މަރުކަޒީ ބޭންކުގެ ފައިނޭންޝަލް އިންޓެލިޖެންސް ޔުނިޓް (އެފްއައިޔޫ)ގެ އާ ވެރިޔާގެ މަގާމަށް އިސްމާއިލް ސާޖިދު އައްޔަނުކޮށްފި އެވެ.
މި މަގާމަށް ސާޖިދު އައްޔަނުކޮށްފައިވަނީ ބާރަށު ދާއިރާގެ މެންބަރު އަދި ޕީއެންސީގެ ނައިބު ރައީސް އިބްރާހިމް ޝުޖާއުއަށް ކޮރަޕްޝަނާއި ނުހައްގު މުއްސަދިކަން ހޯދިކަމުގެ ތުހުމަތުކޮށް އެފްއައިޔޫ އިން ތައްޔާރުކޮށްފައިވާ ރިޕޯޓެއް ލީކުވިތާ 24 ގަޑިއިރު ނުވަނީސް، އެ ޔުނިޓުގެ ކުރީގެ ވެރިޔާ އަބްދު الله އަޝްރަފު އެމަގާމުން ވަކިކުރުމަށް ފަހު އެވެ.
މިކަމާ ގުޅޭގޮތުން އެމްއެމްއޭއިން ބުނީ، މިއީ އެ އޮތޯރިޓީގެ ހިންގުން ހަރުދަނާކުރުމަށް ގެންނަމުންދާ ސްޓަރަކްޗަރަލް ބަދަލެއް ކަމަށާއި، އަޝްރަފު މިހާރު ބަދަލުކޮށްފައިވަނީ ހެޑް އޮފް ރިސްކް އެންޑް ކޮމްޕަޔަލަންސަށް ކަމަށެވެ.
"އެމްއެމްއޭގެ ހިންގުން ހަރުދަނާކުރުމަށް ގެންނަމުންދާ ސްޓަރަކްޗަރަލް ބަދަލުތަކުގެ ތެރެއިން، 04 އޯގަސްޓު 2025 ވާ ހޯމަ ދުވަހުން ފެށިގެން، ފައިނޭންޝިއަލް އިންޓެލިޖެންސް ޔުނިޓުގެ ހެޑްގެ މަޤާމަށް އިސްމައިލް ސާޖިދުވަނީ އައްޔަނުކޮށްފައި. ފައިނޭންޝިއަލް އިންޓެލިޖެންސް ޔުނިޓުގެ ހެޑްގެ މަޤާމުގައި ކުރިން ހުރި އަލްއުސްތާޛް އަބްދު الله އަޝްރަފު، 31 ޖުލައި 2025 ގައި ވަނީ ހެޑް އޮފް ރިސްކް އެންޑް ކޮމްޕަޔަލަންސަށް ބަދަލުކޮށްފައި" އެމްއެމްއޭއިން ބުނެ އެވެ.
ޝުޖާއުގެ ހިއްސާ އޮންނަ އޮފިޝަލް އިވެންޓްސް އާއި އޭނާއާ ގުޅުން އޮންނަ އިތުރު ކުންފުނިތަކަކުން ހިންގި މުއާމަލާތްތަކާ ގުޅޭ ގޮތުން އެފްއައިޔޫއިން ތައްޔާރުކުރި ކަމަށް ބުނާ ރިޕޯޓެއް ސޯޝަލް މީޑިއާގައި އިއްޔެ އާންމުވެފައިވާއިރު، އޭގައިވާގޮތުުން، އެމްއެމްއޭގެ އެފްއައިޔޫއަށް ފާހަގަވި ބައެއް މުއާމަލާތްތަކުގެ ތެރޭގައި ފިނޭންސް މިނިސްޓްރިން 13 ނޮވެމްބަރު 2023ގައި ސިވެކަށް 23 މިލިއަން ރުފިޔާ ދެއްކި ކަމަށާއި އަދި އެއީ ރައީސް މުހައްމަދު މުއިއްޒު ހުވާކުރެއްވުމުގެ ރަސްމިއްޔާތަށް ހަރަދުކުރުމަށެވެ.
އޭގެ ތެރެއިން 13 މިލިއަން ރުފިޔާ ސިވެކުން ޖަމާކުރީ އޮފިޝަލް އިވެންޓްސްއަށް ކަމަށާއި ހަމަ އެ އިވެންޓާ ގުޅުވައިގެން ސިވެކުން ޑީކިއު ހޯލްޑިންސްއަށް 4.2 މިލިއަން ރުފިޔާ އަދި ކުއިކް ޝުއާއަށް 2.3 މިލިއަން ރުފިޔާ ޖަމާކުރި ކަން ވަނީ ހާމަވެފަ އެވެ،
އޭގެ އިތުރުން މާލޭ ސިޓީ ކައުންސިލް، ވެމްކޯ، އެޗުޑީސީ، އެމްއޭސީއެލް އަދި އެސްޓީއޯއިން ވެސް ބޮޑެތި އަދަދުތަކުން އޮފިޝަލް އިވެންޓްސްއަށް ފައިސާ ލިބިފައިވާ ކަމަށް އާންމުވެފައިވާ ރިޕޯޓުން ދައްކަ އެވެ.
އެފްއައިޔޫއަކީ މަނީ ލޯންޑަރިން އާއި ޓެރަރިޒަމަށް ފައިނޭންސް ކުރުން ހުއްޓުވުމުގެ ގާނޫނުގެ ދަށުން އެމްއެމްއޭގައި ގާއިމުކޮށްފައިވާ ޔުނިޓެކެވެ. އެ ޔުނިޓުގެ މައިގަނޑު މަސްއޫލިއްޔަތުތަކަކީ މާލީ މުއާމަލާތްތައް މޮނީޓަރުކޮށް، އެފަދަ މުއާމަލާތެއް މެދުވެރިކޮށް ކުށް ކުރުމަށް އަރައިގަނޭތޯ ދެނެގަނެ، މަނީ ލޯންޑާ ކުރުން ހުއްޓުވުމަށް ފިޔަވަޅު އެޅުމަށް އިދާރާތަކާ އެކު މަސައްކަތް ކުރުމެވެ.
އެފްއައިޔޫގެ ރިޕޯޓުތައް ދޭތެރެދޭތެރެއިން ލީކުވި ނަމަވެސް މިހާތަނަށް މިފަދަ މައްސަލަތަކުގައި އެކަށީގެންވާ އެއްވެސް ފިޔަވަޅެއް ދައުލަތުގެ އިދާރާތަކުން އަޅާފައި ނުވެ އެވެ.
ސޯޝަލް މީޑިއާގައި 24 ގަނޑުގެ މި ރިޕޯޓު ލީކުކޮށްލީ ކާކުކަން ނޭނގޭ ގޮތަށް އެކްސްގައި ހިންގަމުން އަންނަ "ހަސަން ކުރުސީ" އެކައުންޓުންނެވެ.
އެ ރިޕޯޓު ލީކުވުމުން ޝުޖާއު ވިދާޅުވި ގޮތުގައި އޭނާއަށް އެ ކަމުގެ މައުލޫމާތު އެއްވެސް އިދާރާއަކުން ހިއްސާކޮށްފައި ނުވާތީ އެއީ އަސްލެއް ނުވަތަ ފޭކެއް ކަން ދަންނަވަން ނޭނގެ އެވެ.