ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) ގެ އާ ފަސިންޖަރު ޓާމިނަލް ހުޅުވުމަށް ވަމުން އަންނަ ތައްޔާރީތަކުގެ ތެރެއިން އާ ޓާމިނަލްގެ ޗެކިން ސިސްޓަމްގެ ޓްރަޔަލްއެއް ކުރިއަށް ގެންގޮސްފި އެވެ.
މިކަމާ ގުޅިގެން މޯލްޑިވްސް އެއާޕޯޓް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން ބުނީ މިއީ އާ ޓާމިނަލް ހުޅުުވުމުގެ ކުރިން އެތަނުގެ ހިދުމަތްތަކާއި އިކުއިޕްމަންޓް އަދި މެޝިނަރީސް ޓެސްޓުކުރުމާއި އެތަނުގެ މައިގަނޑު ހަރަކާތްތެރިންގެ ގޮތުގައި ހިމެނޭ އިންސާނީ ވަސީލަތް ތަމްރީނުކުރުމާއި ހުޅުުވުމުގެ ކުރިއާއި ފަހަށް މުޅި ޓާމިނަލް ތައްޔާރުކުރުމަށް ކުރިއަށް ގެންދާ އޮޕަރޭޝަނަލް ރެޑިނެސް, އެއާޕޯޓް ޓްރާންސްފަރ (އޮރާޓް) ޕްރޮސެސްގެ ތެރެއިން ކުރިއަށް ގެންދާ ކަމެއް ކަމަށެވެ.
އެމްއޭސީއެލްގެ މުވައްޒަފުންނާއެކު މިއަދު ކުރިއަށް ގެންދިޔަ ޓްރަޔަލްގައި މޯލްޑިވިއަންގެ ސިސްޓަމްތަކާއި ބޯޑިން ފާސްތައް ޕްރިންޓް ކުރާ ސިސްޓަމްތައް ރަނގަޅަށް މަސައްކަތް ކުރޭތޯ ކަށަވަރު ކޮށްފައިވާކަމަށާއި، އާ ޓާމިނަލްގެ އިންފޮމޭޝަން ޓެކްނޮލޮޖީއާ ގުޅޭ އެހެނިހެން ކަންކަންވެސް ޓެސްޓުކޮށްފައިވާކަމަށް އެމްއޭސީއެލުން ވަނީ ބުނެފަ އެވެ.
އެމްއޭސީއެލްގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު އިބްރާހިމް ޝަރީފު މުހައްމަދު މިއަދުގެ ޓްރަޔަލް ކުރިއަށް ގެންދެވި ގޮތް ގާތުން ބައްލަވާލައްވައި, އެކަމުގައި އަމަލީ ގޮތުން ބައިވެރިވެވަޑައިގެންފައިވާއިރު، މިއަދުގެ ޓްރަޔަލްގައި އެންމެ ފުރަތަމަ ޓްރަޔަލް ފަސިންޖަރެއްގެ ގޮތުގައި ޗެކިންވެވަޑައިގަތީ ސީއީއޯ ޝަރީފެވެ.
މި ހަރަކާތުގައި ޝަރީފުގެ އިތުރުން ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު މުހައްމަދު ލަމްއާން އާއި މުޖުތަބާ ލަތީފުގެ އިތުރުން ކުންފުނީގެ އިސްވެރިން ވެސް ވަނީ ބައިވެރިވެ ވަޑައިގެންފަ އެވެ.
ޓްރަޔަލްއަށްފަހު ދެއްވި އިންޓަވިއުއެއްގައި ސީއީއޯ ޝަރީފު ވިދާޅުވީ އެމްއޭސީއެލްއާ ގުޅިގެން މޯލްޑިވިއަންގެ ޗެކިން ސިސްޓަމްތަކުގެ ޓްރަޔަލްތައް މިއަދު ކުރިއަށް ގެންދިއުމަކީ ލިބޭ ވަރަށް ބޮޑު އުފަލެއް ކަމަށެވެ.
"ޔަގީންކުރައްވާ! މިއޮތީ މިކަން ފައްޓާފައި. މިކަން ފެށިފައި. ކުރިއަށް އޮތީ ވަރަށް ބާރު ސްޕީޑުގައި މަތިންދާބޯޓުތައް ގެނެސް, ރަސްމީކޮށް މިތަން ހުޅުވުން. މުވައްޒަފުން ތިބީ ވަރަށް އުފަލުގައި, ވަރަށް ވަރުގަދަ ގައުމީ ރޫހެއްގައި," ޝަރީފް ވިދާޅުވި އެވެ.
ރާއްޖޭގެ މިނިވަން ކަމަށް 60 އަހަރު ފުރޭ މުނާސަބަތާ ގުޅުވައިގެން މިމަހުގެ 23 ވަނަ ދުވަހު ވީއައިއޭގެ އާ ޓާމިނަލް ހުޅުވުމަށް އެމްއޭސީއެލް އިން ތައްޔާރުވަމުން އަންނައިރު އާ ޓާމިނަލުން ފުރަތަމަ ހިދުމަތް ދޭނީ މޯލްޑިވިއަންގެ ބައިނަލްއަގްވާމީ ދަތުރުތަކަށްކަމަށް އެ ކުންފުނިން ބުނެ އެވެ.
އެއަށްފަހު މިއަހުރުގެ ފަތުރުވެރިކަމުގެ ސީޒަން ފެށުމުގެ ކުރިން ވެލާނާ އިންޓަރނޭޝަނަލް އެއާޕޯޓަށް ދަތުރުކުރާ ބައިނަލްއަގްވާމީ ގިނަ އެއަރލައިންތަކުގެ ހިދުމަތްތައް އާ ޓާމިނަލަށް ބަދަލުކުރެވިގެން ދާނެކަމަށް އެމްއޭސީއެލުން ބުނެ އެވެ.