އީރާނާއި އިޒްރޭލާ ދެމެދު 5 ވަނަ ދުވަހު ވެސް ހަމަލާތައް ބަދަލުކޮށްފައިވާތީ، އީރާނުގެ ވެރިރަށް ތެހެރާން ދޫކޮށް އީރާނުގެ ރައްޔިތުން ދިޔުމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ގޮވާލައިފި އެވެ.
ޓްރަމްޕް އޭނާގެ ސޯޝަލް މީޑިއާގައި ކުރި ޕޯސްޓެއްގައި ވިދާޅުވީ ކުރިން އެންގި ގޮތަށް އީރާނުން "އެއްބަސްވުމުގައި" ސޮއިކުރަން ޖެހޭނެ ކަމަށާއި، އެފަދައިން އީރާނުން އަމަލު ނުކުރުމަކީ ލަދުވެތި ކަމެއް ކަމަށެވެ.
މިއާއެކު އީރާނަށް ނިއުކްލިއާ ހަތިޔާރު ނުގެންގުޅެވޭނެ ކަމަށް ތަކުރާރުކޮށް އަންގާ ކަމަށާއި، ތެހެރާނުން އެންމެން ވީހާ ވެސް އަވަހަށް ފައިބަން ޖެހޭ ކަމަށް ބުނެ ޓްރަމްޕް ވަނީ އިންޒާރުދީފަ އެވެ.
ޓްރަމްޕް މިފަދައިން ވިދާޅުވިއިރު، މެދު އިރުމަތީގެ މަޝްރަހު ގޯސްވުމާ ގުޅިގެން އޭނާ ބައިވެރިވުމަށް ހަމަޖެހިފައިވާ ކެނެޑާގައި އޮތް ސަމިޓަށް އެއް ދުވަސް ކުރިން ޓްރަމްޕް ވަނީ ގޮސްފަ އެވެ. ޖީ7 ސަމިޓަށް ޓްރަމްޕް އަވަހަށް ދިޔުމުން ފްރާންސްގެ ރައީސް އިމެނުއެލް މެކްރޯން ވިދާޅުވީ މިއީ ރަނގަޅު ނިޝާނެއް ކަމަށާއި، އީރާނު- އިޒްރޭލު ހަނގުރާމަ ހުއްޓާލުމާ ގުޅޭ ޕްލޭނެއް އެމެރިކާއިން ހުށަހަޅާފައިވާ ކަމަށެވެ.
މިއަދުގެ ހެނދުނުގެ ވަގުތެއްގައި ވެސް އީރާނަށް ވައިގެ މަގުން ހަމަލާތަކެއް ލިބި، ގޮވުންތަކެއްގެ އަޑު އިވުން ކަމަށާއި، އެކަމާ ގުޅިގެން އީރާނުގެ ނަތަންޒްގައި ވެސް އެގައުމުގެ ވައިގެ އަސްކަރިއްޔާއިން ހަރަކާތްތެރިވެފައިވާ ކަމަށް އީރާނުގެ މީޑިއާތަކުން ވަނީ ރިޕޯޓް ކޮށްފަ އެވެ.
އިޒްރޭލުގެ ވެރިރަށް ޓެލްއަވީވުން ވެސް ރޭ ދަންވަރު ސައިރެންގެ އަޑު އިވުނު އިރު އީރާނުން ދިން މިސައިލް ހަމަލާތަކެއްގައި އިމާރާތްތަކެއް ވަނީ ބިމާ ހަމަކޮށްލާފަ އެވެ.
މި ހަމަލާތަކުގައި އީރާނުން 224 މީހުން މަރުވެފައިވާއިރު، އިޒްރޭލުގެ 24 މީހުން ވަނީ މަރުވެފަ އެވެ.