ދައްކާގޮތުގައި ގިނަ ވަގުތު އޮފީހުގައި އުޅުނު ކަމުގައިވީ ނަމަވެސް ގޭތެރޭގައި ރަނގަޅު މާހައުލެއްގައި އުޅޭނަމަ ބޮލުގެ އިސްތަށި ފޭބުން ނުވަތަ ތަލަވުމާ ދުރެވެ.

ތަލަވުމާއި އޮފީހުގައި ހޭދަ ކުރާ ވަގުތާއި ގުޅުމެއް ވާތީ، އޮފީހުގައި އުޅޭ ވަގުތުތައް މަދު ކުރުމަށް މިދިރާސާ ހެދި ފަރާތުންވަނީ ލަފާދީފަ އެވެ.

ޒަމާނަށް އަންނަމުންދާ ބަދަލުތަކާއެކު މަސްވެރިކަމާއި ވަޑާން ކުރުން ފަދަ މަސައްކަތްތަކުގައި އުޅޭ ފިރިހެނުން މަދުވެ އޮފީސްތަކަށް ވަންނަ ފިރިހެނުން އިތުރުވަމުން ދާއިރު އެކަމުގެ ސަބަބުން ފިރިހެނުންގެ ސިއްހަތަށް ވެސް ނޭދެވޭ އަސަރުތަކެއް އަންނަނީ ކުރަމުންނެވެ.