މިއަހަރުގެ ހައްޖުގެ އަޅުކަން އަދާކުރުމަށް ރާއްޖެއިން ދާ ހައްޖުވެރިންގެ ފުރަތަމަ ގުރޫޕްގައި ހިމެނޭ 235 މީހުން މިއަދު ހަވީރު ފުރައިފި އެވެ.
ޙައްޖުވެރިންގެ ފުރަތަމަ ގުރޫޕް ފުރާފައިވަނީ 3:15 ގައި ސައުދީ އެއާލައިނުންނެވެ. މި ފްލައިޓް ޖިއްދާ އެއާޕޯޓްގައި ޖައްސާނެ ކަމަށް ލަފާކުރަނީ ރާއްޖެ ގަޑިން މިރޭ 8:49 ހާއިރު އެވެ.
ކުރީ އަހަރުތަކެކޭ އެއްގޮތަށް ޙައްޖުވެރިން އެއަރޕޯޓަށް ދިއުމުގައި މިއަހަރު ވެސް ފަސޭހަ އިންތިޒާމުތަކެއް ހަމަޖައްސައިދީފައިވެ އެވެ. އެ ގޮތުން މާލެއާއި ހުޅުމާލެއިން ބަހުގައި ދަތުރުކުރެވޭނެ އިންތިޒާމްތައް ހަމަޖައްސާފައިވެ އެވެ. އަދި މާލޭގައި ހުންނަ ހުޅުލޭ ފެރީ ޓާމިނަލުން ވެސް އެއާޕޯޓަށް ދެވޭނެ ގޮތް ވަނީ ފަހިކޮށްދީފަ އެވެ.
ހައްޖުވެރިންނަށް މާލެއިން ތިން ރޫޓަކުން އަދި ހުޅުމާލެއިން ދެ ރޫޓަކުން ބަސްދަތުރު ހަމަޖައްސާފައިވެ އެވެ. އަދި ބަސް ދަތުރުތައް ފެށީ ހެނދުނު 10:30 ގަ އެވެ. ބަހުން އެއާޕޯޓަށް ދާ ހައްޖުވެރިންނަށް ފަސޭހަކޮށްދިނުމުގެ ގޮތުން ބަސް ހުއްޓާ ތަންތަނުގައި ފުލުހުންނާއި ސްކައުންޓުން ވެސް ހަރަކާތްތެރިވި އެވެ.
ހައްޖުވެރިންގެ ފުރަތަމަ ގުރޫޕް މިއަދު ފުރިއިރު އަންގާރަ، ބުރާސްފަތި އަދި ހުކުރު ދުވަހު ވެސް ހައްޖުވެރިން ފުރުމަށް ހަމަޖެހިފައިވެ އެވެ.