ބޭރުގެ އޮންލައިން ޕްލެޓްފޯމުތަކުން ވިޔަފާރިކުރާ މިންވަރު ގިނަވުމާ އެކު ޕޯސްޓު އޮފީހަށް ބާރުބޮޑުވެ، އިތުރު މުވައްޒަފުން ހޯދުމަށް އިއުލާންކޮށްފި އެވެ.
ޕޯސްޓު އޮފީހަށް މި ބާރުބޮޑުވީ ޗައިނާގެ އޮންލައިން ވިޔަފާރި ޕްލެޓްފޯމު "ޓީމޫ" އިން ގިނަ ބަޔަކު ވިޔަފާރިކުރަން ފެށުމާ ގުޅިގެންނެވެ. މި ޕްލެޓްފޯމުން އޯޑަރުކުރާ މުދާ ކުރިން ހަފުތާއެއްހާ ދުވަހުގެ ތެރޭގައި ލިބޭތީ، އަގުހެޔޮކަމާއެކު ގިނަ ދިވެހިން މިހާރު ވަނީ މި ޕްލެޓްފޯމުން ވިޔަފާރިކުރަން ފަށާފަ އެވެ.
ނަމަވެސް، މި ކުއްލި ބަދަލާ ގުޅިގެން ޕޯސްޓު އޮފީހަށް ބާރުބޮޑުވެ، މުދާ ކަސްޓަމަރުންނާ ހަމައަށް ފޯރުކޮށްދިނުން ވަނީ ލަސްވެފަ އެވެ. މީގެ ސަބަބުން އާންމުންގެ ޝަކުވާތައް ގިނަވުމާއެކު، ޕޯސްޓު އޮފީހުން ވަނީ އިތުރު މުވައްޒަފުން ހޯދުމަށް އިއުލާންކޮށްފަ އެވެ.
ގެޒެޓުގައި ކޮށްފައިވާ އިއުލާންތަކަށް ބަލާއިރު، ފާއިތުވި 10 ދުވަހުގެ ތެރޭގައި 10 ވަޒީފާއަކަށް އިއުލާންކޮށްފައިވެ އެވެ. މީގެ ތެރޭގައި ވަގުތީ މުވައްޒަފުންނާއި، ޕޯސްޓްމަނުންނާއި، ސޭލްސް އޮފިސަރުންނާއި މޭލް ކްލިއާ ކުރުމުގެ މަސައްކަތް ކުރާނެ މުވައްޒަފުން ހިމެނެ އެވެ.
ޕޯސްޓު އޮފީހުގެ އޮފިޝަލަކު ނޫސްތަކަށް މައުލޫމާތު ދީފައިވާގޮތުގައި، އެ އިދާރާއިން ދޭ ހިދުމަތުގައި އެއްވެސް މައްސަލައެއް ނޯންނާނެ އެވެ. އަދި ޓީމޫއިން ފޮނުވާ ނޮޓިފިކޭޝަނާ އެއްވަރަށް ހިދުމަތް ދިނުމަށް ކެނޑިނޭޅި މަސައްކަތް ކުރަމުންދާ ކަމަށް ވެސް އެ އޮފިޝަލް ވިދާޅުވި އެވެ.