ނިމިދިޔަ ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ސަރުކާރުން ހުޅުމާލޭ ދެވަނަ ފިޔަވަހީގައި އިމާރާތްކޮށްފައިވާ 4000 ފްލެޓްގެ ތެރެއިން މިހާނަތަށް ނިމިފައިވާ ފްލެޓްތައް ހަވާލުކުރުމުގެ މަސައްކަތް އަންނަ ހަފްތާގެ ތެރޭގައި ފަށާނެ ކަމަށް ހައުސިން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބު ވިދާޅުވެއްޖެ އެވެ.

މިހާރު ކުރިއަށްދާ "އަހާ" ފޯރަމްގައި މީހަކު ކުރި ސުވާލެއްގެ ޖަވާބުގައި މިނިސްޓަރު ވިދާޅުވީ ފްލެޓްތަކުގެ އެގްރީމެންޓް ބަންޑާރަ ނައިބުގެ ލަފަޔަކަށް އެދި ފޮނުވާފައިވާ ކަމަށެވެ.

މިނިސްޓަރު ވިދާޅުވީ އެ ލަފާ ލިބި އަންނަ ހަފްތާގެ ތެރޭގައި އެގްރީމެންޓްތަކުގައި ސޮއިކުރުމުގެ މަސައްކަތް ފެށޭނެ ކަަމަށެވެ. އެގޮތުން އެއްފަހަރާ ގިނަ ބަޔަކު ޖަމާވެ ސޮއިކުރުމުގެ ކަންކަން ކުރިއަށްގެންދާނެ ތަނެއް ތައްޔާރުކުރުމުގެ މަސައްކަތް ފަހި ދިރިއުޅުން ކޯޕަރޭޝަނުން ކުރިއަށްގެންދާ ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.

މިދިޔަ ސަރުކާރުން އެޅި ފްލެޓްތަކުގެ ތެރެއިން ނުނިމި ހުރި ޓަވަރުތަކުގެ 20 ޕަސެންޓް ފިޔަވައި ބާކީ މަސައްކަތްތައް ވަނީ ނިންމާލެވިފަ އެވެ.

މިނިސްޓަރު މުއްތަލިބު ވިދާޅުވެފައި ވަނީ އެ މަސައްކަތް ނިމި ސެޕްޓެމްބަރު މަހުގެ ނިޔަލަށް ފްލެޓް ހަވާލުކޮށް ނިންމާލެވޭނެ ކަމަށެވެ.