މީގެ 10 އަހަރު ކުރިން މާލޭގައި ހިނގި އެކްސިޑެންޓެއްގައި މާބަނޑު އަންހެނަކު ނިޔާވި މައްސަލައިގައި ދައުވާ ލިބުނު ފަރާތުގެ މައްޗަށް ކުށް ސާބިތުވާ ކަމަށް ހައި ކޯޓުން ނިންމައިފި އެވެ.
2015 ވަނަ އަހަރުގެ ފެބްރުއަރީ މަހު މާލޭގެ ޒަމާނީ ހިނގުމުގައި ހިނގި މި ހާދިސާގައި ނިޔާވީ ހއ. ހޯރަފުށީ ގާތުގިރި އަޒުލީމާ އަބްދުﷲ އެވެ. އޭނާ މަރުވީ، ބާރު ސްޕީޑުގައި ދުއްވަމުން ދިޔަ ސައިކަލެއްގައި ޖެހިގެންނެވެ.
މި މައްސަލައިގައި ދައުވާ ލިބުނު ސ. މީދޫ އިރާސްމެކުގެ އަލީ އާލިމްގެ މައްޗަށް ދައުވާ ސާބިތުވާކަމަށް ހައިކޯޓުން ވަނީ ނިންމާފަ އެވެ. އެގޮތުން، އޭނާގެ މައްޗަށް މަރުގެ ދިޔަ ދެއްކުމަށާއި، 10 އަހަރަށް ލައިސަންސް ހިފެހެއްޓުމަށް ހައިކޯޓުން ހުކުމްކޮށްފައިވެ އެވެ.
އާލިމްގެ މައްޗަށް ސާބިތުވި ގަތުލު ޚަތައުގެ ކައްފާރާގެ ގޮތުގައި ވިދިވިދިގެން ދެ މަސް ދުވަހު ރޯދަ ހިފުމަށްވެސް ހައިކޯޓުގެ ހުކުމުގައި ބުނެފައިވެ އެވެ.
މި މައްސަލަ ކްރިމިނަލް ކޯޓުން ނިންމީ، އާލިމްގެ މައްޗަށް ކުށް ސާބިތު ނުވާ ކަމަށެވެ. ނަމަވެސް އެ މައްސަލަ ހައިކޯޓުގައި އިސްތިއުނާފު ކުރުމުން ހައި ކޯޓުން ވަނީ އެ ނިންމުން ބަދަލުކޮށްފަ އެވެ. މި މައްސަލައިގައި މަރުގެ ދިޔައާ މެދު ގޮތެއް ނިންމާނީ މަރުހޫމާގެ ވާރިސުންގެ ބަހަށް ބިނާކޮށް ކަމަށްވެސް ހައި ކޯޓުން ނިންމައިފައިވެ އެވެ.