މީގެ 25 އަހަރު ކުރިން، 24 މެއި 2000 ވަނަ އަހަރު އިޒްރޭލްގެ އެންމެ ފަހު ސިފައިންގެ މީހާ ދެކުނު ލުބްނާނުން ފޭބީ، އެދުވަހުގެ ހެނދުނު 6:42 ގައެވެ. އިޒްރޭލުން ދެކުނު ލުބްނާން ހިފައި، އެތަނުގައި 22 އަހަރު ވަންދެން ތިއްބެވެ. އިޒްރޭލުގެ ފައުޖުތައް ލުބްނާން ދޫކޮށް ދިޔައިރު އެބައިމީހުންގެ ހަތިޔާރުތަކާއި ތިބި ތަންތަން ވެސް ހަލާކުކޮށްލަމުން ދިޔައެވެ. މި ގޮތުން އެންމެ ފަހުން ދޫކޮށްލާން ޖެހުނީ ލުބުނާންގެ ޓައުންއެއް ކަމަށްވާ މަރްޖަނޫންގައި ހުރި އެމީހުންގެ ހެޑްކުއާޓަރެވެ. އިޒްރޭލުން ވައިގެ މަގުން ބޮން އަޅާ އެތަން ވެސް ގޮއްވާލީއެވެ.

އިޒްރޭލް ސިފައިންގެ އެންމެ ފަހު ފައުޖު ފައިބައިގެން ދިޔައިރު ހިޒްބުﷲ ހަނގުރާމަވެރިން އެބައިމީހުންނާ ދިމާލަށް ވަރުގަދަ ހަމަލާތަކެއް ވެސް ދިނެވެ. އިޒްރޭލް ސިފައިގެން އެންމެ ފަހު މީހާ ލުބުނާންގެ ފަސްގަނޑުން ފޭބިތާ ކުޑަ ވަގުތުކޮޅެއްގެ ތެރޭގައި ހިޒްބުﷲގެ ވެރިޔާ ޝެއިޚް ހަސަން ނަސްރުﷲ ބެއިރޫތުގައި ހުންނަވައި އެތައް ހާސް ސަޕޯޓަރުންނާއި މުޚާތަބްކޮށް ވިދާޅުވިއެވެ. "މިއީ އަރަބި-އިޒްރޭލް ހަނގުރާމައިގައި ފާއިތުވެ ދިޔަ 50 އަހަރުގެ ތެރޭގައި ލިބުނު އެންމެ ބޮޑު ކާމިޔާބެވެ."

އިޒްރޭލުން 1978 ވަނަ އަހަރު ދެކުނު ލުބްނާނަށް ވަދެގަތީ ފަލަސްތީންގެ ގެރިއްލާ ހަނގުރާމަވެރިން ނައްލާތުލުގެ ނިޔަތުގައެވެ. އެހެން ނަމަވެސް އެކަން ކާމިޔާބު ނުވުމުން، އިޒްރޭލުން ނިންމީ ފުލް ސްކޭލް އިންވޭޝަނެއް ނުވަތަ މުޅި ތަން ހިފުމަށެވެ. އަދި 1985 ގައި މިކަން ކުރާނަމޭ ހިތާ އޮޕަރޭޝަނެއް ފެށިއެވެ. އިޒްރޭލް ސިފައިން ލުބްނާނުން ބޭރުކޮށްލުމުގެ މަސައްކަތް ފެށީ ވަރުގަދަ ހިޒްބުﷲ ޖަމާއަތުންނެވެ. މި ޖަމާއަތަށް ހަތިޔާރާއި ތަމްރީނާއި ހުރިހައި މަދަދެއް ދެމުން ގެންދިޔައީ އީރާނާއި ސީރިއާއިންނެވެ.

