ކާރިސާތަކުން އަރައިގަންނަން ވޯލްޑް ބޭންކުގެ އިންޓަނޭޝަނަލް ޑިވެލޮޕްމަންޓް އެސޯސިއޭޝަން (އައިޑީއޭ)އިން ރާއްޖެއަށް ހަމަޖެހުނު ފައިސާގެ ބޮޑު އެހީގެ ބޮޑުބައެއް ކެންސަލްވެއްޖެ އެވެ.
އައިޑީއޭއާ އެކު އެކަމުގެ އެއްބަސްވުމުގައި ސޮއިކޮށްފައި ވަނީ 28 އޭޕްރީލް 2020ގައި ނިމިދިޔަ ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ސަރުކާރުންނެވެ.
މިދިޔަ ހޮނިހިރު އޮޑިޓް އޮފީހުން ނެރެފައިވާ އޮޑިޓް ރިޕޯޓެއްގައިވާގޮތުން ކާރިސާތަކުން އަރައިގަތުމަށް އެއްބަސްވި ބޮޑު މަޝްރޫއުއަށް ދޫކުރާ ފަންޑުގެ 60 ޕަސެންޓް ކެންސަލްވެފައިވާ ކަމަށެވެ.
މުޅި މަޝްރޫއަށް ހަމަޖެހުނު ފަންޑުގެ ޖުމްލަ އަދަދަކީ 16.5 މިލިއަން ޑޮލަރެވެ. އޭގެތެރެއިން 8.25 މިލިއަން ޑޮލަރަކީ ހިލޭ އެހީ އެވެ. ބާކީ 8.25 މިލިއަން ޑޮލަރަކީ ލޯނުގެ ގޮތުގައި ދޫކުރާ ފައިސާ އެވެ.
މޯލްޑިވްސް އާބަން ޑިވެލޮޕްމަންޓް އެންޑް ރިސައިލަންސް ޕްރޮޖެކްޓުގެ ތެރެއިން ރާއްޖެއަށް ވަރަށް މުހިންމު ގިނަ ކަންތައްތަކެއް ކުރުމަށް މިދިޔަ ސަރުކާރުން ވަނީ ހަމަޖައްސާފަ އެވެ. ނަމަވެސް އެ ޕްރޮޖެކްޓްގެ ގިނަ ކަންކަން ވަނީ ކެންސަލް ވެފަ އެވެ.
އެ ފަންޑުން ކެންސަލްވި ބައިތަކުގެ ތެރޭގައި ވާރޭ ފެން ހިންދާ ނިޒާމު ސްޓޯމް ވޯޓާ ޑުރައިނޭޖުގެ މާސްޓާ ޕްލޭން ހެދުމަށް ހޭދަވާ ފައިސާ އާއި ފެން ރައްކާތެރިކަމާއެކު ނައްތާލަން ބޭނުންކުރާ ޓްރީޓްމަންޓް ޕްލާންޓް ގާއިމްކުރުމަށް ހުރި ފައިސާ އާއި އަލިފާން ނިއްވުމުގެ ނިޒާމު ހަރުދަނާކުރުމުގެ މަޝްރޫއު ހިންގަން ހަމަޖެހުނު ފައިސާ ހިމެނެ އެވެ.
މީގެއިތުރުން ޑިޒާސްޓާ މެނޭޖުމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) ގެ އާ އިމާރާތް އެޅުމަށް ހޭދަވާ ފައިސާ އާއި ނުރައްކާތެރި މާއްދާތަކުން ރައްކާތެރިކޮށްދޭ ހަޒުމަތު ސީޓް ފަދަ ސާމާނު ގަތުމަށް ހޭދަވާ ފައިސާ އާއި އިލެކްޓްރޯނިކް ކޮންސްޓްރަކްޝަން ޕާމިޓް މެނޭޖުމަންޓް ސިސްޓަމް ގާއިމްކުރުމަށް ހަމަޖެހުނު ފައިސާ ވެސް ވަނީ ކެންސަލްވެފަ އެވެ.
އޮޑިޓް ރިޕޯޓްގައި ވަނީ އެ ފައިސާތައް ކެންސަލްވީ ދައުލަތުގެ އެއް އިދާރާ އިން އަނެއް އިދާރާއާ ދެމެދު މުއާމަލާތްކުރުން ރަނގަޅުނުވުމުގެ ސަބަބުން ކަމަށެވެ.