ތެހެރާން (ޖޫން 13)- އީރާނުގެ ނިއުކްލިއާ މަރުކަޒުތަކަށް އަމާޒުކޮށް އިޒްރޭލުން ރޭ ފަތިހު ވަރުގަދަ ހަމަލާތަކެއް ދޭން ފަށައިފި އެވެ.
މި ހަމަލާގައި އީރާނުގެ އިސްލާމިކް ރިވޮލިއުޝަނަރީ ގާޑް ކޯޕްސް (އައިއާރްޖީސީ)ގެ ކޮމާންޑަ އިން ޗީފް ޖެނެރަލް ހުސައިން ސަލާމީ ވަނީ އަވަހާރަވެފަ އެވެ. މީގެ އިތުރުން ތެރެހާނަށް ދިން ހަމަލާތަކެއްގައި އީރާނުގެ ނިއުކްލިއާ އިސް ސައިންޓިސްޓުންތަކެއް ވަނީ ވަނީ އަވަހާރަކޮށްލައިފަ އެވެ. މީގެ އިތުރުން ސަރުދާރު ސަލާމީ (އައިއާރްޖީސީގެ ޗީފް) އާއި ސަރުދާރު ރަޝީދު (ހެޑް އޮފް ޚަތަމް އަލް އަންބިއާ) އާއި ޑރ. ފެރިދޫން އައްބާސީ (ނިއުކްލިއާ ސައިންޓިސްޓް) އަދި ޑރ. ތެހެރާނީ (ނިއުކްލިއާ ސައިންޓިސްޓް) ވެސް އަވަހާރަކޮށްލައިފަ އެވެ.
އިޒްރޭލުގެ އޮފިޝަލަކު ސީއެންއެންއަށް ބުނިގޮތުގައި އިޒްރޭލުން އީރާނަށް ގިނަ ހަމަލާތަކެއް ދޭން ގަސްދުކުރެ އެވެ.
"މިއީ އެއް ދުވަހުގެ ހަމަލާއެއް ނޫން،" މައުލޫމާތު ދިން މީހާ ބުންޏެވެ. އަދި އަސްކަރީ ގޮތުންނާއި ޑިޕްލޮމެޓިކް ގޮތުން ވެސް މި އޮޕަރޭޝަން ކުރިއަށް ގެންދިއުމަށް ރަނގަޅު ވަގުތެއް ފެނިފައިވާ ކަމަށް އިޒްރޭލު ސަރުކާރުން ގަބޫލުކުރާ ކަމަށް ވެސް އޮފިޝަލް ބުނެ އެވެ.
އިޒްރޭލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ވަނީ އިޒްރޭލުން އީރާނުގެ ނިއުކްލިއާ ސައިޓްތަކަށް އަމާޒުކޮށް ހަމަލާތައް ދީފައިވާކަން ކަށަވަރުކޮށްދީ، އެ އޮޕަރޭޝަން އެތައް ދުވަހެއް ވަންދެން ދެމިއޮންނާނެ ކަމަށް ބުނެފަ އެވެ.
ގައުމާ މުހާތަބުކޮށް ވާހަކަދައްކަމުން ނަތަންޔާހޫ ބުނީ އިޒްރޭލުން "އޮޕަރޭޝަން ރައިޒިން ލަޔަން" ފަށާފައިވާ ކަމަށާއި މިއީ އިޒްރޭލުގެ ދެމިއޮތުމަށް އޮތް ނުރައްކާ ކުޑަކުރުމުގެ މަގްސަދުގައި ހިންގާ އަސްކަރީ ފިޔަވަޅެއް ކަމަށެވެ.
"މި ނުރައްކާ ނައްތާލުމަށް ޓަކައި މި އޮޕަރޭޝަން ކުރިއަށް ގެންދަން ޖެހޭ ހުރިހާ ދުވަހަކަށް ދެމިއޮންނާނެ،" އަދި އީރާނުން ނިއުކްލިއާ ހަތިޔާރު އުފެއްދުމުގެ ޕްރޮގްރާމެއް ކުރިއަށް ގެންދާ ކަމަށާއި، އީރާނުން ނިއުކްލިއާ ހަތިޔާރު އުފައްދައި، އެކަމަށް ނުފޫޒު ނުފޯރުވައިފި ނަމަ ނިއުކްލިއާ ހަތިޔާރު އުފައްދައިފާނެ ކަމަށް އޭނާ ބުނެ އެވެ.
ނަތަންޔާހޫ ބުނީ މިކަމުގެ ސަބަބުން އިޒްރޭލުގެ ދެމިއޮތުމަށް ވަރަށް ނުރައްކަލެއް ކުރިމަތިވެފައިވާ ކަމަށެވެ. އަދި ހަމަލާތައް އީރާނުގެ ނިއުކްލިއާ ހަތިޔާރު އުފެއްދުމުގެ މަސައްކަތުގެ މައިގަނޑު ތަންތަނަށް އަމާޒުކޮށްފައިވާ ކަމަށް ވެސް ނަތަންޔާހޫ ބުނެ އެވެ.
މި ހަމަލާއާ ގުޅިގެން މެދުއިރުމަތީގައި ވަރުގަދަ ހަނގުރާމައެއް ފެށި، ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު ވަނީ 11 ޕަސެންޓް އުފުލިފަ އެވެ.