ލުބުންނާންގައި ނުފޫޒުގަދަ ސީރިއާއިން ބުނީ އިޒްރޭލަށް ސުލްހައާއި ހަމަޖެހުން އޮތީ ހިފާފައިވާ އަރަބި ބިންތަކުން އިޒްރޭލް ސިފައިން ފޭބުމުން ކަމަށެވެ. އިޒްރޭލުން 2006 ވަނަ އަހަރު ވެސް ހިޒްބުﷲ ޖަމާއަތާ ދެކޮޅަށް ހަނގުރާމައެއް ފެށިއެވެ. އެހެން ނަމަވެސް 34 ދުވަހަށް ދެމިގެން ދިޔަ ހަނގުރާމައިގައި ހިޒްބުﷲ އިން އިޒްރޭލްގެ މައްޗަށް އާދަޔާޚިލާފް ކާމިޔާބެއް ހޯދާ އިޒްރޭލްގެ ލަޝްކަރުތައް ފައްސާލިއެވެ. މިހަނގުރާމަ ފެށުނީ ހިޒްބުﷲ އިން އިޒްރޭލްގެ ބޯޑަރު ތެރެއަށް ވަދެ އިޒްރޭލް ސިފައިންގެ ތިން މީހުން މަރާލައި އިތުރު ދެ މީހުން ރަހީނު ކުރުމުންނެވެ. ހިޒްބުﷲގެ ހަމަލާ ހުއްޓާލީ ވެސް އދ. މެދުވެރިވެގެން މަޝްވަރާކޮށްގެން 8 ސެޕްޓެމްބަރ 2006 ގައެވެ. އިޒްރޭލަށް ލުބްނާން ވެގެންދިޔައީ އެމެރިކާގެ ދެވަނަ ވިއެޓްނާމަށެވެ.

އިރާނުގައި އޮތް ހުޅަނގާ އެކުވެރި ރަސްކަން، 1979 ވަނަ އަހަރު ވައްޓާލުމަށް ފަހު އެގައުމަށް ގެނައި އިސްލާމީ އިންގިލާބުގެ ސަބަބުން އިރާންގެ ދުވަސް ދުއްވާލުމަށް މަސައްކަތް ކުރާތާ އެތައް އަހަރެއް ވެއްޖެއެވެ. މި އިންގިލާބަށް ފަހު، އީރާނުން އެންމެ ބޮޑު އިސްކަމެއް ދިނީ ފަލަސްތީން މިނިވަން ކުރުމަށާއި ފަލަސްތީންގެ ހައްގުގައި މަސައްކަތްކުރާ އެންމެހައި ފަރާތްތަކަށް އެހީތެރިވެ ދިނުމަށެވެ. މި ގޮތުން އިޒްރޭލުން ފަލަސްތީންގެ ގެރިއްލާއިން ނައްތާލުމަށް ފެށި ހަނގުރާމައިގައި ހިޒްބުﷲ އަށް އެހީތެރިވެދީ އިޒްރޭލުގެ އޮޕްރޭޝަންތައް ނާޔާމިޔާބުކޮށްލީ ސީދާ އިރާނުގެ ފުރިހަމަ އެހީތެރިކަމާ އެކުއެވެ. މި އޮޕަރޭޝަންތަކުގައި އިރާންގެ ގުދުސްފޯސްގެ ސިފައިން ލުބްނާންގައި ތިބެ ހިޒްބުﷲ އަށް އެހީތެރިވެދިނެވެ. އަދި ހުއްޓުމެއް ނެތި ހަތިޔާރާއި ތަމްރީން ދެމުންދިޔައެވެ.

