ޣައްޒާގައި ޔަހޫދީ ފައުޖުން ހިންގަމުންދާ ގަތުލުއާއްމު ހުއްޓާލުމާ ބެހޭ މަޝްވަރާތަކުން ވަކިވުމަށްފަހު، ހަމާސް ނައްތާލަން އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އަންގައިފި އެވެ.
ޣައްޒާގެ ގަތުލުއާއްމު މަދު ހަފްތާތަކެއްގެ ތެރޭގައި ހުއްޓާ، ޣައްޒާއަށް އިންސާނީ އެހީ އެތެރެކުރެވޭނެ ކަމުގެ ޔަގީންކަން މީގެ ކުރިން ޓްރަމްޕް ދިން ނަމަވެސް، ހަމާސުން އެއްބާރުލުން ނުދޭކަމަށް ބުނެ އެމެރިކާއިން މަޝްވަރާތަކުން ވަކިވިފަހުން ޓްރަމްޕް ވެސް ވަނީ އޭނާގެ ހިޔާލު ވެސް ބަދަލުކޮށްފަ އެވެ.
އެއާއެކު އޭނާ ވަނީ ޣައްޒާގައި ކުޑަކުދިން ބަނޑަށްޖެހޭތީ ދުނިޔެއިން ކަންބޮޑުވުން ފާޅުކުރަމުން ދިޔަ ނަމަވެސް، މިއީ އިޒްރޭލުން އެމީހުން ޣައްޒާގައި ހިންގަމުންދާ އުދުވާން ފުޅާކުރަންވީ ވަގުތުކަމަށް ބުނެފަ އެވެ.
މިގޮތުން ޓްރަމްޕް ބުނީ ހަމާސުން ބޭނުންވަނީ ޝަހީދުވާން ކަމަށާއި، މިހާރު ހަމާސާ އާއި ދެކޮޅަށް ޔަހޫދީން ކުރާ "މަސައްކަތް ނިންމާލަން ޖެހޭ" ކަމަށެވެ.
އެމެރިކާ އަކީ ޔަހޫދީންނަށް އެންމެ ބޮޑަށް ވާގިވެރިވާ ގައުމަށްވާއިރު، ޓްރަމްޕް ވެރިކަމާ ހަވާލުވި ފަހުން އޭނާ ވަނީ ޣައްޒާގެ ރައްޔިތުން ކައިރި ގައުމުތަކަށް ބަދަލުކޮށް، އެތަނަކީ ހަބެއްގެ ގޮތުގައި ތަރައްގީ ކުރަން ޖެހޭ ތަނެއް ކަމަށް ތަކުރާރުކޮަށް ބުނެފަ އެވެ. މިކަމާ ގުޅިގެން އޭނާ އަށް ބޭރު ދުނިޔޭގެ ފާޑުކިޔުންވެސް އަމާޒުވި އެވެ.