ބާޒާރުން ފިޔާ ލިބުން ދަތިވެފައިވައި ވާއިރު، ބައެއް ފިހާރަތަކުން ފިޔާ ކިލޯއެއްގެ އަގު 70ރ އިން މައްޗަށް އުފުލިއްޖެ އެވެ.
މާލޭގެ ބާޒާރުގެ ގިނަ ފިހާރަތަކުން ފިޔާ ހުސްވެފައިވާއިރު، ބައެއް ފިހާރަތަކުން ވަނީ ފިޔާ ވިއްކުން ހުއްޓާލާފަ އެވެ. އަދި އަނެއްބައި ފިހާރަތަކުން ވަނީ ފިޔާގެ އަގު ވަރަށް ބޮޑަށް އުފުލާލާފަ އެވެ. އެގޮތުން މާލޭގެ ބައެއް ފިހާރަތަކާއި، ހުޅުމާލޭ ފޭސް އެކެއްގެ މާރުކޭޓުގައި ފިޔާ ކިލޯއެއް ކިއްކަމުން ދަނީ 70ރ އާއި 75ރ. އާ ދޭތެރޭގެ އަގުތަކެއްގަ އެވެ.
"ހުރިހާ" އިން ބެލިބެލުމުން ފިހާރަތަކުގައި މިހާރު އެންމެ އަގުހެޔޮވެގެން ވެސް ފިޔާ ކިލޯއެއް ލިބެން ހުރީ 35 ރުފިޔާއަށެވެ. ބާޒާރުން ފިޔާ ލިބުން ދަތިވެފައިވާ މި ދަނޑިވަޅުގައި އަމިއްލަ ފަރާތަކުން މިއަދު އެތެރެކޮށް ކްލިއާ ކުރި ފިޔާ ޝިޕްމަންޓު ބާޒާރަށް ނެރެ، ކިލޯއެއް ވިއްކަމުން ގެންދަނީ 35ރ. އަށެވެ.
ބާޒާރުން ފިޔާ ހުސްވެފައިވަނީ މޫސުން ގޯސްވުމުގެ ސަބަބުން ވިޔަފާރި ބަނދަރުން ފިޔާ ނެރުމުގައި ތާށިކަމެއް އައުމުންނެވެ. ނަމަވެސް މިއަދުގެ ވަގުތެއްގައި ފިހާރަތަކަށް ފިޔާ ލިބޭނޭކަމަށް ވިޔަފާރިވެރިން ވަނީ ބުނެފަ އެވެ.
މާލޭ ބާޒާރުގައި ފިޔާ ލިބުން ދަތިވުމާ ގުޅިގެން ފިޔާގެ އަގު އުފުލިފައިވާއިރު، ފިޔާގެ އަގު ހިފެހެއްޓުމަށްޓަކައި އެސްޓީއޯއިން ވެސް ފިޔާ ޝިޕްމަންޓެއް ގެނައުމުގެ މަސައްކަތް އަންނަނީ ކުރަމުން ކަމަށް އެ ކުންފުނިން ވަނީ ބުނެފަ އެވެ. އެ ޝިޕްމަންޓު ގެނެވޭނެ ދުވަހެއް ނޭންގުނު ނަމަވެސް މާ ލަސްތަކެއް ނުވެ ޝިޕްމަންޓް ލިބޭނެ ކަމަށް އެސްޓީއޯން ބުނެ އެވެ.
އެސްޓީއޯއިން ވަނީ މީގެ ކުރިން ވެސް ފިޔާ ލިބުން ދަތިވުމާ ގުޅިގެން ބާޒާރަށް ފިޔާ ނެރެފަ އެވެ.
މާލޭގެ ބައެއް ފިހާރަތަކުން ފިޔާ ކިލޯއެއްގެ އަގު 75 ރުފިޔާއަށް އުފުލާލާފައިވާއިރު، މިއީ ފިޔާ ކިލޯއެއްގެ އަގު މިހާ ބޮޑަށް އުފުލުނު ފުރަތަމަ ފަހަރެވެ. ފިޔާ ލިބުން ދަތިވުމާ ގުޅިގެން ބައެއް ފިހާރަތަކުން ފިޔާ ވިއްކުން މަޑުޖައްސާލާފައި ވަނީ ގަސްތުގައި ފިޔާގެ އަގުބޮޑުކުރުމުގެ ނިޔަތުގައި ކަމަށް ބައެއް ފަރާތްތަކުން ވަނީ ފާހަގަކޮށްފަ އެވެ.
ވިޔަފާރިވެރިން އާންމުކޮށް ހަފްތާއަކު އެއްފަހަރު ރާއްޖެއަށް ފިޔާ އެތެރެކުރެ އެވެ. މި ދުވަސްކޮޅު ފިޔާ ލިބުން ދަތިވީ މޫސުން ގޯސްވުމާ ގުޅިގެން ވިޔަފާރިވެރިންނަށް ފިޔާ އެތެރެ ނުކުރެވި ގިނަ ދުވަސްތަކެއް ވުމުންނެވެ.
އާންމުކޮށް ފިހާރަތަކުގައި ފިޔާ ވިއްކަނީ ކިލޯއެއް 15ރ.ގެ މަގުންނެވެ. އަދި ބާޒާރުން އެއަށް ވުރެ ވެސް އަގުހެޔޮކޮށް ލިބެން ހުރެ އެވެ.