އެމެރިކާއިން ކެނެޑާއާއެކު ވިޔަފާރީގެ މަޝްވަރާތައް ކުރުން ހުއްޓާލަން ނިންމާފައިވާކަން އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ހާމަކުރައްވައިފި އެވެ.
ކެނެޑާއިން ޓެކްނޮލޮޖީ ކުންފުނިތަކަށް އަމާޒުކޮށް ތައާރަފްކުރި ޑިޖިޓަލް ސާވިސް ޓެކްސް އާ ގުޅިގެން ނުރުހުންފާޅުކުރައްވާ، ޓްރަމްޕް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އެއީ އެމެރިކާ އަށް ދިން ހަމަލާއެއް ކަމަށާއި، އެކަމާ ގުޅިގެން ކެނެޑާއާ އެކު ވިޔަފާރީގެ މަޝްވަރާތައް ކުރުން ވަގުތުން ހުއްޓާލާނެ ކަމަށެވެ.
އެއާއެކު އެމެރިކާއާ އެކު ވިޔަފާރިކުރުމަށް ކެނެޑާއިން ދައްކަން ޖެހޭ ޓެރިފްގެ އަދަދު ކުރިއަށް އޮތް 7 ދުވަހު ތެރޭގައި އެގައުމަށް އަންގާނެ ކަމަށް ޓްރަމްޕް ވިދާޅުވި އެވެ.
ކެނެޑާއިން 2024 ވަނަ އަހަރު ފާސްކުރި ޑިޖިޓަލް ސާވިސް ޓެކްސްގެ ގާނޫނަށް 28 ޖޫންގައި އަމަލު ކުރަން ފަށާފައިވާއިރު، މި ގާނޫނު ބުނާ ގޮތުން ކެނެޑާގެ ރައްޔިތުން ޑިޖިޓަލް ހިދުމަތް ހޯދާ، 20 މިލިއަން ޑޮލަރަށް ވުރެ މަތިން އާމްދަނީ ލިބޭ ކޮންމެ ކުންފުންޏެއްގެ އަތުން 3 ޕަސެންޓުގެ ޓެކްސް އެއް ނަގާނެ އެވެ.