އަސްކަރީ އެނެލިސްޓުން ސިފަކުރެއްވި ގޮތުގައި މީގެ އަހަރެއްހާ ދުވަސް ކުރިން ހިޒްބުﷲ ހަނގުރާމަވެރިންނަކީ ސައުދީ އަރަބިއާގެ ސިފައިންގެ ލަޝްކަރާ ކުރިމަތި ލެވޭހާ ބިޔަ، ވަރުގަދަ ފައުޖެކެވެ. މި ދެންނެވީ ތަމްރީނާއި ހުނަރުގެ ގޮތުންނެވެ. އަދި ބައެއް ޒަމާނީ ހަތިޔާރުތަކަށް ވަރަށް ފަރިތަ ބައެއްގެ ގޮތުގައެވެ. މީގެ ތެރޭގައި އެކި ކަހަލަ ރޮކެޓް އަދި މިސައިލްތަކާއި ޑްރޯންތަކުން ހަމަލާ ދިނުމާއި، ސައިބާ ވޯ ފަދަ ކަންތައްތައް ވެސް ދަންނަ ބައެއްގެ ގޮތުގައެވެ. އަދި ކުއްލި ހަމަލާ ދިނުމާއި ތަންތަން ހިފުމުގައި ވެސް ހުނަރުވެރި ބައެއްގެ ގޮތުންނެވެ.

ހިޒްބުﷲ ޖަމާއަތުގެ އިތުރަށް އިރާނުން ދިޔައީ ފަލަސްތީންގެ ހަމާސް ޖަމާއަތަށް ހަތިޔާރާއި ފައިސާ އާއި ތަމްރީން ދެމުންނެވެ. ގާޒާގެ އަޖައިބެއް ފަދަ ބިމު އަޑީގެ ޓަނަލްތަކަކީ އިރާނުގެ އިންޖިނިއަރުންނާއި ޓެކްނޮލޮޖީގެ އެހީގައި ހަދާފައިވާ ތަންތަނެވެ. އިރާނުން އިޒްރޭލާއި ހުޅަނގާ ކުރިމަތިލުމަށް ނުވަތަ ފަލަސްތީނުގެ މުސްލިމުންގެ ދިފާއުގައި ގާއިމްކޮށްފައި އޮތް އެންމެ ވަރުގަދަ ފައުޖަކީ ހިޒްބުﷲ ޖަމާއަތެވެ. ދެން ހަމާސް ޖަމާއަތެވެ. މީގެ އިތުރަށް މި ކުޑައިގެ ދަށުގައި ޔަމަނުގެ ހޫތީންނާއި އިރާގުގައި ވެސް ވަރުގަދަ ޖަމާއަތްތައް ވަނީ އުފައްދާފައެވެ. މި ބާރުތަކުގެ ސަބަބުން އިޒްރޭލާއި އެމެރިކާއަށް ވަރަށް ބޮޑެތި ގޮންޖެހުންތައް ވަނީ ކުރިމަތިވެފައެވެ.

1979 ވަނަ އަހަރުން ފެށިގެން އިޒްރޭލާއި ހުޅަނގުން އަންނަނީ އިރާންގެ ދުވަސް ދުއްވާލުމަށް މަސައްކަތް ކުރަމުންނެވެ. އެހެން ނަމަވެސް އީރާނާ ކުރިމަތިލުމަކީ ނުރައްކާތެރި ކަމަކަށް ވާތީވެ، މި ނުރައްކާ ކުޑަކުރުމަށް އިޒްރޭލާއި އެމެރިކާއިން މަސައްކަތް ފަށައިގެން އުޅޭތާ އެތައް އަހަރެއް ވެއްޖެއެވެ. ދަތިކުރުމުގެ ފިޔަވަޅުތަކާއި އިރާންގެ ސައިންސްވެރިން ޝަހީދުކުރުމުގެ އޮޕަރޭޝަންތަކުގެ އެހީއާ ވެސް އެކުގައެވެ. މީގެ އިތުރުން ޓެކްނިކަލް ގޮތުން، އީރާނަށް ހަމަލާއެއް ދިނުމަށް ކުރަން ޖެހޭ ތައްޔާރީތައް ވެސް ދިޔައީ ވަމުންނެވެ. އިރާނަށް ހަމަލާ ދިނުމަށް މަގުފަހި ކުރުމަށްޓަކައި، ވަރަށް ކުރިން އިޒްރޭލުން ފެށި މަސައްކަތްތަކަކުން އެބައިމީހުން ވަނީ ހިޒްބުﷲގެ މައްޗަށް މި ދިޔަ އަހަރު ސެޕްޓެމްބަރ މަހު ކާމިޔާބީތަކެއް ހޯދިއެވެ. އެއީ ހިޒްބުﷲ މެމްބަރުން ބޭނުންކުރާ މުވާސަލާތީ ނިޒާމްތަކުގައި ގޮވާތަކެތި ހަރުކުރުމަށް މީގެ އަހަރުތަކެއް ކުރިން ފެށި އޮޕްރޭޝަންތަކެއް ވެސް ކާމިޔާބުވެ، ޖާސޫސުންގެ އެހީއާއި ހިޒްބުﷲ އާ ދެކޮޅަށް ދިން އަސްކަރީ ހަމަލާތަކަކަށް ފަހު ހާސިލް ކުރެވުނު ކަމެކެވެ. ކުރުކޮށް ސިފަކުރާނަމަ މިކަންތައްތައް ކުރެވުނީ ވެސް ބަރާބަރު 25 އަހަރު ގެ މަސައްކަތުންނެވެ. އެއީ ލުބުންނާނު އެބައިމީހުން ފައްސާލުމުން، ހިޒްބުﷲ ބަލިކަށިކޮށްލުމަށް ދުރާލާ ރާވައިގެން ކުރި މަސައްކަތްތަކެއް ނަތީޖާ އާ ހަމައަށް ވާސިލްވި މުއްދަތެވެ.

