މިނިއާޕޮލިސް (09 އޭޕްރީލް) - މިދިޔަ އަހަރު އެމެރިކާގައި މަރާލި އެފްރިކާ ނަސްލުގެ ޖޯޖް ފްލޮއިޑް މަރުވީ އޮކްސިޖަން ލިބެންވާ ވަރަށް ނުލިބި ނޭވާ ހާސްވެގެން ކަމަށް އޭނާގެ އޮޓޯޕްސީ ހެދުމުގައި އިސްކޮށް ޙަރަކާތްތެރިވި ޑޮކްޓަރ ވިދާޅުވެއްޖެ އެވެ.

ހުކުރު ދުވަހު ބޭއްވި ޝަރީއަތުގައި ހެކިބަސް ދެމުން ޑރ. އެންޑްރިއު ބޭކާ ވިދާޅުވީ އާއްމުވި ވީޑިއޯތަކާއި އޮޓޯޕްސީގެ ނަތީޖާ ތަކަށް ބަލާއިރު ކުރިން ވެސް ހިތުގެ މައްސަލަތަކެއް ހުރި ޖޯޖް މަރުވީ ފުލުސް މީހާ އޭނާގެ ކަރުގައި ކަކޫ ވިއްދައިގެން ގިނަ އިރު ތަކެއް ވަންދެން ހުރުމުގެ ސަބަބުން ނޭވާ ހާސްވެގެން ކަން ޔަގީން ވާ ކަމުގަ އެވެ.

އިތުރަށް ވާހަކަ ދައްކަމުން ބޭކާ ވަނީ ޖޯޖް ފްލޮއިޑްގެ ހިތުގެ މައްސަލަތަކެއް ހުރުން ވީ އޭނާ އެހާ ފަސޭހައިން ނޭވާ ހާސްވާން ދިމާވާން މެދުވެރިވި އެއްސަބަބު ކަމުގައި ބުނެފަ އެވެ. އެގޮތުން އޭނާއަކީ އާއްމު ކޮށްވެސް އެހެން މީހުންނަށްވުރެ ގިނައިން އޮކްސިޖަން ބޭނުންވާ މީހަކަށްވެފައި އޮކްސިޖަން ބްލޮކޭޖެއް އަތުވެއްޖެނަމަ ހިތުގެ މައްސަލަތައް ކުރިމަތިވެ ފުރާނައަށް ނުރައްކާ ވެދާނެ ކަމެއް ކަމަށް ޑޮކްޓަރ ވިދާޅުވި އެވެ.

އޮފިސަރު ޑެރެކް ޗައުވިން (45) ގެ މައްޗަށް ގަސްދުގައި މީހަކު މަރާލުމުގެ ދައުވާ އުފުލާފައި ވާއިރު ފާއިތުވެ ދިޔަ ޝަރީއަތުގެ އަޑުއެހުންތަކުގައި އޭނާގެ ދިފާއީ ވަކީލު ބުނެފައިވަނީ ޖޯޖް ފްލޮއިޑް މަރުވީ ޑްރަގް އޯވާ ޑޯޒް އެއްގެ ސަބަބުން ކަމަށާއި ޑެރެކް އޭނާގެ ކަރުގައި ކަކޫ ވިއްދުމުގެ ސަބަބުން ނޫން ކަމަށެވެ. އެގޮތުން ޖޯޖްގެ ލޭގެ ރިޕޯޓު ތަކުން ޑްރަގްގެ ބާވަތެއް ކަމަށްވާ ފެންޓަނީލް ގެ އަސަރު ފެންނަން ހުރި ކަމަށް ދިފާއީ ވަކީލު ޝަރުއީ މަޖިލީހުގައި ބުނެފައިވެ އެވެ.

މިދިޔަ އަހަރުގެ މެއި މަހުގެ 25 ވަނަ ދުވަހު އެމެރިކާގެ މިނެއަޕޮލިސް އިން ޖޯޖް ފޫލޮއިޑް ހައްޔަރު ކުރީ 20 ޑޮލަރުގެ ވަގު ނޫޓު ބޭނުންކޮށްގެން ސިނގިރޭޓު ގަންނަން އުޅުމުގެ ތުހުމަތުގަ އެވެ. އެއަށް ފަހު ޖޯޖް އާ ހަވާލު ވެގެން ހުރި ހުދު ނަސްލުގެ ފުލުސް މީހާ އޭނާ ބިންމައްޗަށް ވައްޓާލާ ކަރުގައި ކަކޫ ވިއްދާ ތަން އާއްމުންގެ ފޮޓޯތަކުންނާއި ވީޑިއޯތަކުން ފެނެއެވެ. އޭނާއަށް ނޭވާ ނުލެވޭ ކަމަށް ޖޯޖް ބުނަމުން ދިޔައިރު މަންޒަރު ބަލަން ތިބި މީހުން ޖޯޖް ދޫކޮށްލުމަށް ގޮވާ އަޑުވެސް ވީޑިއޯ އިން ސާފުކޮށް އިވެ އެވެ.

އޭގެ އިރުކޮޅެއް ފަހުން ޖޯޖް ފްލޮއިޑްގެ މަރުގެ ހަބަރު މީޑިއާތަކުން ކަށަވަރު ކޮށްދިން އިރު ދުނިޔޭގެ އެކި ހިސާބު ތަކުގައި މި ޙާދިސާއާއި ގުޅިގެން ނަސްލީ ތަފާތުކުރުންތަކާ ދެކޮޅަށް އެއްވުންތަކާއި މުޒާހަރާތައް އާއްމުވި އެވެ. -- އަލްޖަޒީރާ