ފައިނު އެކްސިޑެންޓް ގައި އަނިޔާވި ޓީޗަރާއި ދެ ކުދިން ވޯޑަށް ބަދަލުކޮށްފި އެވެ.

މި އެކްސިޑެންޓް ހިނގާފައިވަނީ ލައިސަންސް ނެތް ކުޑަކުއްޖަކު ދުއްވި ސައިކަލެއް ފައިނު ސްކޫލުގެ ޕްރިންސިޕަލް އަދި ޓީޗަރެއްގެ ގައިގައި ޖެހުމާ ގުޅިގެންނެވެ. މިހާދިސާގައި ސައިކަލު ދުއްވި 16 އަހަރުގެ ކުޑަކުއްޖާގެ ފަހަތުގައި އިން 14 އަހަރުގެ ކުޑަކުއްޖާ އަށް ވެސް ވަނީ އަނިޔާވެފަ އެވެ.

ސައިކަލުގެ ފަހަތުގައި އިން އެ ސްކޫލުގެ ގްރޭޑް ނުވައެއްގައި ކިޔަވަމުންދާ 14 އަހަރުގެ ކުއްޖާގެ އިތުރުން ގްރޭޑް 10 މި އަހަރު ނިންމި 16 އަހަރުގެ ކުއްޖާ އަށް ވެންޓިލޭޓަރުގައި ފަރުވާ ދިނުމަށްފަހު އައިސީޔޫއަށް މީގެ ހަފްތާއެއްހާ ދުވަސް ކުރިން ބަދަލުކުރިއިރު، އޭރު އެރަށު ސްކޫލްގައި އިސްލާމް މާއްދާ ކިޔަވައިދެމުން އަންނަ 49 އަހަރުގެ ޓީޗަރަށް ފަރުވާ ދެމުން އައީ ވެންޓިލޭޓަރުގަ އެވެ.

އެހެންނަމަވެސް އައިޖީއެމްއެޗުން މިއަދު ބުނީ އައިސީޔޫގައި ފަރުވާ ދިނުމަށް ފަހު އެންމެން ވެސް މިހާރު ވޯޑަށް ބަދަލުކޮށްފައިވާކަމަށެވެ.

އެކްސިޑެންޓް ގައި އަނިޔާވި ޕްރިންސިޕަލަށް އުނގޫފާރު ހޮސްޕިޓަލުގައި ފަރުވާ ދީފައިވާއިރު، އެކްސިޑެންޓް ހިނގާފައިވަނީ ޕްރިންސިޕަލާއި ޓީޗަރު ކަސްރަތަށް ނިކުމެ އުޅެނިކޮށް، ދެ ކުދިން ތިބި ސައިކަލުން އައިސް އެމީހުން ގައިގައި ޖެހިގެންނެވެ.