މީގެ އެތައް ގަރުނެއް ކުރިން ހަދާފައިވާ އެއްބަސްވުމާ ހިލާފުވެ، ޔަހޫދީ ދައުލަތުގެ ސެކިއުރިޓީ މިނިސްޓަރު އިޓަމާރު ބެން ގަވިރް، ފަލަސްތީނުގެ ބައިތުލްމަގްދިސްގައި ހުންނަ މުސްލިމުންގެ ތިންވަނައަށް އެންމެ މުގައްދަސް ބިނާ ކަމުގައިވާ މަސްޖިދުލްއަގްސާއަށް ވަދެ އަޅުކަން ކޮށްފި އެވެ.
އެތައް ގަރުނެއް ކުރިން މުސްލިމު މުއައްސަސާތަކުން ހަދާފައިވާ "ސްޓޭޓްސް ކުއޯ" އެއްބަސްވުމުގެ ދަށުން އަލް އަގްސާ މިސްކިތުގެ ގޯތިތެރެއަށް ޒިޔާރަތްކުރެވުނު ނަމަވެސް އެތަނުގައި އަޅުކަމެއް ނުކުރެވޭނެ އެވެ.
އެހެންނަމަވެސް މި އެއްބަސްވުމަށް ގޮންޖެހުމަށްފަހު، ފަލަސްތީނުގެ ބިމުން އެގައުމުގެ ރައްޔިތުން ބޭލުވުމަށް އެންމެ ވަރުގަދައަށް ވަކާލާތު ކުރާ އެކަކު ކަމަށްވާ ބެން ގަވިރް ވަދެ، އަޅުކަން ކުރާ މަންޒަރު ފެންނަ ވީޑިއޯއެއް ވަނީ މިހާރު އާއްމުވެފަ އެވެ.
މިކަމާ ގުޅިގެން ފަލަސްތީނުގެ ރައީސް، މަހްމޫދު އައްބާސްގެ ތަރުޖަމާނު ވަނީ މިއީ ރޮނގު ހުރަސްކުރުން ކަމަށް ވިދާޅުވެ، އެ އަމަލު ކުށްވެރިކުރައްވާފަ އެވެ.
އިޒްރޭލުގެ އަނިޔާވެރި ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ވަނީ ބެން ގަވިރުގެ މިފަދައިން އަމަލު ކުރި ނަމަވެސް "ސްޓޭޓްސް ކުއޯ" އެއްބަސްވުމާމެދު ޔަހޫދީން ދެކޭ ގޮތް ބަދަލު ނުވާ ކަމަށާއި، އެ އެއްބަސްވުމާ ހިލާފު ނުވާނެ ކަމަށް ބުނެފަ އެވެ.
ޣައްޒާގައި ޔަހޫދީ ފައުޖުން ހިންގާ ގަތުލުއާއްމުގައި އިސް ރޯލެއް އަދާކުރާ ބެން ގަވިރް އަކީ ޓެރަރިޒަމާއި، އަރަބިންނާ ދެކޮޅަށް ނަސްލީ ތަފާތުކުރުން ގެންގުޅުމުގެ ކުށް ސާބިތުވެފައިވާ މީހެކެވެ. އަދި މީނާ ވަނީ މީގެ ކުރިންވެސް ޔަހޫދީންގެ ހިތާމައިގެ ދުވަހެއް ކަމަށްވާ ތިޝާ ބާވް އަލް އަގްސާ މިސްކިތުގައި ކުރިއަށް ގެންގޮސްފަ އެވެ.