ހަމާސް ޖަމާއަތުން 7 އޮކްޓޫބަރ 2023 ގައި އިޒްރޭލުގެ ދިފާއު ފޫއަޅުވާލުމަށް ފަހު ދިން ހަމަލާއަކީ ޔަހޫދީ ދައުލަތް ވުޖޫދުވި ފަހުން އެބައި މީހުންނަށް ލިބުނު އެންމެ ބޮޑު ހައިރާންކަމާއި ގެއްލުމެވެ. އެކަމާ ގުޅިގެން ފަލަސްތީނާ ދެކޮޅަށް ފެށި ހަނގުރާމަ ކޮޅެއްގައި ނުޖެހި ދެމިގެންދާތާ ދެ އަހަރު ވަނީއެވެ. ހަމާސް ޖަމާއަތުގެ އަތްދަށުގައި ތިބި އިޒްރޭލުގެ ރަހީނުންކޮޅު ވެސް ސަލާމަތެއް ނުކުރެވެއެވެ. ގާޒާ ހަނގުރާމައިގައި އިޒްރޭލަށް ކާމިޔާބީގެ އައްސޭރިއަށް ނުދެވިގެން އުޅެނީ ވެސް އިރާންގެ ސަބަބުން ކަމަށް އިޒްރޭލުން ގަބޫލުކުރެއެވެ. ހިޒްބުﷲ ބަލިކަށިކޮށްލެވިފައި އޮތް ވަގުތުގައި އިރާނުން ނިއުކުލިއާ ހަތިޔާރު އުފައްދަނީ ކަމަށް ބުނެ އިޒްރޭލުން އިރާނަށް ދޭ ހަމަލާތަކަކީ ފާއިތުވެ ދިޔަ 75 އަހަރުގެ ތެރޭގައި އިޒްރޭލުގެ ދެމިއޮތުމަށް އެންމެ ނުރައްކާ ކުރަމުންދާ އިރާންގެ ދުވަސް ދުއްވާލުމަށް އިތުރު އެއްވެސް ގޮތެއް ނެތިގެންނެވެ. ގާޒާ ހަނގުރާމައިގައި އިޒްރޭލުގެ އެތައް ސަތޭކަ ސިފައިން މަރުވެފައި ވާއިރު، ނުކުޅެދޭ ހާލަތަށް ގޮސްފައިވާ ސިފައިންގެ އަދަދު ވެސް އެތައް ހާހަކަށް އަރައެވެ. އަދި މި ހަނގުރާމައިގެ ސަބަބުން ނަފްސާނީ މައްސަލަތައް ދިމާވެފައިވާ ސިފައިންގެ އަދަދު ވެސް އުޅެނީ ވަރަށް މަތީގައެވެ.

