ބޮލީވުޑްގެ ފިލްމް ޑައިރެކްޓަރު ކަރަން ޖޯހަރުގެ ހަށިގަނޑަށް ދާދިފަހުން އައިސްފައިވާ ބޮޑު ބަދަލާ ގުޅިގެން އެކި ފަރާތްތަކުން ދައްކަމުން ދިޔަ ވާހަކަތަކަށް އެންމެފަހުން އޭނާ ރައްދުދީފި އެވެ.

ބޮލީވުޑްގެ ކާމިޔާބު ގިނަ ފިލްތަކެއް އުފައްދާފައިވާ ކަރަން ވަނީ ކުއްލިއަކަށް އޭނާގެ ހަށިގަނޑަށް ބޮޑު ބަދަލެއް ގެނެސްފަ އެވެ. ކަރަން ވަރަށް ބޮޑަށް ހިކިފައި ހުރިތަން ފެނި ސޯޝަލް މީޑއާގައި އެކި ކަހަލަ ވާހަތައް ދަނީ ފަތުރަމުންނެވެ. އެގޮތުން ހިކެން ބޭނުން ކުރާ އިންޖެކްޝަން "އޮޒެމްޕިކް" ކަރަން ބޭނުން ކުރީ ކަމަށް ވެސް ބައެއް މީހުން ވަނީ ތުހުމަތުކޮށްފަ އެވެ.

ކަރަންގެ ކުރިއަށް އޮތް ފިލްމް "ދަޑަކް 2"ގެ ޓްރެއިލާ ދައްކާލުމަށް ބޭއްވި ހަފްލާގައި ކުރި ސުވާލަކަށް ޖަވާބު ދެމުން ކަރަން ބުނީ އޭނާގެ ހަށިގަނޑާއި ސިއްހަތާ ގުޅޭގޮތުން އެކި މީހުން ތަފާތު ވާހަކަދައްކާ ކަމަށެވެ. ބައެއް މީހުންގެ ވާހަކައިގައި އޭނާ ކިރިޔާ މަރާނުލާ ހުރިކަން ކަމަށްވެސް ކަރަން ބުންޏެވެ.

"އަހަރެން މި އެންމެނަށް ބުނެލަން އޮތީ އަހަރެންގެ ސިއްހަތު ރަނގަޅޭ، އަދި މި އުޅެނީ ވަރަށް އުފަލުގައޭ،" ކަރަން ބުންޏެވެ.

ކަރަންގެ ހަށިގަނޑަށް ގެނައި ބަދަލަކީ ރަނގަޅު އާދަތައް އަށަގެންނެވުމާއި، ދުޅަހެޔޮކަމަށް ހާއްސަ އިސްކަމެއް ދިނުމުން އައި ބަދަލެއް ކަމަށް އޭނާ ބުންޏެވެ. އަބަދުވެސް ފަލަވާން ފެށުމުން އުނދަގޫވެ، އެކި ތަފާތު ޑައިޓްތައް ފޮލޯ ކުރާ ކަމަށް ވެސް އޭނާ ބުންޏެވެ. މީގެ އިތުރުން ވަރަށް ގިނައިން ކަސްރަތު ވެސް ކުރާ ކަމަށް ކަރަން ބުނެފައިވެ އެވެ.

އެތައް އަހަރެއްގެ މަސައްކަތުން ކާމިޔާބު ނުވެ، އުޅެނިކޮށް ހެދި ލޭގެ ޓެސްޓަކުން އޭނާގެ ހުރި މައްސަލަ ދެނެގަނެވި އެކަމަށް ބަލައިގެން އުޅެފައިވާ ކަމަށް ކަރަން ބުންޏެވެ.