މިނިވަން ފަލަސްޠީނު ދައުލަތެއް ޤާއިމު ނުކުރެވޭހާ ހިނދަކު ހަތިޔާރު ނުބަހައްޓާނެ ކަމަށް ފަލަސްތީނުގެ ދިފާއުގައި ހަނގުރާމަ ކުރަމުން އަންނަ ހަމާސް ޖަމާއަތުން ބުނެފި އެވެ.
ހަމާސް ޖަމާއަތުން މިފަދައިން ބުނެފައި އެވަނީ ފަލަސްތީނުގެ ރައީސް މަހުމޫދު އައްބާސް އެ ޖަމާއަތަށް ހަތިޔާރު ބަހައްޓަން ގޮވާލި ގޮވާލުމަށް ދިން ރައްދެއްގެ ގޮތުގަ އެވެ.
މިއީ ޣައްޒާގެ ހަނގުރާމަ ހުއްޓާލުމަށް އިސްރާއީލުން ކުރާ މުހިންމު އެއް ޑިމާންޑަށް ހަމާސް އިން ދިން ޖަވާބު ވެސް މެ އެވެ.
ޣައްޒާގެ ހަނގުރާމަ 60 ދުވަހުގެ މުއްދަތައް މެދުކަނޑާލުމަށާއި ރަހީނުން ދޫކޮށްލުމުގެ އެއްބަސްވުމަކަށް ވާސިލުވުމަށް ހަމާސް އާއި އިސްރާއީލާ ދެމެދު ކުރެވުނު ނުސީދާ މަޝްވަރާތައް ނިމިގެން ދިޔައީ ފާއިތުވި ހަފުތާގައި އެއްވެސް ނަތީޖާއެއް ނުނެރެވި އެވެ.
ހަނގުރާމަ ވަގުތީ ގޮތުން ހުއްޓުމަކަށް ގެނައުމުގެ މަސައްކަތުގައި މެދުވެރިންގެ ގޮތުގައި ހަރަކާތްތެރިވާ ގަތަރާއި މިސްރުން، އަދި ފަރަންސޭސި ވިލާތާއި ސައުދީ އަރަބިއްޔާ އިން އިސްރާއީލު-ފަލަސްތީނުގެ މައްސަލަ އަށް ދެ ދައުލަތުގެ ހައްލެއް ހޯދުމަށް އަޅަންޖެހޭ ފިޔަވަޅުތަކުގެ ތެރެއިން ހަމާސް އިން އެ ޖަމާއަތުގެ ހަތިޔާރުތައް ހަވާލުކުރަން ޖެހޭނީ ހުޅަނގުގެ ތާއީދު ލިބިފައިވާ ފަލަސްތީނުގެ އޮތޯރިޓީއަށް ކަމަށް ބުނެފައިވާ ބުނުމަށް ތާއީދު ކޮށްފައިވެ އެވެ.
މިވަގުތު ޣައްޒާގެ ވެރިކަން ކުރަމުން އަންނަ، ހަމާސްއިން ނެރުނު ބަޔާނުގައި ބުނެފައި ވަނީ "މިނިވަން، ފުރިހަމަ އަމިއްލަ ވެރިކަމެއް އޮތް، ވެރި ރަށުގެ ގޮތުގައި ބައިތުލްމަޤްދިސް އޮންނަ ގޮތައް ފަލަސްޠީނު ދައުލަތެއް" ގާއިމު ނުކުރެވޭހާ ހިނދަކު ހަތިޔާރު ދޫނުކުރެވޭނެ ކަމަށެވެ.
އިސްރާއީލުން ދެކޭގޮތުގައި ހަމާސް ހަތިޔާރު ބެހެއްޓުމަކީ ހަނގުރާމަ ނިންމުމަށް ވެވޭ ކޮންމެ އެއްބަސްވުމެއްގައި ވިޔަސް ހިމެނެންޖެހޭ މުހިންމު ޝަރުތެކެވެ. ނަމަވެސް ހަމާސް އިން ތަކުރާރުކޮށް ބުނެފައި ވަނީ އެ ޖަމާއަތުން ހަތިޔާރު ބެހެއްޓުމަށް ތައްޔާރު ނޫން ކަމަށެވެ.
ފާއިތުވި މަހު، އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ވިދާޅުވެފައި ވަނީ ކުރިމަގުގައި މިނިވަން ފަލަސްޠީނު ދައުލަތެއް އުފެދުމަކީ އިސްރާއީލު ފަނާކުރުމަށް ބޭނުން ކުރެވޭނެ އުކުޅެއް ކަމަށާއި، އެހެން ކަމުން ފަލަސްޠީނުގެ ސަރަޙައްދުތަކުގެ ސަލާމަތީ ބާރު އޮންނަން ޖެހޭނީ އިސްރާއީލުގެ އަތުގައި ކަމަށެވެ.
އިނގިރޭސިވިލާތާއި ކެނެޑާ ފަދަ ގައުމުތަކުން އިސްރާއީލުގެ ހަމަލާތަކާއި ބްލޮކޭޑުގެ ސަބަބުން ޣައްޒާ އަށް ލިބިފައިވާ ބޮޑެތި ގެއްލުންތަކަށް އިޖާބަ ދިނުމުގެ ގޮތުން ފަލަސްތީނު ދައުލަތެއް ބަލައިގަތުމުގެ ވިސްނުން އިޢުލާނުކޮށްފައިވާތީ އެކަމަށް ވެސް ނަތަންޔާހޫ ވަނީ ފާޑު ވިދާޅުވެފައެވެ. އޭނާ މިކަން ސިފަކޮށްފައި ވަނީ ހަމާސްގެ ޢަމަލުތަކަށް ދެވޭ ހިތްވަރެއްގެ ގޮތުގަ އެވެ.
މި ހަނގުރާމަ ފެށުނީ 2023 ވަނަ އަހަރުގެ އޮކްޓޯބަރު 7 ވަނަ ދުވަހު އެވެ.
އޭގެ ފަހުން އިސްރާއީލުން ޣައްޒާ އަށް ދިން ހަމަލާތަކުގެ ސަބަބުން އެ ސަރަޙައްދުގެ ބޮޑު ބައެއް ވަނީ ވީރާނާވެފަ އެވެ. މި ހަމަލާތަކުގައި 60,000 އަށްވުރެ ގިނަ ފަލަސްޠީނު މީހުން ޝަހީދުވެ އިންސާނީ ބޮޑު ކާރިސާ އެއް ވަނީ ކުރިމަތިވެފައިވެ އެވެ.