ރާއްޖޭގެ މިނިވަންކަމަށް 60 އަހަަރު ފުރުމުގެ މުނާސަބަތުގައި ރާއްޖޭގެ ހުރިހާ ރައްޔިތުންނަށް މިނިވަންދުވަހުގެ ތަހުނިޔާއާއި މުބާރަކުބާދީ އަރިސްކުރެއްވުމާއެކު، ރާއްޖެއަށް ފުރިހަމަ މިނިވަންކަން އިއާދަވުން އެދިވަޑައިގަންނަވާ ކަމަށް ކުރީގެ ރައީސުލްޖުމްހޫރިއްޔާ ރައީސް އަބްދުﷲ ޔާމީން ވިދާޅުވެއްޖެ އެވެ.
ރައީސް ޔާމީން މިފަދައިން ވިދާޅުވެފައި ވަނީ އެ މަނިކުފާނު ރާއްޖޭގެ މިނިވަން ދުވަހާ ގުޅިގެން އެކްސްގައި ކުރެއްވި ތަހުނިޔާ ޕޯސްޓެއްގަ އެވެ.
މިނިވަންދުވަހާ ގުޅިގެން އެކްސްގައި ކުރެއްވި މި ޕޯސްޓުގައި ރައީސް ޔާމީން ވިދާޅުވީ ދިވެހިރާއްޖޭގެ 60 ވަނަ މިނިވަން ދުވަހުގެ ތަހުނިޔާއާއި މުބާރަކުބާދީ ހުރިހާ ރައްޔިތުންނަށް އަރިސްކުރައްވާ ކަމަށެވެ. އެއަށްފަހު އެމަނިކުފާނުގެ ޕޯސްޓުގައި ރާއްޖެ ތާއަބަދު މިނިވަންކަންމަތީ ދެމެހެއްޓެވުން އެދިވަޑައިގެން ދުއާކުރެއްވުމާއެކު، ރާއްޖެއަށް ފުރިހަމަ މިނިވަންކަން އިއާދަކޮށްދެއްވުން އެދިވަޑައިގެން ދުއާކުރެއްވި އެވެ.
މީގެ ކުރިން ރައީސް ޔާމީނުގެ ޕީޕަލްސް ނޭޝަނަލް ފްރަންޓުން ބޭއްވި ޖަލްސާއެއްގައި ވާހަކަދައްކަވަމުން ރައީސް ޔާމީނު ވިދާޅުވެފައި ވަނީ، ރާއްޖެއަކީ ފުރިހަމަ މިނިވަންކަން ލިބިފައި އޮތް ގައުމެއްކަމުގައި ގަބޫލުނުކުރައްވާ ކަމަށެވެ.
އެގޮތުން ރާއްޖޭގެ ހާރިޖީ އަދި ދާހިލީ ކަންކަމުގެ މައްޗަށް އިންޑިޔާއިން ނުފޫޒު ފޯރުވާކަމަށް ތުހުމަތުކުރައްވައި އެމަނިކުފާނު ވާހަކަފުޅު ދެއްކެވި އެވެ.
ރައީސް ޔާމީނުގެ ވެރިކަން ނިމުނު ހިސާބުން ފެށިގެން އެމަނިިކުފާނު ގެންދަވަނީ ރާއްޖޭގެ ދާހިލީ ކަންކަމުގެ ތެރެއަށް އިންޑިއާއިން ނުފޫޒު ފޯރުވަމުންދާ ކަމަށް ތުހުމަތުކުރައްވައި، ރާއްޖޭގެ މިނިވަން ކަމަށް އިންޑިޔާގެ ސަބަބުން އުނިކަން ލިބޭ ކަމަށް ވިދާޅުވެ، އިންޑިޔާއާ ދެކޮޅަށް އަޑުއުފުއްލަވަމުންނެވެ.