ރާއްޖެއަށް ޒިޔާރަތްކުރި 73 ޕަސެންޓް ޓޫރިސްޓުންނަކީީ އަލަށް އައި މީހުން ކަމަށް ދިރާސާއަކުން ދައްކައިފި އެވެ.
ފަތުރުވެރިންގެ މެދުގައި ދާދިފަހުން ނެގި ބައިނަލްއަގުވާމީ ސާވޭގެ ނަތީޖާއަށް ބަލާއިރު، ދަތުރުވެރިންގެ 78 އިންސައްތަ މީހުން އެންމެ ފުރަތަމަ އިސްކަންދޭ މަންޒިލަކީ ރާއްޖެ އެވެ. އަދި އިތުރު 19 އިންސައްތަ މީހުންގެ އެންމެ މަގުބޫލު ލިސްޓުގެ ކުރީގައި ރާއްޖެ ހިމެނޭއިރު، ދުނިޔޭގެ އެހެން މަޝްހޫރު މަންޒިލްތައް ކަމަށްވާ ތައިލޭންޑް، ސްރީލަންކާ، ބާލީ، ދުބާއީ އަދި މޮރިޝަސް އުޅެނީ ރާއްޖެއަށް ވުރެ ފަހަތުގަ އެވެ.
ރާއްޖޭގެ ރިސޯޓުތަކާއި ސަފާރީތަކަށް ދާ މީހުން ގިނައިން އެ މީހުންގެ ދަތުރުތައް 3 މަހާއި 12 މަހާ ދެމެދުގެ މުއްދަތެއްގެ ކުރިން ރާވާއިރު، ގިނަ ބައެއްގެ މައިގަނޑު ޝައުގުވެރިކަމަކީ ރާއްޖޭގެ ހުދު ދޮންވެލި ގޮނޑުދޮށްތަކާއި، ކަނޑުއަޑީގެ ރީތިކަމުގެ އިތުރުން މާހައުލުގެ އަމާންކަމެވެ.
މި ސާވޭއިން އެނގޭ ގޮތުގައި ރާއްޖެއަށް ޒިޔާރަތްކުރި މީހުންގެ ތެރެއިން 73 އިންސައްތައަކީ އަލަށް އައި މީހުންނެވެ. ބާކީ ތިބި މީހުންގެ ތެރެއިން 20 އިންސައްތަ މީހުން ދެ ފަހަރާއި ފަސް ފަހަރާ ދެމެދު އައިސްފައިވާއިރު، 10 ފަހަރަށް ވުރެ ގިނައިން އައިސްފައިވާ ރިޕީޓް ޓޫރިސްޓުންގެ ނިސްބަތް އުޅެނީ ތިނެއް އިންސައްތައިގަ އެވެ. މީގެ އިތުރުން ރާއްޖެއަށް އައި މީހުންގެ ތެރެއިން 84 އިންސައްތަ ފަތުރުވެރިން އަލުން ރާއްޖެ އަންނަން ބޭނުންވާކަން ހާމަކޮށްފައި ވާއިރު، 57 އިންސައްތަ މީހުން ބުނެފައި ވަނީ ރާއްޖެއިން ލިބުނު ތަޖުރިބާ އެ މީހުން ހީކުރި ވަރަށް ވުރެ ވެސް މާ ފުރިހަމަ ކަމަށެވެ.
ނަމަވެސް މި ފުރިހަމަ ތަފާސްހިސާބުތަކާއެކު ވެސް ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތަށް މިހާރު ވަނީ ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވެފަ އެވެ. އެގޮތުން މި އަހަރުގެ މިހާތަނަށް 1.17 މިލިއަން ފަތުރުވެރިން ޒިޔާރަތްކޮށްފައިވީ ނަމަވެސް، މިއީ ފާއިތުވި އަހަރާ އަޅާބަލާއިރު 4.7 އިންސައްތައިގެ ދަށްވުމެކެވެ.
މި ދުވަސްވަރަކީ އާންމުކޮށް ވެސް އޮފް-ސީޒަން ދުވަސްވަރަކަށް ވުމުގެ އިތުރުން، މެދުއިރުމަތީގައި ހިނގަމުންދާ ހަނގުރާމައިގެ ސަބަބުން ރާއްޖޭގެ ފަތުރުވެރިކަމަށް ވަނީ ވަރަށް ބޮޑަށް އަސަރުކޮށްފަ އެވެ. އެގޮތުން މާރިޗު މަހު ފަތުރުވެރިން އައި އަދަދު 20.7 އިންސައްތަ ދަށްވި އިރު، އޭޕްރިލް މަހު 24.4 އިންސައްތަ އަދި ޖޫން މަހު 12 އިންސައްތަ ވަނީ ދަށްވެފަ އެވެ. މެއި މަހު ކުޑަ ކުރިއެރުމެއް ފެނުނު ނަމަވެސް، މި ބޮޑު ދަށްވުމުގެ ސަބަބުން ދައުލަތަށް ލިބޭ ޑޮލަރުގެ މިންވަރު މަދުވެ، މުޅި އިގްތިސާދަށް އަންނަނީ އޭގެ ނޭދެވޭ އަސަރު ކުރަމުންނެވެ.
ލުބްނާނުގެ ރައީސް ޓްރަމްޕާ ބައްދަލުކުރައްވަނީ
އާއްމު އާދަތަކުން ހަށިގަނޑުގެ "ބައޮލޮޖިކަލް ގަޑި" ހަލާކުވަނީ!
ސްކޫލް ބަންދާ ދިމާކޮށް 4،000 އަށްވުރެ ގިނަ ދިވެހިން އުމްރާއަށް