އީރާނަކީ ބާރުގަދަ ގައުމެކެވެ. ބައެއް ހަތިޔާރު އުފެއްދުމުގައި ދުނިޔޭގެ އެންމެ ކުރީ ސަފުގައި އުޅޭ ގައުމެކެވެ. މީގެ ތެރޭގައި ޑްރޯން އާއި ހައިޕަސޮނިކް މިސައިލް ހިމެނެއެވެ. އިތުރު ގައުމެއް އީރާނާއެކު އޮތްނަމަ، މިހާރު އިޒްރޭލް ދުނިޔޭގެ ޗާޓުގައި ވެސް ނޯންނާނެއެވެ. އިރާނުން މިހަނގުރާމަ ކުރަނީ އެކަންޏެވެ. ހަނގުރާމައަކީ އެކަނި ކުރަން އުނދަގޫ ކަމެކެވެ. އެމެރިކާ ބައިވެރިވެގެން އިރާނަށް ގެއްލުންތަކެއްދީ ސުންނާފަތި ވެސް ކުރެވިދާނެއެވެ. އެހެންނަމަވެސް އެއީ ވެސް ފަސޭހަކަމެއް ނޫނެވެ. ގާޒާގައި ރަހީނުން ވީ ތަނެއް ނޭނގި އެކަން ކުރަން ނޭނގޭ ބަޔަކަށް އީރާންގެ މައްޗަށް ކުރި ހޯދޭނީ ވެސް ވަރަށް ބޮޑު އަގެއް އަދާކޮށްގެންނެވެ. ގަބޫލުކުރަން ޖެހޭ ހަގީގަތަކީ ފާއިތުވެ ދިޔަ 75 އަހަރުގެ ތެރޭގައި އިޒްރޭލާއި ހުޅަނގުގެ ގައުމުތަކާ ދެކޮޅަށް ފާޅުގައި ދެމިތިބި ބަޔަކީ އީރާންކަމެވެ. އިރާނުން އެހީތެރިކަން ދޭ ގްރޫޕްތަކުން އިޒްރޭލް ތަންތަނުން ފައްސާލައި ގެއްލުންތައް ދީ ބިރުވެރިކަމާއި ހާސްކަމުގެ ތެރެއަށް ވަށްޓާލައިފިއެވެ.

އަހަރެމެންގެ މާތް ނަބިއްޔާ މުހައްމަދުގެ ފާނު (ސއވ) ފުރައްސާކޮށް ފޮތެއް ލިޔުނު އިނގިރޭސި ލިޔުންތެރިޔާ ސަލްމާން ރުޝްދީ އާ ދެކޮޅަށް 14 ފެބުރުއަރީ 1989 ގައި ފަތުވާ އެއް ނެރެން ކެރުނު ހަމައެކަނި ލީޑަރަކީ ވެސް އިރާންގެ އިސްލާމީ އިންގިލާބުގެ ބާނީ އާޔަތުﷲ ރޫހުއްﷲ ޚުމައިނީއެވެ. ފަތުވާގައި ވަނީ ރުޝްދީ އާއި އެ ފޮތް ޕަބްލިޝްކުރި މީހުން މަރާލަން ޖެހޭ ކަމަށެވެ. އަދި މިކަން ކުރި ބަޔަކަށް އެތައް މިލިއަން ޑޮލަރެއް ހުށަހެޅުއްވިއެވެ. މިކަމުގެ ސަބުން ރުޝްދީ އުޅެން ޖެހުނީ ފިލައިގެންނެވެ. ރުޝްދީއަށް ހިމާޔަތް ދިނީ އިނގިރޭސިންނެވެ. އެކަމަކު މި ފަތުވާ އާ ގުޅިގެން ލިބުނު ހިތްވަރުން، އޭނާ ފިލައިގެން އުޅުނު ކަމުގައި ވިޔަސް ރުޝްދީ އާ ދެކޮޅަށް ނުރައްކާތެރި ހަމަލާތަކެއް ވަނީ ދީފައެވެ. އެންމެ ފަހުން އެރި ހަމަލާގައި ރުޝްދީގެ ވައަތު ލޮލަށް ވަނީ މީހަކު ވަޅި ހަރައިފައެވެ.

