ރާއްޖޭގެ 60 ވަނަ މިނިވަން ދުވަހުގެ ހަރަކާތްތަކާ ގުޅިގެން ގްރޭޓާ މާލެ ސަރަހައްދުގައި ބައެއް ވަގުތުތަކުގައި އެއްގަމު އުޅަނދު ދުއްވުން މަނާކޮށްފި އެވެ.
ޓްރާންސްޕޯޓް މިނިސްޓްރީން ބުރާސްފަތި ދުވަހު ނެރުނު އިއުލާނެއްގައިވާ ގޮތުން ވަކި ވަގުތުތަކެއްގައި އެއްގަމު އުޅަނދު ދުއްވުން މަނާ ވަނީ ޖުލައި 25، 26 އަދި 27 ވަނަ ދުވަހު އެވެ.
ޓްރާންސްޕޯޓް މިނިސްޓްރީން ބުނީ ބައެއް ވަގުތުތަކުގައި މާލެ ސަރަހައްދުތަކުގައި އެއްގަމު އުޅަނދު ދުއްވުން މަނާކުރަން ނިންމީ މިނިވަން ދުވަހުގެ ހަރަކާތްތައް ކުލަގަދަ ގޮތެއްގައި ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާތީ މަގުމަތީގެ ސަލާމަތާ ރައްކާތެރިކަން ކަށަވަރު ކުރުމަށާއި މަގުމަތީގެ ތޮއްޖެހުން ކުޑަކުރުމަށާއި އަދި ސެކިއުރިޓީ މަސައްކަތައް ފަސޭހަކުރުމަށް ކަމަށެވެ.
އުޅަނދު ދުއްވުން މަނާ ވަގުތުތައް:
- ޖުލައި 25 - ބަރު އުޅަނދުގެ ތެރެއިން C0, C2, D, E އަދި V ކެޓަގަރީގެ އެއްގަމު އުޅަނދު (ދުއްވުން މަނާ ގަޑިއަކީ 13:00 އިން 18:00 އަށް)
- ޖުލައި 26 - ހުރިހާ ބާވަތެއްގެ އެއްގަމު އުޅަނދު (ދުއްވުން މަނާ ގަޑިއަކީ 15:00 އިން 18:30 އަށް)
- ޖުލައި 27 - ބަރު އުޅަނދުގެ ތެރެއިން C0, C2, D, E އަދި V ކެޓަގަރީގެ އެއްގަމު އުޅަނދު (ދުއްވުން މަނާ ގަޑިއަކީ 18:00 އިން 00:00 އަށް)
ޓްރާންސްޕޯޓް މިނިސްޓްރީން ބުނީ އުޅަނދު ދުއްވުން މަނާ ވަގުތުތަކުގައިވެސް ސަލާމަތީ ބާރުތަކުން ބޭނުންކުރާ އިންޖީނުލީ އެއްގަމު އުޅަނދާއި، އެމްބިއުލެންސް އަދި ޕަބްލިކް ޓްރާންސްޕޯޓްގެ ގޮތުގައި ދެމުންގެންދާ ބަހުގެ ހިދުމަތް ކުރިއަށް ގެންދެވޭނެ ކަމަށެވެ.
މިނިސްޓްރީގެ އެންގުމާ ހިލާފަށް އަމަލުކުރާ ފަރާތްތަކަށް އެއްގަމު ދަތުރުފަތުރުގެ ގާނޫނުގެ 67 އަދި 68 ވަނަ މާއްދާގެ ދަށުން ފިޔަވަޅު އަޅާނެ ކަމަށްވެސް މިނިސްޓްރީން ބުންޏެވެ.