ރާއްޖޭގެ މޫސުން ބަލާ ހަ ވަނަ އޮބްޒަވޭޓަރީ ނ. މާފަރުގައި ހަދަން ނިންމައިފި އެވެ.

މޫސުމާ ބެހޭ ގައުމީ އިދާރާ، މެޓް އޮފީހުން މިއަދު ނެރުނު ބަޔާނެއްގައި ބުނީ ޔުނައިޓެޑް ނޭޝަންސް މަލްޓިޕާޓީ ޓްރަސްޓް ފަންޑް (ޔޫއެންއެމްޕީޓީއެފް) އާއި ވޯލްޑް މީޓިއޮރޮލޮޖިކަލް އޯގަނައިޒޭޝަން (ޑަބްލިއުއެމްއޯ) ގުޅިގެން އުފައްދާފައިވާ ސިސްޓަމެޓިކް އޮބްޒަވޭޝަން ފައިނޭންސިން ފެސިލިޓީގެ ދަށުން ރާއްޖޭގެ މޫސުމާ ބެހޭ ބައެއް އޮބްޒަވޭޝަން ސްޓޭޝަންތައް ގްލޯބަލް ބޭސިކް އޮބްޒަވޭޝަން ނެޓްވޯކްގެ ފެންވަރަށް އަޕްގްރޭޑް ކުރުމަށް ހިންގާ ޕްރޮޖެކްޓުގެ އަމަލީ މަސައްކަތް ފެށުމަށް މިއަދު މަސައްކަތު ބައްދަލުވުމެއް ބާއްވާފައިވާ ކަމަށެވެ.

އެ ބަޔާނުގައިވާގޮތުން މެޓް އޮފީހާއި ޔުނައިޓެޑް ނޭޝަން އެންވަޔަރަމެންޓް ޕްރޮގްރާމް (ޔޫއެންއީޕީ)އާ ގުޅިގެން ހިންގާ އެ ޕްރޮޖެކްޓަކީ ހަތަރު އަހަރު ދުވަހުގެ މުއްދަތަށް ކުރިއަށް ގެންދާ ޕްރޮޖެކްޓެކެވެ.

ރާއްޖޭގައި މިހާރު ހުރި ހަތަރު މެޓް އޮފީސް ނުވަތަ އޮބްޒަވޭޓަރީތަކުގައި ބަހައްޓާފައިވާ މޫސުމާ ބެހޭ އާލާތްތަކުގެ ފެންވަރު ރަނގަޅުކޮށް، އިތުރު މެޓް އޮފީހެއް މާފަރުގައި ހެދުމުގެ މަސައްކަތް އެ ޕްރޮޖެކްޓުގެ ދަށުން ކުރާނެ ކަމަށް މެޓް އޮފީހުން ބުންޏެވެ.

ރާއްޖޭގެ މޫސުން ބަލާ އޮބްޒަވޭޓަރީތައް މިހާރު ހުންނަނީ ހުޅުލެ އާއި ހދ. ހަނިމާދު އާއި ލ. ކައްދޫ އާއި ގދ. ކާޑެއްދު އަދި އައްޑޫ ގަމުގަ އެވެ. އޭގެ އިތުރުން ރާއްޖޭގެ 20 ރަށެއްގައި އޮޓޯމޭޓެޑް ވެދާ ސްޓޭޝަންތަކާއި ދިޔަވަރު ބެލުމަށް ހަނިމާދު އާއި ހުޅުލެ އަދި އައްޑޫ ގަމުގައި ޓައިޑް ސްޓޭޝަންތައް ހުރެ އެވެ.

އައްޑޫ ސިޓީ ގަމުގައި ހުންނަ، ވައިގެ މަތީ ފަށަލަތަކުން މޫސުމާ ބެހޭ މައުލޫމާތު އެއްކުރާ ނިޒާމު (ރޭޑިއޯސޮންޑޭ) މަރާމާތުކޮށް އަލުން ބޭނުންކުރަން ފަށަން ވެސް މެޓް އޮފީހުން ވަނީ ނިންމާފަ އެވެ.

"މީގެ ސަބަބުން ރާއްޖޭގެ މޫސުން ބަލާ ވިއުގައިގެ ފެންވަރު ރަނގަޅުވެ ދުރާލައި އިންޒާރު ދޭ ނިޒާމު އިތުރަށް ހަރުދަނާވުމުގެ އިތުރުން ދުނިޔޭގެ މޫސުމާ ބެހޭ އޮބްޒަވޭޝަން ނެޓްވޯކަށް ރާއްޖޭން ފޯރުކޮށްދޭ މުސުމާ ބެހޭ މައުލޫމާތުގެ ފެންވަރު ވެސް އިތުރަށް ރަނގަޅުވެގެންދާނެ އެވެ،" މެޓް އޮފީހުގައި ބަޔާނުގައި ބުންޏެވެ.