ސުންނީ ލޭބަލްގައި ތިބި އިސްލާމީ ގައުމުތަކަކީ ޔަހޫދީ ދައުލަތެއް ވުޖޫދުކުރަން މަގުފަހިކޮށްދިން ބައިގަނޑެވެ. މިއަދު ވެސް މި ހަގީގަތް ފެންނާން އެބައޮތެވެ. ފަލަސްތީނުގެ ވަޒަނުން ބޭރުކޮށްލެވިފައިވާ މުސްލިމުންގެ އަދަދު އެކަނިވެސް އެތައް ލައްކައަކަށް އަރައެވެ. އިޒްރޭލުން ފަލަސްތީންގެ މުސްލިމުންނާ ދެކޮޅަށް ގަތުލުއާންމުތައް ހިންގާ އަނިޔާވެރިވާތާ 77 އަހަރު ވެއްޖެއެވެ. ސުންނީ ލޭބަލްގައި ތިބި ސައުދީ މުހައްމަދު ބިން ސަލްމާމެން މިހާރު އެތަނުގައި ނައިޓްކްލަބް ވެސް ހަދައިފިއެވެ. ބުދުވެސް ބަހައްޓައިފިއެވެ. ސުންނީ މުސްލިމް ގައުމެއް ކަމަށްވާ އެކުވެރި އަރަބި އިމާރާތުން އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕަށް މަރުހަބާކީ ބުރުގާ ނާޅާ ތިބި މުސްލިމް އަންހެން ކުދިންތައް ދެ ފަރާތަށް އެތުރިގެން ތިބެ، އިސްތަށިގަނޑުތަކުން ޓްރަމްޕާ ދިމާލަށް ވިހުރުވަމުން އުކަމުންދާ ހާލުގައެވެ.

މިއަދު އީރާނުން އެ ގައުމުގެ ދިފާއުގައި އިޒްރޭލަށް ދޭ ހަމަލާތަކަކީ އިޒްރޭލާއި އެމެރިކާ އާ ދެކޮޅަށް ދޭ ހަމަލާތަކެކެވެ. އިޒްރޭލުން ބޭނުންކުރަނީ އެމެރިކާގެ ހަތިޔާރުތަކެވެ. އިޒްރޭލުގެ ހަމަލާތައް ގާޒާއަށް އަދި އިރާނަށް ދެނީ ވެސް ހުޅަނގުގެ ގައުމުތަކާއި އެމެރިކާ އާއި އިޒްރޭލް ގުޅިގެން ކުރާ ސައްލާތަކާއި މަޝްވަރާތަކުގެ ދަށުން މި އެންމެނަށް ފާޅުކަންބޮޑު ގޮތެއްގައި އެނގި ތިބެގެންނެވެ. މި ހަނގުރާމައިގައި އިރާނުން އިޒްރޭލަށް މިހާތަނަށް ދީފައިވާ ހަމަލާތަކަކީ އިޒްރޭލްގެ ތާރީޚްގައި ވެސް އެ މީހުން ދެކެފައި ނުވާ ވަރުގެ ބިރުވެރި އަދި ގެއްލުންބޮޑު ހަމަލާތަކެކެވެ.

އެޑިޓަރުގެ ނޯޓް: މި ރިޕޯޓު ލިޔުއްވީ ދުނިޔޭގެ ހަބަރުތައް ދިރާސާކުރައްވާ ލިޔުންތެރިޔާ ޔާސިރު ސޯލިހު އެވެ.