މަޝްހޫރު އިނގިރޭސި ލަވަކިޔުންތެރިޔާ ޖަސްޓިން ބީބާގެ އެންމެ ފަހުގެ ސޯޝަލް މީޑިއާ ޕޯސްޓާއެކު އަނެއްކާ ވެސް އިތުރު ސުވާލުތަކެއް އުފެދިއްޖެ އެވެ.
އާދީއްތަ ދުވަހު ޖަސްޓިންގެ އިންސްޓަގްރާމް ސްޓޯރީގައި އޭނާ ހިއްސާކުރި ޕޯސްޓުގައި ބުނެފައިވަނީ ވާހަކަ ނުދައްކާ ހުންނަނަމަ އެކަމުގެ ސަބަބު ވެސް ބުނެދިނުމަށެވެ.
ޖަސްޓިން މިހެން ޕޯސްޓެއް ކޮށްފައި މިވަނީ މީގެ ދެދުވަހެއް ވަރު ކުރިން އޭނާގެ އަންހެނުން ހެއިލީ ބީބާ އޭނާގެ ކައިވެނި އަނގޮޓި ނާޅާ ބޭރަށް ނުކުމެ އުޅުނުކަން ފާހަގަވެފައި ވަނިކޮށެވެ. އެގޮތުން ޖަސްޓިން އެ ޕޯސްޓުގެ ސަބަބުން އޭނާއާއި ހެއިލީގެ ދެމެދުގައި މައްސަލަތަކެއް އުޅޭކަން ޔަގީންވާ ކަމަށް ވެސް ގިނަ މީހުން ދަނީ ބުނަމުންނެވެ.
ޖަސްޓިންއާއި ހެއިލީގެ ގުޅުމުގައި މައްސަލަތަކެއް ޖެހި ވަރިއަކާ ދިމާއަށް މިސްރާބު ޖަހާފައިވާ ކަމަށް ބައެއް މީޑިއާ ރިޕޯޓުތައް ބުނި ނަމަވެސް އެކަން ޔަގީންވެފައެއް ނުވެ އެވެ.
2018 ވަނަ އަހަރު ކައިވެނިކުރި އެ ދެމީހުން ވަކިވާން އުޅޭކަމަށް އެކި ފަހަރު މަތިން އަޑު އަރާފައިވާއިރު އެކަމާ ބެހޭގޮތުން އެ ދެމީހުންވެސް އެއްވެސް އިރެއްގައި ސީދާ ގޮތެއްގައި ވާހަކަ ދައްކާފައެއް ނުވެ އެވެ.
އެ އަޑުތަކުގެ ތެރެއިން ޖަސްޓިންއާއި ހެއިލީ ވަނީ މިދިޔަ އަހަރުގެ ތެރޭގައި އެމީހުންގެ އަލަތު ދަރިފުޅު ޖެކް ބްލޫސްއަށް ވެސް މަރުހަބާ ކިޔާފަ އެވެ.